ފިރިހެނުން އަންހެނުނަށް ވުރެ ގިނައިން ބޭވަފާތެރިވާކަން ވަރަށް ގިނަ ދިރާސާތަކުން އެބަ އެނގެއެވެ. އަދި ފިރިހެނުންނާ ޚިލާފަށް އަންހެނުން ބޭވަފާތެރިވަނީ ނަފްސާނީ ސަބަބުތަކަށްޓަކައި ކަން ވެސް އެނގެން އޮތް އިރު ބޭވަފާތެރިވުމަކީ ވަރަށް އުނދަގުލުން ނޫނީ ނުހުއްޓުވޭ ކަމެކެވެ. ގިނަ ފަހަރު ހީވެފައި އޮންނަނީ ބޭވަފާތެރިވާތެރިވަނީ ލޯބި ނުވާތީއެވެ. އެކަމަކު މިއީ މުޅިން ރަނގަޅު ވާހަކައެއް ނޫނެވެ.

ބައެއް މީހުން ބޭވަފާތެރިވަނީ އެ މީހުން އުފަލުގައި ނޫޅޭތީ ކަމަށް ވެދާނެއެވެ. ބޭވަފާތެރިވާ ފިރިހެނުންގެ ހިމާޔަތުގައި އެހެން ފިރިހެނުން ވާހަކަދެއްކުމަކީ އާންމުކަމެކެވެ. މިހެން ވަނީ އެ ފިރިހެނުންނަށް ބެވަފާތެރިވުމަކީ މާ އުނދަގޫ ކަމަކަށް ނުވާތީއެވެ. ގިނަ މީހުން ގަބޫލު ކުރާ ގޮތުން ބޭވަފާތެރިވިކަން ނޭނގޭ ނަމަ އެއީ މައްސަލައެއް ނޫނެވެ. އަދި ބޭވަފާތެރިވުމަކީ ގޯސް އާދައެއްގެ ގޮތުގައި އަމިއްލައަށް ގަބޫލެއް ނުކުރެއެވެ. އަދި "ފިރިހެނުން" ބޭވަފާތެރިވުމަކީ އާދައިގެ ކަމެއް ނޫނީ ފިރިހެންވަންތަ ކަމެއްގެ ގޮތުގައި ވެސް ބައެއް ގަބޫލު ކުރާކަން ބައެއް ދިރާސާތަކުން އެނގެން އެބަހުއްޓެވެ.

ކޮންމެއަކަސް ބޭވަފާތެރިވިކަން ފަޅާ އަރާ ހިސާބުން ގިނަ މީހުން ބުނަނީ ދެން އެހެން ނުހަދާނެ ކަމަށެވެ. ޚާއްސަކޮށް ފިރިހެނުން މިގޮތަށް ދެވަނަ ފުރުސަތަކަށް އެދެއެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ ބޭވަފާތެރިވުމަކީ މައްސަލައެއްކަމަށް ގަބޫލު ނުކުރެވުމެވެ. އަދި ލޯބިވާ މީހަކަށް ބޭވަފާތެރިވާ މީހުންނަކީ އާއްމުކޮށް އާއިލާ ތެރެއިން ބައްޕަ ނޫނީ މަންމަ އެފަދަ ކަމެއް ކުރާ ނަމަ އެފަދަ އަމަލުތައް މީހުންގެ ކިބައިން ފެނުން އިތުރު ކަމަށް ވެސް އެ ދިރާސާއިން ދައްކައެވެ.

ބޭވަފާތެރިވާ މީހަކަށް މާފުކުރެވިދާނެއެވެ. އެކަމަކު އެއީ ވަރަށް ބޮޑު މަރުހަލާއެކެވެ. އެކަމުގައި ދެ މީހުން އެކުގައި ކުރަން ޖެހޭ މަސައްކަތް ގިނައެވެ. ކުރިން ބޭވަފާތެރިވި ވާހަކަ އަލުން ނުދައްކާށެވެ. ބޭވަފާތެރިވި މީހާ ހުރިހާ ކަމެއް ތެދަށް ކިޔާދީ މާފަށް އެދެން ވާނެެއެވެ. އެހެން ނޫނީ ކުރިން ވީ ކަމެއް ފަހުން އެނގިގެން އަލުން ދެ މީހުންގެ ދެމެދުގައި މައްސަލަ ޖެހޭނެއެވެ. އަދި ބޭވަފާތެރިކަމުގެ އަނިޔާ ލިބުނު މީހާ އަށް ވަގުތުކޮޅެއް ބޭނުންވާނެކަން ދެނެގަންނާށެވެ. އެއީ ދިގު މުއްދަތަކަށް ވެސް ވެދާނެއެވެ. އެކުގައި އުޅެން ބޭނުން ނަމަ ކެތްތެރިވާށެވެ. އަލުން އިތުބާރު އިއާދަކުރަން ނެރެވެން ހުރި ކަންކަން ކުރާށެވެ. އަދި ބޭވަފާތެރިވި މީހާ އަށް މާފު ކުރާ ނަމަ އޭނާ އަށް ޝައްކު ނުކުރާށެވެ. މިކަންކަން ކުރާ ނަމަ ބޭވަފާތެރިއަކަށް މާފުކޮށްގެން އުޅެވިދާނެއެވެ.