ލޭ މައްޗަށް ދިޔުން ނުވަތަ މާބޮޑަށް ހާސްވެގެން ކުރިމަތިވާ ސިއްހީ މައްސަލަ ތަކަކީ މިހާރު އާއްމުކޮށް މީހުންނަށް ކުރިމަތިވާ ކަމެކެވެ. ނަމަވެސް މި ކަންތައްތަކަކީ ބޮޑުވަރުވުމުގެ ކުރިން އެކަމުގެ އަލާމާތްތައް ވެސް ގިނަ މީހުންނަށް އެނގިފައިނުވާ ކަންކަމެވެ.

ލޭ މައްޗަށް ދާކަން ގިނަ ފަހަރަށް އެނގެނީ ގަވާއިދުން ހޮސްޕިޓަލަށް ގޮސް ޗެކްއަޕް ކުރާނަމެވެ. ނުވަތަ ގޭގައި ވެސް އެކަންތައްތައް ރަނގަޅަށް މޮނިޓަރ ކުރެވޭ ނަމައެވެ.

ލޭ މައްޗަށް ދިޔުން ބޮޑުވަރު ވެފައިވާ މީހެއްގެ ފަރާތުން ފެންނާނެ އަލާމާތްތަކަކީ ވަރަށް ގަދައަށް ބޮލުގައި ރިއްސުމާއި، ނޭފަތުން ލޭ އައުމާއި އެނބުރެނި އެރުން ފަދަ ކަންތައްތައް ފެންނާނެއެވެ.

މީގެއިތުރުން ލޮލުގެ ފެނުމުގައި ދަތިކަން ދިމާވުމާއި، މޭގައި ރިއްސުމާއި، ނޭވާލުމަށް ވެސް އުދަނގޫވާނެއެވެ. ހިތުގެ ހިނގުން ނޯމަލް ނުވުމާއި، ކުޑަކަމުދާއިރު ލޭ އައުމާއި، ހޭނުތުމާއި، ގައިންނާއި އަތާއި ފައިން ދާހިއްލުން ފަދަ އަލާމާތްތައް ވެސް ފެންނާނެއެވެ.

ނިދުމުގައި ދަތިތައް ކުރިމަތިވުމާއި ލޮލުގައި ލޭގުޅަ ހުރުން ފަދަ ކަންތައްތައް ވެސް މިފަދަ މީހުންގެ ފަރާތުން ފެންނާނެއެވެ.

މި ބަޔާން ކުރެވުނު އަލާމާތްތައް ފެންނަ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަކަށް ދައްކާށެވެ. މިކަންތައްތަކުގެ ސަބަބުން ދިމާވާ މައްސަލަތަކުން ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ބޮޑެވެ.

އާއްމުގޮތެއްގައި ނޭފަތުން ލޭ އައުމާއި ބޮލުގައި ރިހުން ހުންނަނީ ލޭގެ ޕްރެޝަރ 180/120 ގައެވެ. އެހެންކަމުން ގޭގައި ވެސް ޕްރެޝަރ ބެލެން އޮތްނަމަ ގަވާއިދުން ޕްރެޝަރ ބެލުން ރަނގަޅުވާނެއެވެ. ނަމަވެސް ގަވާއިދުން ޑޮކްޓަރަށް ވެސް ދައްކަންވާނެއެވެ.