ދުނިޔޭގެ އެކި ހިސާބުތަކުގައި ގިނަ ބަޔަކު ކުޅެމުންދާ އޮންލައިން ގޭމެއް ކަމަށްވާ ޕަބްޖީ މަނާކޮށް އޭގެ ބަދަލުގައި އުފައްދާފައިވާ ގޭމް ފައުޖީ އިންޑިޔާގެ ގައުމީ ދުވަހު ރިލީޒް ކޮށްފިއެވެ.

އެން ކޯރްގެ ފަރާތުން އުފައްދާފައިވާ ފިއަރލެސް އެންޑް ޔުނައިޓެޑް (ފައުޖީ) ގެ ނަމުން ނަން ދީފައިވާ މި ގޭމަކީ އިންޑިޔާގެ ބޯޑަރުތަކުގައި މަސައްކަތް ކުރަމުންދާ ސިފައިންނަށްގެ މަސައްކަތަށް ޝުކުރުވެރިވުމުގެ ގޮތުން އުފައްދާފައިވާ ގޭމެކެވެ.

ފައުޖީ ގޭމަކީ ބެޓްލް ރޯޔަލް ގޭމެއް ނޫން ކަމަށާއި އެހެންކަމުން މިއީ ޕަބްޖީއާއި އެއްވަތަރުގެ ގޭމެއް ނޫން ކަމަށް ވެސް އެން ކޯރްގެ ފަރާތުން ވަނީ ބުނެފައެވެ.

އިންޑިޔާގެ 72 ވަނަ ގައުމީ ދުވަހު ރިލީޒް ކުރެވުނު ފައުޖީ ގޭމުގެ ފުރަތަމަ އެޕިސޯޑުގައިވަނީ ލަޅަކުގެ ގަލްވާން ވެލީއެވެ.

މި ގޭމު ރިލީޒް ކުރެވުނު ކަމަށް ބޮލީވުޑުގެ ތަރި އަކްޝޭ ކުމާރު ވަނީ ޓްވީޓް ކޮށްފައެވެ. މިއާއި ގުޅިގެން ގޭމާއި މެދު މީހުން ދެކޭގޮތް ހާމަކޮށްދެމުން ދަނީ މީސް މީޑިޔާގައެވެ.

މި ގޭމަށް ފާޑުކިޔައި ފަރާތްތަކުން ދަނީ ފިލުމުތަކާއި ޑްރާމާތަކުގެ މަންޒަރުތަކުން މީމްސް ހަދައި މީސް މީޑިޔާގައި ހިއްސާ ކުރަމުންނެވެ.

އުއްމީދު ކުރާ ގޮތާއި ހަގީގަތް ދައްކުވައިދޭ ގޮތަށް ތައްޔާރު ކޮށްފައިވާ މީމްސްތައް ވެސް މީސް މީޑީޔާގައި ހިއްސާކޮށް އިންޑިޔާގެ ގިނަ ބަޔަކު ދަނީ މި ގޭމަށް ފާޑުކިޔަމުންނެވެ.

އަކްޝޭ ކުމާރު މިދިޔަ އަހަރުގެ އޮކްޓޫބަރ މަހު ފައުޖީ ގޭމުގެ ޓީޒަރ ރިލީޒް ކުރުމުން އޭރުގެ ޓްވިޓާ ޓްރެންޑްގައި ފައުޖީގެ މީމްސްތައް ދައުރުވިއެވެ. އަނެއްކާ ވެސް އެ މީމްސްތައް ދަނީ ދައުރުވަމުންނެވެ.