ދުނިޔޭގެ މަޝްހޫރު ޓެކް ކުންފުނި އެޕަލް އިން ނެރޭ އެޕަލް ވޮޗް ހަތެއްގައި ލޭގައި ހުންނަ ގުލްކޯޒް މޮނިޓަ ކުރެވޭނެ ނިޒާމު ހުންނާނެ ކަމަށް އީޓީ ނިއުސް އިން ރިޕޯޓު ކޮށްފިއެވެ. މިއީ އޮޕްޓިކަލް ސެންސަރުގެ އެހީގައި ކުރެވޭ ކަމެއް ކަމަށް އެ ނޫހުން ރިޕޯޓު ކުރެއެވެ.

ސެމްސަންގް ވޮޗް ހަތަރެއްގައި ހިމެނޭ ފީޗައެއް ކަމަށްވާ ލޭގައި ހުންނަ ގްލްކޯޒްގެ މިންވަރު ދެނެގަނެވޭ ފީޗާގެ ވާހަކަތައް ބޮޑަށް ގެނެސްދީފައިވާ އީޓީ ނޫހުގައި ބުނެފައި ވަނީ މިފަދަ ފީޗާ އެއް އެޕަލް އިން ދެން ނެރޭ ގަޑީގައި ވެސް ހިމެނޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު އެނގޭ ކަމުގައިވާ ނަމަ އެ ކަމަކީ ބަލި މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެހީވެދޭ ކަމަކަށްވާ އިރު މިފަދަ ގޮތަކަށް ސެންސަރެއްގެ އެހީގައި ލޭގެ ސާމްޕަލެއް ނުނަގައި މިކަން ކުރެވޭނެ ގޮތް ވުމަކީ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެން ދާނެ ކަމެކެވެ.

އެޕަލް އިން އުފައްދާ އޮޕްޓިކަލް ސެންސަރަކީ ހަމާއި އެއްވެސް ގޮތަކަށް ގުޅިފައި ހުންނަ ސެންސަރަކަށް ނުވާއިރު މި އީޖާދު ނެރުމަށް މީގެ ކުރީގައިވެސް އެ ކުންފުނިން މަސައްކަތް ކުރި ކަމަށް މައުލޫމާތު ލިބެއެވެ.

އެޕަލް ކުންފުނިން ވަނީ ބަޔޯމެޑިކަލް އިންޖިނިއާސް އަދި ޑޮކްޓަރުންގެ ޓީމަކާއެކު ބްލަޑް ޝުގާ ލެވެލް ދެނެގަނެވޭނެ ސެންސަރު އުފެއްދުމަށް 2017 ވަނަ އަހަރު މަސައްކަތްކޮށްފައެވެ.

ފާއިތުވި އަހަރު ތަކުގައި އެޕަލް ކުންފުނިން ދަނީ އެ ކުންފުނިން ނެރެމުން އަންނަ ގަޑީގައި ހަށިގަނޑުގައި ހުންނަ އޮކްސިޖަން މިންވަރު ދެނެގަނެވޭނެ ނިޒާމުތަކާއި އީސީޖީ ނެގޭނެ ނިޒާމުވެސް ހިމަނައިފައެވެ.

މިއަހަރުގެ ފަހުކޮޅު އެޕަލް ވޮޗް ހަތެއް ނެރެން ހަމަޖެހިފައިވާއިރު އެ ގަޑީގައި ހިމަނާނެ ބައެއް ފީޗާތަކާއި ގުޅޭ އެކި އެކި ވާހަކަތައް ދެކެވެއެވެ. އެގޮތުން އެ ގަޑީގައި މައިކްރޯލެޑް ޑިސްޕްލެއި އާއި ސޮލިޑް-ސްޓޭޓް ބަޓަންތައް ހުންނާނެ ވާހަކަތައްވެސް ވަނީ ދެކެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު