ޕްރިންސް ހެރީ އާއި މޭގަން މާކެލް ކައިވެނި ކުރުމުގެ ކުރިން ގިނަ އަދަދެއްގެ ފައިސާ ހޯދަން މޭގަންގެ ބައްޕަ ތޯމަސް މާކެލް މޭގަންގެ ކިބައިން ދެފަހަރެއްގެ މަތިން އެދުނު ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މޭގަން އާއި ހެރީގެ ކައިވެނީގެ ހަފްތާލާގައި ތޯމަަސް ބައިވެރިވާ ގޮތައް ފުރަތަމަ ހަމަޖެހިފައި އޮތް ނަމަވެސް ފަހުން ވަނީ އެކަން ކެންސަލް ކޮށްފައެވެ. އެއީ ކުއްލިއަކަށް ތޯމަސްގެ ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހުމުންނެވެ.

މޭގަން ކައިވެނި ކުރަން ތައްޔާރުވެފައި ވަނިކޮށް އޭނާގެ އަތުން ފައިސާ ހޯދަން ތޯމަސް ހެދުނު ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް ތޯމަސް ވަނީ އެކަން ދޮގު ކޮށްފައެވެ. ތޯމަސް ބުނީ އެފަދަ ކަމަކަށް ދަރިފުޅުގެ ކިބައިން އެދިފައި ނުވާނެ ކަމަށެވެ.

ކުރިން ހޮލީވްޑްގެ ލައިޓިން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު މިހާރު ރިޓަޔާ ކޮށްފައިވާ ތޯމަސް ބުނީ މޭގަން އާއި ދެކެވޭ ވާހަކަތަކުގައި ފައިސާގެ ވާހަކަ ނުދައްކާ ކަމަށާއި ނަމަވެސް އޭނާ އަށް ދަތިކަމެއް ދިމާވެއްޖެނަމަ މޭގަން އެކަން ހައްލުކޮށްދޭ ކަމަށެވެ.

މޭގަންގެ ބައްޕަ މޭގަންގެ ކިބައިން ފައިސާ ހޯދަން އެދުނު ކަމަށް ބުނާ ރިޕޯޓާއި ގުޅިގެން މޭގަން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މޭގަން ކުޑައިރު އޭނާގެ މަންމަ އާއި ބައްޕަ ވަނީ ވަރިވެފައެވެ. އެހެންކަމުން މޭގަންގެ އާއިލާ އަކީ އާއިލީ ގުޅުން މާރަނގަޅަށް އޮތް އާއިލާ އެއް ނޫނެވެ. ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނީގެ ޕާޓީ އަށް މޭގަންގެ އާއިލާގެ ފަރާތުން ހާޒިރުވީ ވެސް މޭގަންގެ މަންމަ އެކަންޏެވެ.