މުޖުތަމަޢުގެ ގަދަރުވެރިންނާއި، ފައިސާވެރިންނާއި، ބާރުވެރިންނަށް ވަރަށް ގިނަ ފައިދާތައް ލިބެއެވެ. އޭގެތެރެއިން އެއްފައިދާ އަކީ މުޖުތަމަޢުގެ ގަދަރުވެރިންނާއި، ފައިސާވެރިންނާއި، ބާރުވެރިން އެމީހުންގެ ގާތް އެކުވެރިންނަށް ވުމެވެ. އެމީހުންގެ ފަރާތުން ލިބޭ ފައިދާތަކާއި ފަސޭހަތައް ވެސް ގިނަވެއެވެ. މުޖުތަމަޢުގެ މިފަދަ މަގާމެއް ޕްރިންސް ހެރީ އަށް ލިބިފައި ވާތީ ޕްރިންސް ހެރީ އާއި މޭގަން މާކެލްގެ ކައިވެނީގެ ހަދިޔާގެ ގޮތުގައި ވެސް ވަނީ ވަރަށް ގިނަ ތަކެތި ލިބިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ދެމަފިރިންނަށް ވަނީ 9.3 މިލިއަން ޑޮލަރު ދިވެހި ރުފިޔާ އިން ބަލާނަމަ 144 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ދަކެތި ކައިވެނީގެ ހަދިޔާގެ ގޮތުގައި ލިބިފައެވެ. ނަމަވެސް މިއިން އެއްވެސް ހަދިޔާއެއް ޕްރިންސް ހެރީ އާއި މޭގަން ގަބޫލެއް ނުކުރާނެއެވެ. ހުރިހާ ހަދިޔާއެއް ވަނީ އަނބުރާ ހަވާލު ކުރަން ނިންމާފައެވެ.

ސަބަބަކީ ޝާހީ އާއިލާގެ އެއްވެސް މެންބަރަކަށް އެއްވެސް ފަރާތަކުން ދޭ ހަދިޔާއެއް ނުވަތަ ޚިދުމަތެއް ބޭނުން ކުރުމަކީ މަނާކަމަކަށް ވާތީއެވެ. ޝާހީ އާއިލާގެ މެންބަރުންނަށް ގަބޫލު ކުރެވޭނީ އެއާއިލާ އަށް ހަދިޔާ ދިނުމުގެ ހާއްސަ ހުއްދައެއް އޮންނަ ފަރާތަކުން ދޭ ހަދިޔާއެއް އެކަންޏެވެ. ނުވަތަ ރަސްމީ ދަތުރެއްގައި ގައުމަކަށް ވަޑައިގަތުމުން އެގައުމަކުން ދޭ ސްވެނިއާއެއް އެކަންޏެވެ.

މޭގަން އާއި ހެރީ ކުރިން ވެސް އެދިފައި ވަނީ އެމީހުންނަށް ކައިވެނީގެ ހަދިޔާ ދިނުމުގެ ބަދަލުގައި ކައިވެނީގެ ހަދިޔާ ހިލޭ ސާބަހަކަށް މަސައްކަތްކުރާ ފަރާތްތަކަށް ހަދިޔާ ކުރުމަށެވެ.

ޝާހީ އާއިލާގެ މެންބަރުންނަށް ދޭ ހަދިޔާތައް ގަބޫލު ކުރުން މަނާކޮށްފައި އޮންނަނީ ހަދިޔާ ދޭ ފަރާތުގެ އެހެން މަޤުޞަދެއް އޮވެދާނެތީއެވެ. އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ އިތުރުން ގިނަ ގައުމުތަކުގެ ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް އެހެން މީހުން ދޭ ހަދިޔާތައް ގަބޫލު ކުރުން މަނާކޮށްފައި އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަން

    މިގައުމުގަ ހަދިޔާއިން ހުރިހާކަމެއް

  2. ފައިސަލް

    އަހަރެން ކައިވެނީގަވެސް ލިބުން 4ބިލިއަން ޑޮލަރުގެ ހަދިޔާ، އެކަމު ކީއްކުރާނީ އަންހެނުން ބުނީ އެއެއްޗެއް ދިން މީހަކާ އެއެއްޗެއް ހަވާލުކުރާށޭ..