އަހަރެންނަކީ އަމިއްލަ ވިޔަފާރިކުރާ ޒުވާނަކީމެވެ. އަހަރެންގެ މައިންބަފައިންގެ ވިޔަފާރީގައި އަހަރެން ބައިވެރިވީ އުމުރުން އެންމެ ސޯޅަ އަހަރުގައެވެ. މާލޭގައި އަޅާ ބޮޑެތި ހޮޓަލްތަކާއި ރެސްޓޯރެންޓްތަކުގެ ގިނަ މަސައްކަތް ކުރަނީ އަހަރެމެންގެ ކުންފުނިންނެވެ. އެތަނެއްގެ ކުރެހުމުން ފެށިގެން ޑިޒައިންގެ ހުރިހާ ކަމެއް އަހަރެމެންނާ ހަވާލުކުރެވެއެވެ. މިގޮތަށް ލިބުނު ވަރަށް ބޮޑު ޕްރޮޖެކްޓެއްގެ ކުރެހުން ނިންމުމަށް އަހަރެންނާއި އަހަރެންގެ އެކުވެރި ދެކުދިން ވަރަށް ބުރަކޮށް އުޅުނު ދުވަސްވަރެކެވެ. އެއް ހަފްތާ ނިމުނުއިރުވެސް މަސައްކަތް ބުރަ ކަމުން އެހަފްތާ ނިމުނުއިރުވެސް އަހަރެމެންނަކަށް ނޭނގުނެވެ. އެހާ ބުރަކޮށް އުޅުމުން ލިބުނު ހަފްތާ ބަންދުގައި އަހަރެމެން ނިންމީ ހުޅުމާލެ ދަތުރު ދިއުމަށެވެ. އެހެންކަމުން އަހަރެންނާއި އަހަރެންގެ އަންހެނުން އަދި އެކުވެރި ފާއިޒްއާއި ލިސާންއާއެކު އަހަރެމެން ބުރާސްފަތި ދުވަހު ހަވީރު ހުޅުމާލެ ދިޔައީމެވެ.

ހުޅުމާލޭގައި ހުންނަ އަހަރެމެންގެ ހިއްސާ އޮންނަ ގެސްޓް ހައުސްއެއްގެ ދެކޮޓަރި ނަގައިގެން އަހަރެމެން ކުރި މިދަތުރުގައި އެކި އެކި ކަންތައް ވަނީ ރޭވިފައެވެ. މޫދަށް އެރުމާއި މޫދު ކުޅިވަރުތަކަކީ އަހަރެމެން ވަރަށް ގަޔާވާ ކަމެއްކަމުން ހުޅުމާލެ އައިދުވަހު ގެސްޓު ހައުސްއަށް ދަބަސްތައް ލުމަށްފަހު މޫދަށް އެރެން ލާކަހަލަ އެއްޗެހި ލުމަށްފަހު އަހަރެމެން މިސްރާބުޖެހީ ބީޗާ ދިމާލަށެވެ. ޖެޓްސްކީ ދުއްވުމާއި ފެތުންފަދަ އެތައް ކަމެއް ކުރަން ވަރަށް ލަސްވަންދެން އަހަރެމެން މޫދުގައި އުޅުނީމެވެ.

މޫދުގެ ސަކަރާތް ނިންމާލުމަށްފަހު ފެންވަރައި ތައްޔާރުވެގެން އަހަރެމެން ކާރުގައި ނުކުމެލީ ރޭގަނޑު ކާން ދިއުމަށެވެ. އަހަރެމެން ހަތަރު މީހުން ހުޅުމާލޭގެ ޑައިނަމޯއަށް އަރައި ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ދެން ނުކުމެލީ ކާރުބުރު ޖެހުމަށެވެ. އަހަރެންގެ އަންހެނުންނަކީ ކާރުގައި ބުރުޖެހުމަށް ވަރަށް ފޯރި ހުންނަ މީހެކެވެ. އެހެންކަމުން އަހަރެމެން ދެމަފިރިން ކާރުގެ ކުރީ ސީޓަށް އެރުމަށްފަހު ފާއިޒްއާއި ލިސާން އެރީ ކާރުގެ ފަހަތު ސީޓަށެވެ.

ގަޑިން އެގާރަޖަހައި ބޮޑުވެއްޖެއެވެ. ހުޅުމާލެ ވަށައިގެން އެތަށް ބުރެއް ޖެހިއްޖެއެވެ. އެތަށް މަގަކުން ދުއްވިއްޖެއެވެ. އަދިވެސް ހިތްފުރޭ ވަރެއް ނުވެއެވެ. މިދަތުރުގެ ފޯރިގަދަ ކޮށްލުމަށް އަހަރެމެން ދެން ފެށީ ލަވަބާޒީ ކުޅޭށެވެ. އަހަރެމެން ލަވަބާޒީ ކުޅެމުން ދަނިކޮށް ވަރަށް އަނދިރި ހިމަ ގޯޅިއަކަށް އަހަރެންނަށް ކާރު އަނބުރާލެވުނެވެ. އެކަމަކަށް ދެންތިބި އެކަކު ފަރުވާ ނުބެހެއްޓިއަސް އަހަރެންނަށް ކުޑަކޮށް މަޑުކޮށްލެވުނީ މިއަޅާލެވުނު ގޯޅި އަހަރެންނަށް ނޭނގޭތީއެވެ. އެތެރޭގައި ހުންނަ މަގުތަކަށް އެޅުމަށްވުރެ ބޮޑަށް އަހަރެން އެރޭގައި ދުއްވީ ބޭރުމަގުތަކުންނެވެ. ކިރިޔާވެސް އެތެރެ މަގަކަށް ވަންނަނީ އެމަގެއް އަހަރެންނަށް އެނގެންޏާއެވެ. ނަމަވެސް މިމަގު އަހަރެންނަށް ނޭނގޭތީ ކުޑަކޮށް ހާސްބޮޑުވިއެވެ. ނަމަވެސް ލަވަބާޒީއާއިގެން އަހަރެމެން ކުރިއަށް ދިޔައީމެވެ.

މިމަގުގެ ދެފަރާތުގައި ހުރީ ހުސް ވިނައެވެ. އެވިނަތަކަށް އަލިއަޅުވަމުން ކާރު ކުރިއަށް ދަނިކޮށް އަހަރެން އިން ފަޅީގެ ލޯގަނޑުން އަހަރެންގެ ލޮލުގައި އާދަޔާ ޚިލާފުކަމެއް އަޅައިގަތެވެ. ކޮންމެވެސް މީހަކު ފަހަތުގައި ހުރެގެން ދުވަމުން އާދެއެވެ. އެމީހާގެ މޫނު ވަނީ ތޮތްޕަކުން ފޮރުވިފައެވެ. ނަމަވެސް ދުވަނީ ވައިކޮޅެއްވެސް ދަތުރުކުރާހާ ބާރަށް ކަމުން އަހަރެންނަށް އެމީހާގެ ހަރަކާތްތައް މާކަ ބޮޑަކަށް ފާހަނގަނުވިއެވެ. ފެހިކުލައިގެ ބޮޑު ސޯޓަކާއި ބޮޑު ޓީޝާޓެއް ލާފައިހުރި އެމީހާ އަހަރެންގެ ކާރު ފަހަނައަޅައި އަހަރެންނާއި ދިމާލުން ކުރިއަށް ދިޔައީ އެސްފިޔަ ޖަހާހާ އަވަހަށެވެ. އަހަރެންނަށް މިމަންޒަރު ފެނުމުން ހަނދާންވީ މިހާރު މަޝްހޫރުވެގެން އުޅޭ "ފްލޭޝް"ގައި އުޅޭ މީހާ މަތިންނެވެ.

ކޮންމެއަކަސް އެކަން މާބޮޑުކަމަކަށް ނަހަދައި އަހަރެން ކާރު ދުއްވަމުން ދިޔައީމެވެ. ދެން ކުއްލިއަކަށް ފެނުނީ ކާރު ކުރިމަތިން ހަމަ އެއްކަލަ މީހާ ހުރަސްކޮށްލިތަނެވެ. އަނެއްކާވެސް އަހަރެންގެ އަންހެނުން އިންފަޅިން ކުރިއަށް ދުވެފައި ދިޔަތަން ފެނުނެވެ. މިހެން މުޅި ކާރު ވަށައި އެމީހާ އަހަރެންނަށް ފެންނަން ފެށުމުން އަހަރެން ކާރު ހުއްޓާލީމެވެ. ކާރު ވަގުތުން ހުއްޓާލުމުން އެތެރޭގައި ތިބީ މީހުންނަށްވެސް ސިހުން ލިބުނެވެ.

"ކިނިއްވީ؟" އަހަރެންގެ އަންހެނުން ސުވާލުކޮށްލިއެވެ. އަހަރެން އިނީ ބޭރަށް ބަލަހައްޓައިގެންނެވެ. އެމީހާ ދެން ފެންނާނީ ކޮން ދިމާލަކުންކަމެއްވެސް ނޭނގެއެވެ. ނޭނގޭ ބިރުވެރިކަމެއް އަހަރެންގެ ހިތުގައި ދުވެލީ އެއީ ހަމަ އިންސާނަކަށް ކުރެވޭނެ ކަމެއްނޫންކަން އަހަރެންގެ ބުއްދި ޤަބޫލުކުރާތީއެވެ.

"ތިމީހުންނަކަށް ނުފެނޭތަ ދެންމެ ކާރު ވަށައިގެން މީހަކު އެނބުރުނުތަން؟" މިހެން ބުނަމުން އަހަރެން ކާރުގެ ކަޅު ބިއްލޫރިތައް ދަމާލައި ބޭރުގައި ހުންނަ މީހަކަށް ކާރު ތެރެ ނުފެންނާހެން ހެދީމެވެ.

"ކާކު؟ ނުފެނޭ އަހަރެމެންނަށް" ލިސާން ބުންޏެވެ.

"އަހަރެންނަށް އެއްޗެއް ފެނިއްޖެ" ބިރުގެންފައިވާ ރާގަކަށް އަހަރެންނަށް ބުނެވުނެވެ.

ދެން ކާރުގައި ތިބި މީހުންތައް ފަރާތް ފަރާތަށް އެނބުރި ބަލަން ފެށިއެވެ. ކުއްލިއަކަށް އަހަރެންނަށް އެމީހާ ފެނުނީ އަހަރެންގެ އަންހެނުން އިން ސީޓާވީ ފަޅިން ކާރުން ބޭރުގައި ފުރަގަހަށްވާގޮތަށް ހުއްޓިގެން ހުއްޓައެވެ. އަހަރެން އެދިމާލަށް ބަލަން ފެށުމުން ލިސާންއާއި ފާއިޒްވެސް އަހަރެންގެ އަންހެނުން އިން ދިމާލުން ބޭރަށް ބަލާލިއެވެ. އޭރު އަންހެނުންވެސް މަޑުމަޑުން ފަހަތަށް އެނބުރި ބަލާލިއެވެ. އެންމެންނަށް އެމީހާ ފެނުމުން ވީނުވީއެއް ނޭނގި ވަގުތުން ގެއްލުނެވެ. ދެން އެއްވެސް ދިމާލަކުން އެމީހާގެ ހިލަމެއް ނުވިއެވެ. ވީނުވީއެއް ހަމަ އެއްގޮތަކަށްވެސް ނޭނގުނެވެ.

"ކާރު ދުއްވާ" ފާއިޒު ވަގުތުން ބުނެލިއެވެ.

އަހަރެން މަޑުކުރާކަށް ނަހަދަމެވެ. ކާރު ދުއްވާލީމެވެ. އަހަރެންގެ އަންހެނުން އޭރު މަސައްކަތްކުރީ ވަތްގަނޑުން ސީޑީއެއް ހޯދުމަށެވެ. ވަރަށް ހަލުވިކަމާއެކު ޤްރްޢާން ސީޑީ ހޯދާލުމަށްފަހު ސެޓަށް ލައްވާލުމަށްފަހު އޭގެ އަޑު ގަދަކޮށްލިއެވެ. އަހަރެންނަށް އޭރުވެސް މިވަދެވިގެން އުޅޭ މަގުގެ ކޮޅެއް ނުފެނެއެވެ.

މާބާރަށް ނުދުއްވީވެސް އެހެންވެއެވެ. ނަމަވެސް ކާރު ދުއްވިއިރު އަންނަ ނާންނަ ދިމާލެއް ނޭނގި އެއްކަލަ މީހާ ކާރު ފަހަތުންނާއި ކުރިމަތިން ހުރަސް ކަނޑާތަން އަހަރެމެންނަށް ފެނުނެވެ. އެންމެންވެސް ތިބީ ވަރަށް ބިރުންކަމުން އަނގައިންވެސް ނުބުނެއެވެ. ކުރިމަތިން ކުއްލިއަކަށް ފެނިފަ ދުވެފަ ފަހަތަށް ދާއިރު އަނެއްކާވެސް ހަމަ ކުރިމަތިން ފެނިދާނެއެވެ. ގައިމުވެސް ފަހަތަށް ދިޔަފަހުން ފަހަތުން އައި ތަނެއް ނުފެނެއެވެ. ހަމަ ފެންނަން ފެށީ ކުރިމަތިން ދުވެފަ ކާރާ ދިމާލަށް އައިސްފައި ގެއްލިފަ އަނެއްކާވެސް ހަމަ ކުރިމަތިން އައިސް އެކަން ތަކުރާރުވާތަނެވެ. ގަންނަ ބިރުން ބައެއްފަހަރު އަހަރެންނަށް ކާރު މަޑުކުރެވެންވެސް އުޅެއެވެ. ނަމަވެސް ވަރަށް ހިތްވަރުކޮށްގެން އިނީ އެކަމުން ސަލާމަތްވާނެ ގޮތެއް ހޯދަން ނުހަނު ބޭނުންވެފައި އިނުމުންނެވެ. އެމީހަކަށް ކިޔުނު ހެޔޮ އެއްޗެއް ކިޔަމުން ދިޔައިރު ޤްރްއާންގެ އަޑު ވަނީ މުޅި ކާރު ތެރޭގައި ހިފާފައެވެ. ޔަޤީނުންވެސް އިނގޭކަމަކީ އެއަޑު ބޭރަށްވެސް އިވޭނެކަމެވެ.

މިގޮތަށްގޮސް ދުއްވަނިކޮށް އަހަރެންނަށް ފެރީ ޓާމިނަލްއަށް ދާ މަގެއް ފެނުނެވެ. ވަގުތުން ދުވެލި ބާރުކޮށްލަމުން އެމަގަށް އަޅާލީމެވެ. އެހިސާބުން ދެވޭ ނުދެވޭ ހިސާބު އަހަރެންނަށް އެނގެން ފެށިއެވެ. އެކަމަކު ދެންމެ އެވަދެވުނީ ކޮން މަގަކަށް ހެއްޔެވެ؟ މިނުކުމެވުނީ ކޮންތާކުން ހެއްޔެވެ؟ ވީނުވީއެއް އަހަރެންނަކަށްވެސް ދެން ކާރުގައި ތިބި ބަޔަކަށްވެސް ނޭނގުނެވެ. ކޮންމެއަކަސް އޭގެ ފަހުން މިބުނާ މީހާ އަހަރެމެންނަކަށް ނުފެނެއެވެ. އެރޭ ދެން އަހަރެމެން ދިޔައީ ގެސްޓް ހައުސްއަށެވެ. އިތުރަށް ސަކަރާތުގައި ނޫޅެ ޤްރްއާން ޖަހައިގެން ތިބެ އެރޭ ނިދީމެވެ. އެއީ އާދައިގެ ކަމެއް ނޫންކަން އެނގުނަސް އަހަރެމެންނަކަށް އެހާދިޡާއިން އެއްވެސް ކަމެއް ފަޙުމެއް ނުވެއެވެ. މާލެއައިސް ބައްޕަމެން ކައިރީގައި އެވާހަކަ ދެއްކުމުން ބައްޕަމެން ޤަބޫލު ކުރިއެވެ. ނަމަވެސް އެކަމާ ގުޅިގެން އެއްވެސް އެއްޗެކޭ ބުނާކަށް އެމީހުންނަކަށްވެސް ނޭނގުނެވެ.

ނިމުނީ