ބޮލީވުޑުގެ ބަތަލާ ޖެކުއެލިން ފެނާންޑެޒް ބޮލީވުޑު ފިލުމު އިންޑަސްޓްރީގައި ކާމިޔާބު އެތައް ފިލުމެއް ކުޅުމަށް ފަހު ހޮލީވުޑަށް ދިޔުމަށް ތައްޔާރުވެއްޖެއެވެ. ޖެކްއެލިންގެ ހޮލީވުޑުގެ ފުރަތަމަ ފިލުމަކީ ''ވުމެންސް ސްޓޯރީސް'' ނަމަކަށް ކިޔާ ފިލުމެކެވެ.

ހަ ބަޔަކަށް ބަހައިލައިގެން ނެރުމަށް ހަމަޖެހިފައިވާ މި ފިލުމު ޑައިރެކްޓް ކުރަނީ ވެސް އަންހެން ޑައިރެކްޓަރުންނެވެ. އަދި މި ފިލުމުގެ މުޅި ކާސްޓުގައި ވެސް ގިނަވާނީ އަންހެނުން ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

ޑެޑްލައިން ނޫހުގެ ރިޕޯޓްތަކުން ބުނާގޮތުގައި ''ވުމެންސް ސްޓޯރީސް'' ގެ ލީނާ ޔާދަވް ޑައިރެކްޓް ކުރާ ބައިގައި ފެނިގެން ދާނީ ޖެކްއެލިންއާއި އަންޖަލީ ލާމާއެވެ. ލީނާ ޔާދަވް ޑައިރެކްޓް ކުރާ މި ބަޔަށް ދެވިފައިވާ ނަމަކީ ''ޝެއަރިން އަ ރައިޑް'' އެވެ.

އިރްވެލިނޯ އެންޓަޓެއިންމަންޓާއި ''ވީ ޑޫ އިޓް ޓްގެދަރ'' ޕްރޮޑަކްޝަން ކޮމްޕެނީއިން ޕްރޮޑިއުސްކުރާ މި ފިލުމުގެ އެހެން ބައިތައް ޑައިރެކްޓް ކުރާނެ ކަމަށް ބެލެވެނީ މާރިޔާ ސޮލޭ ޓޮގްނަޒީއާއި ލޫސިއާ ޕުއެންޒޯއާއި ކެތަރިން ހާޑްވިކީ ފަދަ ޑައިރެކްޓަރުންނެވެ.

''ވުމެންސް ސްޓޯރީސް'' މި ފިލުމުގެ އެކި ބައިތަކުން ދައްކުވައިދޭނީ ދިރިއުޅުމުގެ ތަފާތު ހާލަތްތަކުގައި އަންހެނުން މަސައްކަތް ކުރާ އަދި އެކަންކަމާއި ކުރިމަތިލާ ގޮތެވެ.

މި ފިލުމުގެ އެކި ބައިތަކުން ފެނިގެންދާނީ ކެރޭ ޑެލަވިގްނޭ، އެވާ ލޮންގޯރިއާ، މާގެރީޓާ ބައި، މާސިޔާ ގޭ ހާޑަން، ލިއޮނާ ވަރޭލާ ފަދަ ފަންނާނުންނެވެ.

އަންހެނުންނާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުޅޭ މި ފިލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންހެނުން ޑައިރެކްޓަރުން ގެނެސްފައިވާނެ ކަމަށާއި މިއީ ބަލަން ވަރަށް ރަނގަޅު އަދި އެހާމެ މުހިއްމު ފިލުމެއް ކަމަށް ވެސް ޕްރޮޑަކްޝަން ޓީމުން ބުނެފައިވެއެވެ.