މީހަކު ކޮށްލާ ހަމަ ކުޑަކުޑަ ކަމަކުންވެސް، މި ޒަމާނުގައި "ހީރޯ" އަކަށް ބަދަލުވެދާނެއެވެ. އެކަމުގެ ސަބަބުން އެންމެންގެ އިހުތިރާމްވެސް ލިބިދާނެއެވެ. މިއީވެސް އެކަމުގެ މިސާލެކެވެ.

އެމެރިކާގެ ޖޯޖިޔާ ސްޓޭޓުގެ އަވަށަކަށް ނިސްބަތްވާ ކުޑަކުއްޖަކު ކުރި ކުޑަކަމެއްގެ ސަބަބުން، އެކުއްޖާވަނީ މިއަދު ބޮޑު ހީރޯއަކަށްވެފައެވެ. މި ކުޑަކަމަކީ ދުވަސްވީ އަންހަނަކު، ސިޑިން އަރަން އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި މިކަން ކޮށްފައިވާ ކުއްޖަކީ މޯރިސް އެޑަމްސް ޖޫނިއަރ އެވެ. އޭނާއަކީ އެންމެ އަށް އަހަރުގެ ކުއްޖެކެވެ.

މޯރިސް ވަނީ މިކަން ހިނގި ގޮތް ނޫސްވެރިން ކިޔައިވެސްދީފައެވެ. އޭނާ ކިޔައިދީފައިވާ ގޮތުގައި ދުވަސްވީ އަންހެނަކަށް، ސިޑިން އެރުމަށް ދަތިވެގެން އުޅޭ މަންޒަރު ފެނުނީ މޯރިސް، އޭނާގެ މައިންބަފައިންގެ ކާރުގެ ތެރޭގައި އިންދައެވެ. ކާރު ޕާކުކޮށްފައި އޮތް އިރު، އޭނާ ކާރު ތެރޭގައި އިންކަމުގައިވިޔަސް، އޭނާގެ މައިންބަފައިން އެވަގުތު ކާރު ތެރޭގައި ނެތެވެ.

ކާރު ތެރޭގައި އިންދާ މި މަންޒަރު ފެނުމުން، އެއްވެސް ލަސްކުރުމެއް ނެތި އޭނާވަނީ ގޮސް މި އަންހެން މީހާއަށް އެހީވެފައެވެ. މި މަންޒަރު، އެވަގުތު އެތަނުގައި ތިބި އެތައް ބަޔަކުވަނީ ވީޑިޔޯކޮށްފައެވެ. އާނއެކެވެ. އެމީހުން ތިބީ އެހީވުމުގެ ބަދަލުގައި ވީޑިޔޯ ކުރާށެވެ. މޯރިސް އަށް އެތައް ބައެއްގެ ސަމާލުކަން ލިބި، ހީރޯއެއްގެ ދަރަޖަ ލިބުނީ މި މަންޒަރު ފެންނަ ވީޑިޔޯ މީސް މީޑިޔާގައި ދައުރުވާން ފެށުމުންނެވެ.