އެމެރިކާގެ ފިރިހެނެއް ކަމަށްވާ ޓޯނީ ބްރައުން އޭނާގެ އަނބިމީހާ ލަވަންޑާ ބްރައުން ކައިރީގައި ޕްރޮޖެކްޓެއްގެ މައުލޫމާތު ގޫގްލް ކޮށްލައިގެން ހޯދަން ބުނުމުން އެކަމާއި ރުޅި އައިސްގެން ލަވަންޑާ، ޓޯނީ އަށް ހަމަލާދީ މަރާލައިފިއެވެ.

ވިޔަފާރިވެރިއެއް ކަމަށްވާ ޓޯނީ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ހޯމަ ދުވަހު އޭނާގެ ގެއިންނެވެ. ޓޯނީގެ މަރުގެ މައްސަލައިގައި އޭނާގެ އަނބިމީހާ ލަވަންޑާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

ޓޯނީ އާއި ލަވަންޑާ އަކީ ކޮންސަލްޓިން އެޖެންސީ އެއް ހިންގާ ދެމީހުންނެވެ. ބްރައުން އަކީ 2001 ވަނަ އަހަރު ޖޯޖް ޑަބްލިއު ބުޝް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓަށް ވެސް އައްޔަން ކުރި މީހެކެވެ.

ފުލުހުން ބުނީ ލަވަންޑާ އޭނާގެ ފިރިމީހާ އަށް ހަމަލާ ދިނީ ޕްރޮޖެކްޓެއްގެ ޓެމްޕްލޭޓް ގޫގްލް ކޮށްލަން ބުނިއިރު ފިރިމީހާގެ އަޑު މާބާރުކޮށް ހުރުމުން އެކަމާއި ހިތްހަމަނުޖެހިގެންނެވެ.

"އޭނާ ތަޙްޤީޤުގައި ބުނެފައި ވަނީ އެންމެ ފަހުން ހަނދާން ވަނީ ފިރިމީހާ އޭނާ އިން ކޮޓަރިއަށް ވަން ހަނދާން ކަމަށް. ދެން އޭގެ ފަހުންވި ހުރިހާ ކަމެއް ވަނީ ހަނދާނުން ފިލައިގެން ގޮސްފައި ކަމަށް." ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މިކަން ކަށަވަރު ކުރުމަށް ޓެސްޓްތަކެއް ހަދަން ތައްޔާރުވަމުންނެވެ.

އަމަންޑާގެ މައްޗަށް މިހާރު ދައުވާ އުފުލާފައި ވާއިރު ކޯޓުން ނިންމާފައި ވަނީ ފަސްލައްކަ ޑޮލަރު ބެހެއްޓުމަށް ފަހު ކަފާލާތުގެ ދަށުން ލަވަންޑާ ދޫކޮށްލުމަށެވެ. ނަމަވެސް ލަވަންޑާ ކަފާލާތުގެ ދަށުން މިނިވަންވުމަށް ކޯޓަށް އަދި ފައިސާ ދެއްކި ކަމެއް ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު