ކޮވިޑް-19 ޖެހިގެން އެމެރިކާގައި ފަރުވާ ދެމުން ދިޔަ އަންހެނަކު މަރުވީ ޑޮކްޓަރު ތަފާތު ކުރުންތައް ގެންގުޅޭތީ ކަމަށް އޭނާ ބުނެފިއެވެ.

މަރުވުމުގެ ކުރިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް އުމުރުން 52 އަހަރުގެ ސޫޒަން މޫރޭ ކުރި ވީޑިއޯއެއްގައި ވަނީ ކޮވިޑް-19 ޖެހިގެން އޭނާ ތަހައްމަލު ކުރަމުން އައި ވޭން ބުނެދީފައެވެ. އެގޮތުން އޭނާ ވަނީ އަޑު ގޮސްފައިވާ ކަމަށާއި ނޭވާލާން ވަރަށްވެސް އުނދަގޫވާ ކަމަށް ބުނެފައެވެ.

އޭނާ މަރުވެފައިވަނީ ހަމަ އެކަނި ބަލި ޖެހިގެން ފަރުވާ ނުދެވިގެނެއް ނޫނެވެ. އޭނާ މަރުވެފައިވަނީ ފަރުވާ ދިނުމުގައި ޑޮކްޓަރު ތަފާތު ކުރުންތައް ގެންގުޅޭތީއެވެ. އޭނާ އަކީ ކަޅު ނަސްލަތް ނިސްބަތްވާ މީހެކެވެ. އަދި ޑޮކްޓަރަކީ ދޮން ނަސްލަތް ނިސްބަތްވާ މީހެކެވެ.

ސޫޒަން އަކީވެސް ޑޮކްޓަރު ކަން ކިޔަވަމުން އައި މީހެކެވެ. އޭނާ ނަގާފައިވާ ވީޑީއޯގައި ބުނެފައިވަނީ އޭނާއަށް ޒިޔާރަތް ކުރި ޑޮކްޓަރު ކައިރީ ކަރަށް ތަދުވާތީ ބޭސް ހޯދުމަށް އެދުނު ކަމަށެވެ. ނަމަވެސް އެކަމަށް ބޭސް ނުދީ އެދުނީ ގެއަށް ދިއުމަށް ކަމަށެވެ. އަދި ތަކުރާރުކޮށް އޭނާއަށް ބޭސް ދިނުން އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށް ބުނެފައިވާ ކަމަށް ވީޑީއޯގައި ސޫޒަން ވަނީ ބުނެފައެވެ.

"ވަރަށް ދެރަވި. އޭނާ ވާހަކަ ދެއްކި ގޮތުން އަޅުގަނޑަށް ހީވީ އަޅުގަނޑު މިއީ މަސްތުވާ މީހެއް ކަމަށް. ކަރަށް ތަދުވެގެން އެދުނީމަ ވެސް އަޅާނުލާ. ރޮއެ އާދޭސް ކުރީމަ ކައިރިއަށް އައިސް ބުނީ ގެއަށް ދާށޭ. އެހެން ބުނުމުގެ ކުރިން ވިންދު ހުރިގޮތެއްވެސް ނުބަލާ" ސޫޒަންއާ ހަވާލާދީ ނިއުޔޯކްޓައިމްސް އިން ބުންޏެވެ.

އޭނާއަށް ފަރުވާ ދިނުން ރަނގަޅުވެފައިވަނީ އެ ވީޑިއޯ މީސްމީޑިއާގައި އާންމުވާން ފެށުމުންނެވެ. އޭގެ ފަހުން ޑޮކްޓަރުން ވަނީ އޭނާ އަށް ރަނގަޅު ފަރުވާދީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ނަމަވެސް އޭނާ ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ އޭގެ ދެ ހަފްތާ ފަހުން ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ގިނަ ބަޔަކު ސޫޒަންގެ މަރާއި ގުޅިގެން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފުރަތަމަ ދޭން ޖެހޭ ފަރުވާ ތަފާތު ކޮށްގެން ދީފައިވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު