އަހަރެން ދިރިއުޅެނީ ލަންކާގެ ކޮލަންބޯގައެވެ. މީގެ ތިން އަހަރުކުރިން އަހަރެންނާއި އަހަރެންގެ ފިރިމީހާ ލަންކާއަށް ދިރިއުޅުން ބަދަލުކުރީ ފިރިމީހާއަށް ލަންކާއިން ވަޒީފާ ހަމަޖެހުނީމައެވެ. އޭރު އަހަރެން އިނީ އާޔާއަށް ބަލިވެއެވެ. ލަންކާއަށް ބަދަލުވީ ވިހަން ކައިރިކޮށްފައެވެ. އާޔާ ލިބުމުން އަހަރެމެން ދެމަފިރިންގެ ދިރިއުޅުން ކުރިއަށްވުރެ އުފާވެރިވެ ދިރުން ލިބިގެންދިޔައެވެ. އާޔާވީ ވަރަށް އަވަހަށް ބަސްތައް ކިޔައި ވާހަކަދައްކަން ފެށި ކުއްޖަކަށެވެ. މިހާރު އުމުރުން ތިން އަހަރުވެގެންދިޔަ އިރު ހުރިހާ ވާހަކައެއްހެން އެކުއްޖާއަށް ދައްކަން އެނގެއެވެ. އަހަރެން ކޮންމެ ހުކުރު ދުވަހަކު އާޔާ ގޮވައިގެން ގެއާ މާދުރުނޫން ހިސާބެއްގައި ހުންނަ ޕާކަކަށް ދަމެވެ. ފިރިމީހާ ސިއާދު އަވަހަށް އޮފީހުން ނިމިއްޖިއްޔާ އޭނަވެސް އަހަރެމެން ދެމައިންނާއެކު ވަގުތު ހޭދަކުރުމަށް އެތަނަށް ދެއެވެ.

އެއްދުވަހެއްގެ ހަވީރެވެ. އަހަރެން އަތްމަތި އަވަސްކޮށްލަމުން އެރެއަށް ކައްކައި ހުރިހާ ކަމެއް ނިންމަން އުޅުނީ އެދުވަހު ސިއާދުއަށްވެސް އަވަހަށް ގެއަށް އާދެވޭނެކަމަށް ބުނެފައި އޮތުމުން ހަވީރު ސިއާދު އައުމުން ޕާކަށް ގޮސްލަން ވެގެންނެވެ. ހަވީރޭ ބުންޏަސް އަހަރެމެންނަށް ގިނަދުވަހު ދެވެނީ ފަހެއްޖަހައި ބޮޑުވާ ފަހުންނެވެ. އެދުވަހު އަހަރެން އާޔާ ތައްޔާރުކޮށްގެން އެތަށް އިރެއް ވަންދެން ހުންނަން ޖެހުނެވެ. އެންމެ ފަހުން ލަސްވެގެން ސިއާދަށް ގުޅުމުން ބުނީ ކުއްލިއަކަށް މީޓިންގ އަކަށް ވަންނަން ޖެހިގެން އޮފީހުގައި ތާށިވީކަމަށެވެ. އަހަރެން ވީ ފޫހިން ކިތަންމެ ލަސްވެފައި ހުއްޓަސް ގެއިން ނުކުތީ ދެން ޕާކަށް ނުގޮސް ހުންނަން ވުމުން އާޔާވެސް ބޮޑާހާކަން ފެށީމައެވެ.

ގަޑިން ހައެއް ޖަހައިފިއެވެ. އަހަރެން އާޔާގެ އަތުގައި ހިފާލައިގެން ޕާކަށް ވަތްއިރު އެތަނުގަ ތިބީ ވަރަށް މަދު ކުދިންނެވެ. ގިނަ ކުދިން އެކުދިންގެ މައިންބަފައިންނާއި އެކު އޭރު ގެއަށް ދަމުންދިޔައެވެ. އާޔާ އަބަދުވެސް ކަންތައްކުރާގޮތަށް ޕާކަށް ވަދެވުމުން އަހަރެންގެ އަތުން ވީއްލިގެން ދުއްވައިގަތެވެ. އަހަރެންވެސް އާޔާއަށް ކުޅެން ފުރުޞަތު ދެމުން އެތާ ކައިރީއި ހުރި ކުޑަ ބެންޗެއްގައި އިށީނދެ ހަމަޖެހިލީމެވެ. އާޔާއަށް އަބަދުވެސް އެންމެ ކަމުދާނީ އެޕާކުގައި ހުންނަ ރަތް ކުލައިގެ ސީސޯއެވެ. އެނޫން އެއްޗަކާއި އާޔާ ކައިރިނުވާކަން އެއީ ނަޞީބެކޭ އެރޭ އަހަރެންގެ ހިތަށް އެރިއެވެ.

އަހަރެމެން ޕާކަށް ދިޔަތާ މާގިނަ އިރެއްނުވަނީސް އެތަނުގައި އުޅުނު އެންމެން އެކި ދިމަ ދިމާލަށް ގޮސް އަހަރެންނާއި އާޔާ އެކަނި ވިއެވެ. އާޔާއަށް މިނިވަންކަމާއެކު އުޅެވޭނެއޭ ހިތަށް އެރުމުން އަހަރެން އިނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ހަމަ އެ ސީސޯއަށް އަރާފައި ފައިބާފައި އަނެއްކާވެސް އެއަށް އަރާފައި މަޖާވެގެން އެކުޑަކުއްޖާ އުޅޭގޮތް ބަލަން އަހަރެންނަށް އިނދެވުނީ ހިނިތުންވެލައިގެންނެވެ. މުޅި އެޕާކުގެ ބިން ހުންނަނީ ވަރަށް މަޑު ވެއްޔަކުން ފުރާލާފައެވެ. ޕާކު ސާފުކުރާ މީހާ އިލޮށިފައްޗެއް ކަހަލަ ގޮތަކަށް އޮންނަ އެއްޗެއް ހިފައިގެން އައިސް އެތަން ސާފުކޮށްލުމުން ބިންގަނޑު އޮތީ އެއްކޮށް އޮމާންވެފައެވެ. ކުދިންގެ ފިޔަވަޅުތައް މިހާރު އެއްވެސް ވަރަކަށް ފެންނަން ނެތްއިރު ފިޔަވަޅުތައް ފެންނަނީ އާޔާ ދުވާ ހިސާބުގައި އެކަންޏެވެ. އަހަރެން އެހެން އިންދާ އެތަން ސާފުކުރާ ދައްތަ އަހަރެން ކައިރިއަށް އައިސް ހިނިތުންވެލުމަށްފަހު ޕާކުން ނުކުމެގެން ދިޔައެވެ.

އޭރު ގަޑިން ހަތެއްޖަހައި ބޮޑުވެދާނެކަން ޔަޤީނެވެ. އާޔާ ކުޅެ އުޅުނު ސީސޯގެ ކަނާތުން ފަހަތަށްވާގޮތަށް ހުރި ކުޑަ އުނދޯއްޔެއް ހެއްލޭތަން އަހަރެންނަށް ކުއްލިއަކަށް ފެނުނެވެ. އެއީ ވައިރޯޅިއަކުން ހެއްލޭ ހެއްލުމެއް ނޫންކަން އެނގުނީ އެއްވެސް ވަރަކަށް ވައިކޮޅެއް ނުޖެހޭއިރު އެ އުނދޯލި ކައިރީގައި ހުރި އަނެއް އުނދޯލި އެއްވެސް ވަރަކަށް ނުހެއްލޭތީއެވެ. އުނދޯލި ހެއްލި ހެއްލިހުރިއިރު ހީވަނީ ކޮންމެވެސް މީހަކު އެއުދޯލީގައި އިނދެ ހެއްލާހެންނެވެ. އެކަމަކު އާޔާއާއި އަހަރެން ނޫން އިތުރު އެއްވެސް މީހެއް އެޕާކުގައި ނޫޅޭކަން އަހަރެންނަށް ޔަޤީންވާތީ އަހަރެން ބިރުގަންނަން ފެށިއެވެ.

"އާޔާ، ހިނގާ ދާން" އަހަރެން އާޔާއަށް ގޮވާލަމުން ބުނެލީމެވެ.

"އުނހު މަންމީ.. އަދި ނުވޭ ދާކަށް"

"ނޫން. ހަމަ މިހާރު އާދޭ" އަހަރެން ތަންކޮޅެއް ބާރަށް ބުނެލީވެސް އަހަރެން ބިރުގަނެފައި ހުރިވަރުންނެވެ. މިހެން ހުއްޓާ އިތުރަށް ބިރުގަތީ އަހަރެން ހަޅޭއްލެވުމުން އެއުދޯލީގެ ހެއްލުންވެސް ހަމަ ކުއްލިއަކަށް ހުއްޓުމަކަށް އައުމުންނެވެ. އެހެންވާންވީ ކީއްވެގެން ހެއްޔެވެ؟ ގައިމުވެސް އެއުނދޯލީގައި އަހަރެމެންގެ ލޮލަށް ނުފެންނަ ކޮންމެވެސް މީހެއް ނޫނީ އެއްޗެއް އިނީއެވެ. އަހަރެން އެދިމާލަށް ބަލަން ހުއްޓާ ދެން އަހަރެންގެ ލޮލުގައި އަޅައިގަތީ އެއަށްވުރެ އާދަޔާ ޚިލާފު ކަމެކެވެ. އޮމާންކޮށް އޮތް ބިންމަތީގެ ވެލިގަނޑުގައި މީހެއްގެ ފިޔަވަޅު ފެވެމުން އައީ އެ އުނދޯއްޔާ ހިސާބުންނެވެ. އެހިސާބުގައި ހުރެފައި ކޮންމެވެސް މީހަކު އަހަރެމެން ތިބި ދިމާލަށް އަންނަތައް ފެނުނީ ފެވެމުން ދިޔަ ފިޔަވަޅުތަކުންނެވެ. އެކަމަކު ލޮލަށް ފެންނާކަށް އެއްވެސް މީހެއް ނެތެވެ.

އަހަރެން ބަލާކަށް ނުހުރެ ބާރަށް ދުވެފައި ގޮސް އާޔާ އުރާލުމަށްފަހު ފަހަތަށް އެނބުރި ދުއްވައިގަތީމެވެ. އާޔާ އޮތީ އަހަރެންގެ ކޮނޑުމަތީގައި ފަހަތް ފެންނަގޮތަށެވެ. އެހެން އޮވުމަށްފަހު އާޔާ ބިރުން ތެޅި ފޮޅެން ފަށައިފިއެވެ.

"މަންމީ. ބިރުގަނޭ. ބިރުގަނޭ. ބާރަށް ދުވޭ" އާޔާއަށް ކޮންމެވެސް އެއްޗެއް ފެނިގެން ބިރުން އުޅެނީކަން އެނގުނީ އާޔާ ތަކުރާރުކޮށް ކިޔަމުންދިޔަ އެއްޗެހިންނެވެ. އަހަރެން ފަހަތަށް ބަލާކަށް ބޭނުމެއްވެސް ނުވިއެވެ. ބާރުބާރަށް ހިނގާފައި ގޮސް ގެއާ އަރާ ހަމަކުރި އިރު އަހަރެންގެ ފިރިމީހާ އޭރު ކާރުން ފައިބައިގެން ގޭގެ ދޮރާ ދިމާލަށް ދާތަން ފެނުނެވެ. މީހެއްގެ ހިލަން ވެގެން ސިއާދުވެސް ފަހަތަށް ބަލާލިއެވެ. ހަމަ ބަލާލުމާއެކު ސިއާދުވެސް ހުއްޓުން އެރިކަން އަހަރެންނަށް ފާހަނގަވިއެވެ. ސިއާދުވެސް ހުރީ އަހަރެންގެ ފަހަތަށް ބަލަހައްޓައިގެންނެވެ. އަހަރެންނަށް ސިއާދު ކައިރިއަށް އާދެވުމުން ސިއާދުވެސް ވަރަށް އަވަސް ހަރަކާތަކާއެކު އަހަރެންގެ ކޮނޑުގައި ހިފައި އޭނަޔާ ގާތްކޮށްލިއެވެ. ބިސްމި ކިޔާފައި ގެއަށް ވަނުމަށް އަހަރެންނަށް ހަނދާންކޮށްދެމުން، އަހަރެންނާއި އާޔާ ގޮވައިގެން ގޭތެރެއަށްވަދެ ސިއާދު ދޮރު ލައްޕައި ތަޅުލިއެވެ.

އިތުރަށް އެއްޗެއް ބުނަން އެކަކުވެސް ބޭނުމެއް ނުވިއެވެ. ނަމަވެސް އާޔާ ފެށީ ރޯށެވެ.

"ބައްޕާ، ބިރުގަނޭ" އާޔާ ސިއާދާ ދިމާލަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ.

"ޑޯންޓް ބީ" މިހެން ބުނެ ސިއާދު އާޔާ އުރާލުމަށްފަހު ސިޓިންގްރޫމްގައި ހުރި ޓީވީ ހުޅުވުމަށްފަހު ޔޫޓިއުބްއަށްވަދެ ޤްރްޢާން ޖަހާލިއެވެ. ޓީވީގެ އަޑުގަދަކޮށްލުމުން އަހަރެންނަށްވެސް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އާޔާގެ ރުއިން ހުއްޓާލުމުން އަހަރެން އާޔާއަށް ކާންދީ ނިމިގެން ސިއާދާއެކު ރޭގަނޑު ކެއީމެވެ. އޭރުވެސް އޮފީހުން އައިގޮތަށް ހެދުންވެސް ބަދަލުނުކޮށް ސިއާދު އިނީ އަހަރެންނާއި އާޔާ އެކަނިކޮށްލުމަށްފަހު އެއްވެސް ތަނަކަށް ނުދިޔުމަށެވެ. ކައިގެން ކޮޓަރިއަށް ވަނުމުން ދެން އެއްޗެހި ބަދަލުކޮށްލައިގެން ސިއާދު އައެވެ. އަދި އޭނަގެ ފޯނުން ޖަހާފައިވާ ޤްރްޢާންގެ އަޑު ކުޑަކޮށް ބާރުކޮށްލަމުން ނިދާފައި އޮތް އާޔާގެ ބާލިސް ކައިރީގައި ފޯނު ބޭއްވުމަށްފަހު އަހަރެން ކައިރީގައި އިށީނދެ ސިއާދު ވާހަކަ ދައްކަން ފެށިއެވެ.

"ކިހިނެއްވީ އަސްލު؟" ސިއާދު ސުވާލުކުރިއެވެ.

އަހަރެން ސިއާދަށް އަޑުއިވޭވަރަށް މަޑުމަޑުން ސިއާދާއި ވާހަކަ ދެއްކީމެވެ. އަދި ޕާކަށް ވަނީއްސުރެން ވިހުރިހާ ކަމެއް ކިޔައިދިނީމެވެ.

"ހުމްމްމް. ނަސީބެއްނު އެއެއްޗެއް ގެއަށް ނުވަތްކަން"

"އެއީ ކޯއްޗެއްތަ. އަހަރެންނަކަށް ނުކެރުނު ބަލާކަށްވެސް. އާޔާވެސް އުޅުނީ ބިރުން"

"ނަސީބެއް ނުބެލިކަން. އެހެންނޫންނަމަ އަހަރެންނަށް ޔަޤީން ގެއާ ހަމައަށްވެސް އުލާއަށް ނާދެވޭނެކަން"

"އުލާއަށް އިނގޭތަ. އުލާގެ ފަހަތުގައި ތަންކޮޅެއް ދުރުން އައީ ކުޑަ އަންހެން ކުއްޖެއް. އައީ ހިނގާފައެއްނޫން ގައިމުވެސް. ވައިގަ އަންނަހެން ހީވީ. ހުރި ވައްތަރުން އަހަރެންނަށް ޔަޤީންވި އިންސާނެއްނޫންކަން. ބޯހުރީ މޫނުމައްޗަށް އަޅާފައި. ވަރަށް ކްރީޕީ.. އަހަރެން މިހުންނަނީ އަހަރެންނާ ހަމައަށް އާޔާއާއި އުލާއަށް އާދެވުނީމަ ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގިފަ. އަލްޙަމްދުލިﷲ" އަތް ކުޑަކޮށް މައްޗަށް އުފުލާލަމުން ސިއާދު ބުންޏެވެ.

އެއީ ވަރަށް ބިރުގަތް ރެއެކެވެ. ސިއާދުވެސް އެހާ ހާސްވެ ބިރުންއުޅުނު ދުވަހެއް އަހަރެން ހަނދާނަކަށް ނާދެއެވެ. އެދުވަހު އެކަމެއްވި ފަހުން އަހަރެން އާޔާ ގޮވައިގެން ދުވަހަކުވެސް ހަޔެއްގެ ފަހުން ބޭރަށް ނުކުމެ ނޫޅެމެވެ. އަބަދުވެސް ހައެއް ޖެހުމުގެ ކުރިން ގެއަށް ވަންނަމެވެ. އެކަމުން އަހަރެންނަށް ވަނީ ހިތުން ނުފިލާވަރުގެ ފިލާވަޅެއް ލިބިފައެވެ. އެރޭ އަހަރެންގެ ފަހަތުން ގެއާ ހަމައަށް އައި އެކުއްޖާ ގެއަށް ނުވަނީ ކީއްވެގެން ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ.

ނިމުނީ

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމޭދާ

    ގެއަށް ނުވަނީ ބިސްމި ކިޔާފަ ވަނީމަ. ނޫންނަމަ ވަދެވޭނެ. ޕާކުގަ ހުރެފަ އަންނާށޭ ކިޔާފަ ގޮވީމަ އައީ ކަމަށް ލަފާ ކުރެވެނީ.. 6 ގެ ފަހުން ބޭރަށް ނިކުތަސް ހެނދުނާ ހަވީރުގެ ޒިކުރުތަށް ކިޔައިގެން ނިކުންނަ ނަމަ އެކަހަލަ ކަންތަކުން ސަލާމަތްވާނެ އިރާދަ ކުރެއްވިއްޔާ..

    • ހެލޯ

      އުހުނ. އެގަޑީގަ ކުޑަކުދިން ބޭރަށް ނުނެރެން އޮންނަނީ. އެހެންވީމަ ޛިކުރު ކިޔަސް ނުކިޔަސް އެގޮތަށް އެކަން އޮންނަންވާނީ. ހަމަގައިމު ގިނަ ކުޑަކުދިން ޛިކުރެއް ނުވެސް ކިޔާދޯ؟ ޛިކުރު ކުރާއިރު ޛިކުރު ކުރަނީ މަންމަ ނުވަތަ ބައްޕަ ނުވަތަ ބޮޑުމީހެއްތާ