ފެނަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ސިއްހަތު ސަލާމަތުން ބެހެއްޓުމަށް އެންމެ މުހިންމު އެއް މާއްދާއަކީ ވެސް ފެނެވެ. ފެނާ ނުލައި އިންސާނާއަށް ދުނިޔޭގައި ހުރުމަކީ މުސްތަހީލު ކަމެކެވެ. ހަމަ އެހެންމެ ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބޭ ނަމަ، އެކަމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އެތައް ބޮޑެތި ގެއްލުންތަކެއްވެސް ލިބެއެވެ.

ނަމަވެސް ފެން ބުއިމުގެ އާދަ އަށަގެންފައި ނެތުމުގެ ސަބަބުން، ނުވަތަ ފަރުވާ ކުޑަ ވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބޮވި ތިބެވޭ ތަން އާދެއެވެ. މިކަމުގެ ސަބަބުން އުމުރުން ދުވަސްވަމުން ދިޔަވަރަކަށް ސިއްހީ މައްސަލަތައް ކުރިމަތިވަމުން އާދެއެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން ފެން ބުއިމަކީ ހަމަ އާދައިގެ ކަމެކެވެ. ނަމަވެސް އެއީ އެހެން އޮންނަ ކަމެއް ނޫނެވެ. ފެންބޮވެނީ ކިހިނެއްކަން ކޮން ވަގުތުތަކެއްގައި ކިހާ މިންވަރަކަށް ކަން އެނގެން ޖެހެއެވެ. އަދި ފެން ބުއިމުގައި ވަކި އުސޫލުތަކެއް ގެންގުޅުމަކީ މުހިންމު ކަމެކެވެ.

ކަމުން ފެން ބުއިން

ކާ ވަގުތު އެހާ ގިނައިން ފެން ބުއިމަކީ އަދި ހާއްސަކޮށް ފިނިފެން ބުއިމަކީ ރަނގަޅުކަމެއް ނޫނެވެ. ނަމަވެސް ކާވަގުތު ވެސް ފެން ބޮވިދާނެއެވެ. އެންމެ ގިނަ ވެގެންވެސް 150 މިލި ލީޓަރުގެ ފެން ބުއިމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ. އޭރުން ކާ އެއްޗެހި ދިރުވުމަށް އެހީއަކަށް ވާނެއެވެ. ނަމަވެސް މާގިނައިން ފެންބުއިމުން ނުކެވޭ ގޮތް ދިމާވެ މާ އަވަހަށް ބަނޑު ފުރޭނެއެވެ.

ނިދުމުގެ ކުރިން މާ ގިނައިން ފެން ބޯން ނުވާނެ

ނިދުމުގެ ކުރިން މާގިނައިން ފެންބުއިމަކީ ނިދުމަށް އުނދަގޫވާނެ ކަމެކެެވެ. އެގޮތުން މާގިނައިން ކުޑަކަމުދާގޮތް ދިމާވުމުން ހަމަ ނިދި ނުލިބުން ފަދަ ކަންކަން ދިމާވެއެވެ. އެހެންކަމުން ނިދުމުގެ ކުރިންވެސް މާގިނައިން ފެން ބުއިމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއް ތަށި ފެން ބޯލާށެވެ. އޭރުން ސްޓްރޯކް ޖެހުމާއި ހިތުގެ ބަލިން ވެސް ދިފާއުވުމަށް އެހީއަކަށްވާނެއެވެ.

ހަށިގަނޑުން ފެން މަދުވެއްޖެ ނަމަ ވަރަށް ގިނަ ގުނަ ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. އޭގެތެރޭގައި ކިޑްނީގެ މައްސަލަތައް ކުރިމަތިވުމާއި، ހަޖަމް ކުރުމުގެ ނިޒާމަށް ބުރޫ އެރުމާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތައް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން ބޮލުގައި ރިއްސުމާއި، ގޮހޮރުގެ ތަފާތު ބަލިތައް ޖެހުމާއި، ބަނޑު ހިކުމަކީ ވެސް މިކަމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެވެ. ހަމައެހެންމެ ހަށިގަނޑުގެ އެތެރޭގެ ހަރަކާތްތަކަށް ބުރޫ އަރައި، ފެނުގެ އެހީއާއެކު ހަށިގަނޑުން ބޭރުވާން ޖެހޭ މާއްދާތައް ބޭރުވާ މިންވަރު މަދުވެ، އޭގެ ސަބަބުން ހަށިގަނޑު ވިހަވާގޮތް ވުމަކީވެސް ކުރިމަތިވެފައި ހުރި މައްސަލަތަކެވެ.

ހަށިގަނޑުން ފެން މަދުވުމަކީ ބަނޑުހައިކަމުގެ އިހުސާސް ވެސް އަވަސް އަވަހަށް ކުރުވާ ކަމެކެވެ. ކިތަންމެ ގިނައިން ކެއި ނަމަވެސް އެކަށީގެންވާ މިންވަރަށް ފެން ނުބޮވޭ ނަމަ ބަނޑުހައިކަން އިހުސާސު ވާނެއެވެ.

އެހެންކަމުން، ބަނޑުހައިވާ ކޮންމެ ފަހަރަކު ފެން ތައްޓެއް ބޯލާށެވެ. އޭރުން ހަގީގަތުގައިވެސް ބަނޑުހައިވަނީތޯ ނޫނީ ފެންބޮވަނީތޯ އެނގޭނެއެވެ.