ކިޔަވަމުންދިޔަ ސްކޫލް ވިއްކާލުމަށް، އޮންލައިން ވެބްސައިޓެއްގައި ޖެހި އެ ސްކޫލުގެ ދަރިވަރަކާއި މެދު ފިޔަވަޅު އަޅައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ހަފްތާގެ ތެރޭގައި އެ ދަރިވަރާއި މެދު ފިޔަވަޅު އަޅާފައިވަނީ، އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މިސޯރީގައި އޭނާ ކިޔަވަމުންދިޔަ ސްކޫލް، ޓްރޫމަން ހައި ސްކޫލް ވިއްކާލުމަށް "ކްރެއިގްސްލިސްޓް" ނަމަކަށްކިޔާ ވެބްސައިޓެއްގައި އިޝްތިހާރެއް ޝާޢިއުކުރުމާއި ގުޅިގެންނެވެ.

މި މައްސަލަ އާއި ގުޅިގެން އެ ސްކޫލުން، އުމުރުން 18 އަހަރުގެ ކޭލަން ޝީލް ނަމަކަށް ކިޔާ އެ ދަރިވަރު ތިން ދުވަހުގެ މުއްދަތަކަށް ސަސްޕެނޑުކޮށްފައި ވާއިރު، މި މުއްދަތުގެ ތެރޭގައި އޮންނަ އެ ސްކޫލްގެ ގްރެޖުއޭޝަންގައި ބައިވެރިވުމުން ވެސް އޭނާއަށް ވަނީ މަހުރޫމު ވެފައެވެ.

މިކަމާއި ގުޅިގެން ކޭލަން ބުނެފައިވަނީ، އޭނާ ސްކޫލް ވިއްކާލުމަށް ވެބްސައިޓެއްގައި ޖަހާފައިވަނީ، ސްކޫލުގައި އޭނާ ކިޔަވަމުންދާ "ބެޗް"އަށް ފަހު ދެން މާގިނަ ދަރިވަރުން ނުތިބޭނެކަން އެނގޭތީ "މަޖަލަކަށް" ކަމަށެވެ. އެހެން ނަމަވެސް އެކަމުން ކުރިމަތިލާން ޖެހުނީ ހީނުކުރާފަދަ އަދަބަކާއި ކަމުގައިވާއިރު، ސްކޫލުން އެ އަދަބު އޭނާއަށް ދިނީ ގްރެޖުއޭޝަންގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުމަށްކަމަސް އޭނަ ބުނެއެވެ.

"އަހަރެން އެކަން ކުރީ ސްކޫލަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައެއް ނޫން. އެކަމަކު ސްކޫލުން އަހަންނާއި މެދު އަޅާފައި ވަނީ އެކަމާއި އެކަށީގެން ނުވާވަރުގެ ހަރުކަށި ފިޔަވަޅެއް. ގްރެޖުއޭޝަންއަކީ ހަޔާތުގައި އެއްފަހަރު އަންނަ މުޙިންމު ދުވަހަކަސްވީތީ އެމީހުން އެވަނީ އަހަރެންގެ އެ އުފާވެރި ވަގުތުކޮޅު ނިގުޅައިގެންފައި. މިފަދަ ކަމެއް ދިމާވެދާނެ ކަމަށް އަހަރެން ހިއެއް ނުކުރަން،" ކޭލަން ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން ކޭލަން ސަސްޕެންޑު ކުރުމުން އޭނާގެ މަންމަވެސް އެކަމާއި ވަރަށް ހިތްހަމަނުޖެހިފައިވާއިރު، އޭނާ ބުނެފައިވަނީ ކޭލަންއަށް ސްކޫލުން ދީފައިވަނި މާ ހަރުކަށި އަދަބެއް ކަމަށެވެ. އަދި އެ އަދަބު ލުއިކޮށްދީ ގްރެޖުއޭޝަންގައި އޭނާއަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް އެކި ފަހަރު މަތިން މަސައްކަތް ކުރުމުންވެސް ސްކޫލުން އެ ނިންމުން ބަދަލު ނުކުރި ކަމަށް އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން ޓްރޫމަން ހައި ސްކޫލުން ބުނީ، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ސްކޫލުން ނުހަނު އަހަންމިއްޔަތުކަން ދޭ ކަމަކަށްވާއިރު، "މިއީ މިފަދަ ދުވަސްވަރެއްގައި ސްކޫލަށް ދިން ވަރަށް ނުރައްކާތެރި އިންޒާރެއް" ކަމަށެވެ. އެމެރިކާގެ ސްކޫލްތަކުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ދެމުންދާ ނިރުބަވެރި ޙަމަލާތަކާއި މި ހާދިސާ ގުޅިފައި ވެދާނެކަމަށް ތުހުމަތުކޮށް ސްކޫލުން ބުނީ، މައްސަލަ ކަމާއި ބެހޭ އިދާރާތަކަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ސްޓޭޓުގެ ފުލުހުން ވަނީ އެކަން ބެލުމަށްފަހު އެ ހާދިސާގައި ކަންބޮޑުވާން ޖެހޭފަދަ ނުރައްކަލެއް ނެތްކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު