ނެޓްފްލިކްސްގެ ޑްރާމާ ސިލްސިލާ ބްރިޖާޓަން ދައްކަން ފެށިތާ 28 ދުވަސްތެރޭ 82 މިލިއަން މީހުން އެ ސިލްސިލާ ބަލައިފިއެވެ. ދުނިޔޭގެ 83 ގައުމެއްގެ އެންމެ ގިނަ ބަޔަކު ބަލާ ސިލްސިލާއަށް ބިރިޖާޓަން ވެފައިވާ އިރު އެ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތް، އެމެރިކާ، އިންޑިއާ، ފްރާންސް އަދި ބްރެޒިލް ހިމެނެއެވެ.

އެތައް މިލިއަން ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ބްރިޖާޓަން ބަލާފައިވާ އިރު މި ސިލްސިލާގެ ތަރި ފޯބީ ޑައިނެވާ އޭނާގެ އިންސްޓަގްރާމުގައި ބުނީ ސިލްސިލާގެ ޓީމާ މެދު ފަހުރުވެރިވާ ކަމަށާއި ސިލްސިލާއަށް ތަރުހީބު ލިބެމުންދާތީ ޝުކުރު އަދާ ކުރާ ކަމަށެވެ.

ބްރިޖާޓަން އަކީ އިނގިރޭސިވިލާތުގައި ޝާހީ އާއިލާތަކާއި ރާނީ ވެސް ފެނިގެންދާ ސިލްސިލާ އެކެވެ. އަހަރުތަކެއް ކުރީގައި ޝާހީ އާއިލާއިން އުޅުއްވި ގޮތާއި އެމީހުންގެ ހެދުންތައްވެސް ފެނިގެންދާއިރު ގިނަ ބަޔަކަށް ވަނީ އެމީހުންގެ ރީތި ހެދުންތަކަށް ވެސް ލޯ ހުއްޓިފައެވެ.

ގިނަ ބަޔަކު ބަރިޖާޓަން ބަލާ އިތުރު ސަބަބުތަކަކީ އެ ސިލްސިލާގެ ސްޓޯރީ ލައިން ރީތިވުމާއި ސިލްސިލާގައި ތަރީން ދިރިއުޅޭ ގެތައް އަސްލުވެފައި ފުރިހަމަ ވުމުންނެވެ.

މި ޑްރާމާ ސިލްސިލާއަކީ މަޝްހޫރު ވާހަކަ ލިއުންތެރިޔާ ޖުލިއާ ކުއިން ލިޔެފައިވާ ލޯބީގެ ވާހަކަ ސިލްސިލާގެ މައްޗަށް ކުޅެފައިވާ ސިލްސިލާ އެކެވެ. މިއީ ބްރިޖާޓަން އާއިލާ އިން ލަންޑަނުގެ އެންމެ މަތީ ފަންތީގެ އާއިލާތައް ކައިރިއަށް 1800 ގެ އަހަރުތަކުގައި ބަދަލުވިއިރު ހިނގައި ދިޔަ ކަންތައްތަކުގެ މައްޗަށް ލިޔެފައިވާ ވާހަކަތަކެކެވެ.

ބޮޑު ކާމިޔާބީއެއް ބްރިޖާޓަން އަށް ލިބިފައިވާ އިރު ނެޓްފްލިކްސްގައި ކުރީގައި އެއްވަނައިގައި އޮތީ ދަ ވިޗާއެވެ. އެ ސިލްސިލާ އަށް ވަނީ 28 ދުވަސްތެރޭގައި 76 މިލިއަން ވިއުސް ލިބިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު