އަންހެން މީހާ ދަރި ވައްޓާލަން ދިޔަ ހޮސްޕިޓަލް
އަންހެން މީހާ ދަރި ވައްޓާލަން ދިޔަ ހޮސްޕިޓަލް

އެމެރިކާގެ މިސިސިޕީގައި ދަރިން ވައްޓާލުމުގެ ހުއްދަ ޤާނޫނީ ގޮތުން ލިބިފައިވާ ހަމައެކަނި ހޮސްޕިޓަަލަށް ދަރިފުޅު ވައްޓާލަން ގޮސް ހުރި އަންހެނަކު ދަރިފުޅު ވައްޓާލުމުގެ ކުރިން ވިހައިފިއެވެ.

ހޮސްޕިޓަލްގެ ޑޮކްޓަރަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ދަރިފުޅު ވިހަން ބޭނުން ނުވެގެން ދަރިފުޅު ވައްޓާލަން އައި އަންހެން މީހާ ހޮސްޕިޓަލަށް އައިތާ ވިއްސަކަށް މިނެޓް ފަހުން އޭނާ ސިއްހަތު ރަނގަޅު ކުއްޖަކު ވިހާފައިވާ ކަމަށެވެ. ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށް ޑޮކްޓަރު ބުންޏެވެ.

ދަރިފުޅު ވައްޓާލަން ގޮސް ހުއްޓާ ވިހާފައިވާ އަންހެން މީހާގެ ނަމެއް މީޑިއާ އިން ވެސް ހާމަކޮށްފައެއް ނުވެއެވެ. ހޮސްޕިޓަލުން ބުނީ އޭނާ ދަރިފުޅު ވައްޓާލަން ހޮސްޕިޓަލަށް ދިޔައީ ބަނޑަށް ކިތައް މަހުގައި ކަން ނޭނގޭ ކަމަށެވެ.

"އޭނާ ބުނި ބަނޑުބޮވިތާ މާގިނަ ދުވަހެއް ނުވާކަމަށް. ބަނޑަށްވީ ކިހައި ދުވަހެއް ކަމެއް އޭނާ ނުބުނޭ. އޭނާ ވިހެއީ ބަނޑަށްވީ ކިތައް ދުވަސްކަން ކަށަވަރު ކުރުމުގެ މަސައްކަތް ހޮސްޕިޓަލްގެ މުވައްޒަފުން ކުރަމުން ގެންދަނިކޮށް." ޑޮކްޓަރު ބުންނެވެ.

ޑޮކްޓަރު ބުނީ އަންހެން މީހާ ވެސް ދަރިފުޅު ވައްޓާލަން ބޭނުން ވެގެން ހޮސްޕިޓަަލަށް އައިސް ހުއްޓާ ވިހެއުމުން ހުރީ ވަރަށް ބޮޑަށް ހައިރާން ވެފައެވެ.

އެމެރިކާގައި މިހާރު ދަރިން ވައްޓާލުމަކީ ޤާނޫނީ ގޮތުން ވަރަށް ބޮޑެތި ދޫތަކެއް ދީފައިވާ ކަމެކެވެ. ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ ދަރިން ވެއްޓުމާއި ވަރަށް ބޮޑަށް ދެކޮޅު ހަދާ މީހެކެވެ. ޓްރަމްޕް ވަނީ ދަރިން ވެއްޓުން ހަރުކަށި ކުރާނެ ކަމަށް އެތައް ފަހަރަކު ވައުދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު