ދުނިޔޭގައި އުޅޭ އިރު ވަރަށް ތަފާތު ކަންތައްތައް ދިމާވެއެވެ. ނަމަވެސް އަމިއްލަ ގެ ކަމަށް ހީކޮށް އެހެން މީހެއްގެ ގެއެއްގައި ފަސް އަހަރު ދުވަހު ދިރިއުޅެވުން އެއީ މީހަކަށް ދިމާވި އެންމެ އާދަޔާއި ހިލާފު އެއްކަމަށް ވުން ވެސް އެކަށީގެންވެއެވެ.

ކޮންމެއަކަސް ނިއުޒިލެންޑް މީހެއް ކަމަށްވާ ނިގެލް ރޮތުސޭ މީގެ ފަސް އަހަރު ކުރިން މަސްޓާޓޮން ނަމަކަށް ކިޔާ އަވަށަކުން ގެއެއް ގަތެވެ. އެގޭގައި އޭނާ އާއިލާ އާއި އެކު ދިރިއުޅެމުން ދިޔައީ އެއްވެސް މައްސަލައެއް ދިމާނުވެއެވެ.

ނަމަވެސް ކުއްލިއަކަށް ހައިރާންކަން ލިބިގެން ދިޔައީ ފުލުހުން އެއްދުވަހަކު އެގެއަށް އައިސް ތިއީ ނިގެލްގެ ގެއެއް ނޫން ކަމަށް ބުނުމުންނެވެ.

ފުލުހުންނަށް އެކަން ފާހަގަ ކުރެވުނީ ނިގެލްގެ ގެއާއި ޖެހިގެން ހުރި ގޭގައި ދިރިއުޅޭ މީހަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވިގެން އެގެ ފާސް ކުރުމުގެ ތެރޭގައެވެ. އެގޭގައި ދިރިއުޅޭ މީހާ އާއި އޭނާ ރަޖިސްޓްރީ ވެފައި އޮތް ގެ ބެލުމުން ފުލުހުންނަށް ފާހަގަ ކުރެވުނީ އޭނާ އަކީ ޖެހިގެން ހުރި ގޭގެ މީހެއް ކަމެވެ.

އިތުރަށް ބެލި ބެލުމުން އެނގުނީ ނިގެލް އާއި އޭނާގެ އަވައްޓެރިޔާ ފަސް އަހަރު ވަންދެން ދިރިއުޅުނީ އެކަކު އަނެކަކުގެ ގޭގައި ކަމެވެ. ދެގެވެސް ގަތީ އެއްދުވަސްވަރެއްގައި އެއްކުންފުންޏެއް މެދުވެރިކޮށް ކަމަށްވާތީ ގެ ހަވާލުކުރުމުގައި އޮތީ އޮޅުން އަރާފައެވެ.

ނިގެލް ވަނީ މިމައްސަލައިގެ ޝަކުވާ ގެ ވިއްކުމުގެ ޤާނޫނީ ކަންކަން ކުރި ކުންފުންޏާއި ހަމައަށް އުފުލާފައެވެ. ނަމަވެސް އެކުންފުނިން ބުނީ އެމީހުން ގޯސްކޮށް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

މިހާރު ދެމީހުން ވަނީ އެމީހުންގެ އަސްލު ގެއަށް ބަދަލު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު