ކީޕިންގ އަޕް ވިތް ދަ ކާޑޭޝިއަންގެ ތަރި ކްލޯއީ ކާޑޭޝިއަން ދެވަނަ ކުއްޖަކު ހޯދަން ތައްޔާރަށް ހުރިކަން ހާމަކޮށްފި އެވެ. އެންބީއޭގައި ވާހަކަ ދައްކަމުން ކްލޯއީ ބުނީ އިތުރު ކުއްޖަކު ހޯދަންވީ ވަގުތު އަތުވެއްޖެ ކަމަށެވެ.

"އަހަރެންނަށް އިހުސާސް ކުރެވޭ އިތުރު ކުއްޖަކު ހޯދަންވީ ވަގުތު އަތުވެއްޖެ ހެން،" ކްލޯއީ ބުންޏެވެ.

ކްލޯއީ އާއި ޓްރިސްޓަން ތޮމްޕްސަންގެ މިހާރު ހުންނަނީ ދެ އަހަރުގެ އެއް ކުއްޖެއް އެކަންޏެވެ. އެއީ ޓްރޫ ތޮމްސަންއެވެ. ފާއިތުވި އަހަރުތަކުގައި އެ ދެމަފިރިންނަށް އެތައް ކަންކަމާއި ކުރިމަތިވެފައިވާ ކަމުގައި ވިޔަސް އެއީ ރަނގަޅު މައިންބަފައިން ކަމަށް އެމީހުންގެ ޝޯ ބަލާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ކާޑޭޝިއަންގެ އާއިލާގެ މެމްބަރުން ފެނިގެންދާ މަޝްހޫރު ޓީވީ ސިލްސިލާ "ކީޕިންގ އަޕް ވިތް ދަ ކާޑޭޝިއަން" ނިންމާލަން ތައްޔާރުވެފައިވާއިރު، ފަހު ޝޯގައި ވާނެ ކަން ކަމަކީ އަދި އެއްވެސް ބަޔަކަށް ނޭނގޭނޭ ކަންކަން ކަމަށް އެކި ފަރާތްތަކުން ބުނަމުން ގެންދެއެވެ.

ކައިލީ ޖެނާ، ކްރިސް ޖެނާ، ކްލޯއީ ކާޑޭޝިއަން، ކިމް ކާޑޭޝިއަން އަދި އާއިލާގެ އިތުރު މެމްބަރުންގެ އާއިލީ ޑްރާމާތައް ފެނިގެންދާ މި ޝޯއަކީ އެތައް ހާސް ބަޔަކު ބަލާ ޝޯއެކެވެ.

"ކީޕިންގ އަޕް ވިތް ދަ ކާޑޭޝިއަން" ގެ އެންމެ ފަހުގެ ޝޯ ދެއްކުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހުގައެވެ. މި ޝޯ "އީ" އިން ދައްކާނެއެވެ.