ކޮންމެ މީހެއްގެ ވެސް ހަޔާތުން ދުވަސް ވަރެއްގައި ހަންގަނޑަށް ބަދަލު އަންނާނެއެވެ. ބައެއް މީހުންގެ މޫނު މައްޗަށް ބަދަލުތައް އަންނަން ފަށަނީ އުޅޭ މާހައުލުގެ ސަބަބުންނެވެ. ނޫންނަމަ އެމީހަކު ދުނިޔެވީ މަސައްކަތުގައި އުޅޭލެއް ބުރަކަމުން މޫނުމަތީގެ ތެޔޮ ކަމަށް އަޅާނުލާ ދޫކޮށްލެވޭތީއެވެ. އެކަމުގެ ސަބަބުން މޫނުމަތީގައި ބިހި ނަގާ މޫނުމަތި ސިފަ ބަދަލުވެގެންދެއެވެ. ލަކުނުތައް މޫނުގައި ގިނަވެއެވެ.

އެހެންކަމުން، މި ބަލާލަނީ މޫނުމަތީގެ އޮމާންކަން އިތުރު ކުރުމަށް ގޭގައި ކުރެވިދާނެ ކަންތައްތަކަށެވެ.

ފުރަތަމަ ކަމަކަށް ނިދާ ހޭލުމަށް ފަހުގައި އާއި ނިދަން ދިޔުމުގެ ކުރިން ރަނގަޅަށް މޫނު ދޮވެލަން އާދަކުރާށެވެ. މިއީ މޫނުގައި ހުންނަ ތެޔޮކަން ފިލުވައިދޭނެ ކަމެކެވެ.

ދެވަނަ ކަމަށް މޫނު އޮމާން ކުރުމަށް ބާރުގަދަ ސްކްރަބްތައް ބޭނުން ކޮށްގެން މޫނު ދޮވުން ހުއްޓާލާށެވެ. ސްކަރަބް ބޭނުން ކުރާނަމަ ގިނަ ވެގެން ހަފްތާއަކު އެއް ދުވަހު ބޭނުން ކުރާށެވެ. އެއީ ގިނަ ސްކްރަބް ހަދާފައިވަނީ ބާރު ގަދަ މާއްދާތައް ހިމެނޭ ގޮތަށް ކަމުން ފަސޭހަކަމާއި އެކު ހަންގަނޑު ހަލާކުވެގެން ދާތީއެވެ.

ތިންވަނަ ކަމަކަށް ހަމަ ނިދި ނިދާށެވެ. ނިންޖަކީ އިންސާނާއަށް އެންމެ މުހިންމު އެކައްޗެވެ. އިންސާނާގެ ހިތް ފިޔަވައި ހުރިހާ ގުނަވަނެއް އަރާމްކުރަން ވަގުތު ބޭނުންވެއެވެ. އެގޮތުން ހަމަ ނިދި ނުލިބޭ ނަމަ ހަންގަނޑު ދޫވެ ނިތް ކުރިއަށް ރޫޖެހޭގޮތް ވެގެންދެއެވެ.

ހަތަރު ވަނަ ކަމަކަށް ގަވާއިދުން ކޮންމެ ގަޑިއިރަކު މަދުވެގެން ފެން ތައްޓެއް ނުވަތަ ބައި ތަށި ފެން ބުއިމަށް ސަމާލުކަން ދޭށެވެ. އެއީ ފެން ބުއިމުން މޫނު މައްޗަށް ތާޒާކަން ގެނެސްދޭ ކަމަކަށް ވެސް ވާތީއެވެ.

ފަސްވަނަ ކަމަކަށް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގިނައިން ބޭނުން ކުރާށެވެ. އޭގެ ސަބަބުން ހަންގަނޑުގެ ކުލަ އަލިކޮށްދީ މޫނުމަތިީގެ އޮމާންކަން އިތުރުކޮށްދެއެވެ. އެއީ އެ ބާވަތްތަކުން ހަންގަނޑަށް ލިބެންޖެހޭ މުހިންމު މިނަރަލްސްތަކާއި ނިއުޓްރިޝަންތައް ލިއްބައިދޭނެތީއެވެ.

މި ފަސް ކަމަށް ސަމާލުވެއްޖެ ނަމަ މޫނުމަތީގެ ތެޔޮކަން ފިލައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މޫނުމަތި އޮމާންވެ ރީތިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝާކިރު

    މޫނުމަތި ރީތިކުރަން ކުރަންވީ އެންމެ ކަމެއް. އެއީ 5 ވަގުތު ނާޅައި ނަމާދުކުރުން. މިއަށްވުރެން ވަކި ދާއިމީ ހައްލެއް ނޫހޯދޭނެ.

    51
  2. އިނާ

    ފަސް ވަގުތު ނަ މާދު ކުރާ މީހާާ ފަސް ފަހަރު ހުންނާާނީ ވުޟޫ ކުރެވިފަ. މޫނު ރީތި ކޮށް އަލި ކުރަން އެއަށް ވުރެ ރަނގަޅު މޮޅު ފަރުވާާ އެއް ނޯއްނާނެ. މިކަ މާ އެއްބަސް ވާ މީހުން ލައިކެއް ދީބަލަ ނިކަން.

    23