ހިތްދަތި ތަޖުރިބާއެއް ކުރުމަށް ފަހު ކޮންމެ މީހަކު ވެސް ބޭނުންވާނީ އެކަން ވީހާވެސް އަވަހަށް ހިތުން ފޮހެލާށެވެ. މިއީ އިންސާނަކަށް ވުމުން ކަން ކުރެވޭނެ ގޮތްވެސް މެއެވެ. އިންސާނުންނަކީ ދެރަވެ ހިތާމަ ކުރާ ކަންކަން ހަނދާން ބަހައްޓަން ބޭނުންވާ ބައެއް ނޫނެވެ. ނަފްސާނީ ގޮތުން ތިމާ އަށް އުނދަގޫވާ ކަމެއް ދިމާވުމުން އެކަން ހަނދާން ނައްތާލައި ބިޒީވެ، ހުސްވަގުތު ނުލިބޭނެހެން އުޅުމަކީ ބައެއް މީހުން ކޮށް އުޅޭ ކަމެކެވެ.

އިނގިރޭސި ބަހުން ބުނާ ނަމަ "ޓްރޯމާ ބްލޮކިން"ގެ ނަމުން ނަން ދެވިފައިވާ މި މަރުހަލާއަކީ ދެރަވާ ކަންކަން ނޫން އެހެން ކަމަކަށް ގޮސް ހުސްވެގެން ނަމަވެސް އެކަމާ މެދު ނުވިސްނާ ހުރެވޭތޯ ބެލުމެވެ. މީސްމީޑިއާ މާބޮޑަށް ބޭނުން ކުރުމާއި، މާގިނައިން ކެއުމާއި، މަސައްކަތް ކުރުން މިއީ މިފަދަ ކަންކަމެވެ. މިފަދަ މީހުންނަކީ މަަސައްކަތް ނޫން އެހެން އެއްވެސް ކަމަކަށް ބައެއް ފަހަރު ވަގުތު ދެވޭ ބައެއް ނޫނެވެ.

އަބަދުވެސް މަސައްކަތުގެ ކަންކަމަށް ހުސްވުމާއި، ގާތް މީހުންނަށް ވަގުތު ނުދެވޭ ވަރަށް އަވަދި ނެތި އުޅޭ ނަމަ އެއީ ނަފްސާނީ މައްސަލައަކަށް ވެދާނެއެވެ. އަދި މަސައްކަތުގެ ހުރިހާ ކަމެއް ތިމާ އަށް ބަރޯސާވާ މިންވަރަށް މަސައްކަތަށް ގޮސް ހުސްވުމަކީ އެ މީހުން އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ. އެއީ ކުރިން ވެފައި ހުރި ދެރަވާ ކަމެއް، ގޯނާގެ މައްސަލަ އެއް ފަދަ ކަމެއް ހަނދާން ނައްތާލަން ކުރާ ކަމަކަށް ވެދާނެއެވެ.

އެހެންކަމުން މީހެއްގެ ހުރިހާ ވަގުތެއް މަސައްކަތަށް ހުސްކުރާ ނަމަ އެ މީހަަކަށް ބޭނުންވާ އެހީ ލިބޭކަން ޔަގީންކުުރުން މުހިންމެވެ. ހުރިހާ ވަގުތެއް މަސައްކަތަށް ހުސްކުރަނީ މަސައްކަތަށް ރަނގަޅު މީހުން ކަމަށް ހީވި ނަމަވެސް ހަގީގަތަކީ އެއީ އެއް ނޫނެވެ. މިގޮތަށް މަސައްކަތަށް ވަގުތު ހުސް ކުރާ ނަމަ، މަސައްކަތުގެ މާހައުލުގައި ވެސް އެ މީހާ އަކީ ކުދި ކުދި ކަންކަމުން މާޔޫސްވާ، އެހެން މީހުންނާއެކު މަސައްކަތް ކުރަން އުނދަގޫ ބަޔަކަށް ބައެއް ފަހަރުވެއެވެ.

މިފަދަ ނިޝާންތައް ފެންނަ ނަމަ އެ މީހަކަށް ނަސޭހަތްދީ ވީ އެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދޭށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    ތިޔަހެނެއް ނޫޅޭ މިރާއްޖޭގަ އަންނި ފިޔަވާ އިތުރު މީހެއް.