ބޮލީވުޑުގެ ފަންނާނުންގެ ތެރެއިން ގާތް ގުޅުމެއް އޮންނަ ދީޕިކާ ޕާޑުކޯންއާއި އާލިއާ ބަޓް ބައިވެރިވި ޓީވީ ޝޯއެއް ކަމަށްވާ ''ކޮފީ ވިތު ކަރަން'' ގެ އެޕިސޯޑެއްގެ ތެރެއިން ދީޕިކާ ފަރާތުން އެންމެ ބޭނުންވަނީ ކޮން ދެ އެއްޗެއްތޯ ކުރި ސުވާލަށް އާލިއާ ޖަވާބުން ދީޕިކާ ވެސް އިނީ އަޖައިބުވެފައެވެ.

މި ޝޯ ހުށަހަޅައިދޭ ޑައިރެކްޓަރ ކަރަން ޖޯހަރު ކުރި މި ސުވާލުގެ ޖަވާބުގައި އާލިއާ ބުނެފައިވަނީ ދީޕިކާގެ ފަރާތުން އޭނާ އެންމެ ބޭނުންވަނީ އެފަދަ ހަށިގަނޑަކާއި، ދިގު ފަޔަކާއި އަދި އެ އިސްކޮޅު ކަމަށެވެ. މީގެ އިތުރުން ވެސް ދީޕިކާގެ އެޕޯޓް ''ލުކްސް'' އަކީ ވެސް އާލިއާ ބޭނުންވާ އެއްޗެއް ކަމަށް ވަނީ ބުނެފައެވެ.

މި ސުވާލަށް ޖަވާބުދީ ނިންމާލަމުން އާލިއާ ބުނެފައިވަނީ ޖުމުލަކޮށް ބުނާނަމަ ދީޕިކާގެ ފަރާތުން އޭނާ ބޭނުންވަނީ ދީޕިކާގެ ހަށިގަނޑު ފަދަ ހަށިގަނޑެއް ކަމަށާއި އަދި އެެފަދަ މޫނެއް ކަމަށެވެ. އާލިއާގެ މި ޖަވާބުން ކަރަންއާއި އަދި ޚުދު ދީޕިކާ ވެސް ހުރީ އަޖައިބުވެފައެވެ.

ގާތް ގުޅުމެއް އޮންނަ އާލިއާއާއި ދީޕިކާ ވަނީ އައު އަހަރު ފާހަގަ ކުރުމަށް ރަންތަމްބޫރުގައި އެކުގައި ފާހަގަ ކޮށްފައެވެ. ދީޕިކާއާއި އޭނާގެ ފިރިމީހާ ރަންވީރު ސިންގް އަދި އާލިއާއާއި އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު އެކުގައި ފާހަގަ ކުރެވުނު މި އައު އަހަރުގެ ފެށުން ފާހަގަ ކުރުމުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ވަނީ މީސް މީޑިޔާގައި އާއްމުވެފައެވެ.

ރަންބީރު ކަޕޫރާއި ދީޕިކާ ކުރިން ލޯބީގެ ގޮތުން ގުޅިފައިވީ ނަމަވެސް އާލިއާއާއި ދީޕިކާގެ ގުޅުން އަދިވެސް ވަރަށް ރަނގަޅެވެ.