ބޮލީވުޑުގެ 2000 ގެ ކުރީގެ އަހަރުތަކުގައި އެންމެ ފާހަގަ ކޮށްލެވުނު ބަތަލާ ޕްރިތީ ޒިންތާގެ ފިލުމީ ހަޔާތް ފެށުނު ގޮތް ''ޓޯކްޝޯ'' އެއް ހުށަހަޅައިދޭ ސިމީ ގަރްވާލާއި ހިއްސާ ކޮށްފިއެވެ.

މިއަދު 46 ވަނަ އުފަންދުވަސް ފާހަގަ ކުރަމުންދާ ޕްރިތީ ބުނެފައިވަނީ އޭނާގެ ބޮލީވުޑުގެ ފުރަތަމަ ފިލުމަށް އާއެކޭ ނުވަތަ ނޫނެކޭ ބުނުން ދޫކޮށްލީ ފައިސާ ފޮއްޗަކަށް ކަމަށެވެ.

''އަޑުއަހައިލަން ހީވާނީ އެންމެ ރަނގަޅު ވާހަކައެއްހެން. ނަމަވެސް އެހެނެއް ނޫން. ފިލުމު ''ތާރާ ރަމް ޕަމް'' އަށް ސޮއި ކުރުމަށް އަހަރެން އެންމެ ފުރަތަމަ ޝޭކަރުއާއި ބައްދަލު ކުރިއިރު އަހަރެން ވަރަށް ކުޑަވާނެ. އަހަރެން އިނީ ޝޭކަރުއަށް ބަލަހައްޓައިގެން. އަދި އަހަރެން ބޭނުންވީ ވަރަށް ''ކޫލް'' މީހެއްކަން ދައްކަން. އެހެންކަމުން އަހަރެން ބުނީ މި ފައިސާ ފޮތި އެއްލައިގެން އޭގެ ''ހެޑްސް'' ފަޅިއަށް ޖެހުނު ނަމަ ފިލުމުގައި ސޮއިކުރާނަން. ''ޓެއިލްސް'' ފަޅިއަށް ޖެހުނު ނަމަ ފިލުމު ދޫކޮށްލާނަން'' ސިމީގެ އިންޓަވިއުގައި ޕްރިތީ ބުނެފައިވެއެވެ.

ފައިސާ ފޮތި ''ޓެއިލްސް'' ފަޅިއަށް ޖެހުނު ނަމަ ފިލުމު ދޫކޮށްލާނަންތޯ ސިމީ ސުވާލު ކުރުމުން ޖަވާބުގައި ޕްރިތީ ބުނެފައިވަނީ އެހެންވެއްޖެ ނަމަ އެ ފިލުމެއް ނުކުޅޭނަން ކަމަށެވެ.

އެންމެ ފުރަތަމަ ލިބުނު ފުރުސަތަށް ވެސް އެހާ ފަސޭހައިން ގޮތެއް ނިންމުމަށް ދޫކޮށްލީ ކީއްވެތޯ ސުވާލު ކުރުމުން ޕްރިތީ ބުނެފައިވަނީ އެއީ އޭނާގެ ސްޓައިލް ކަމަށެވެ. އަދި އޭނާގެ ސްޓައިލަށްޓަކައި ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަމަށެވެ.

''ތާރާ ރަމް ޕަމް'' ފިލުމު ލިބުނު ނަމަވެސް އެ ފިލުމުން ފެނިގެން ގޮސްފައިވަނީ ސައިފް އަލީ ޚާނާއި ރާނީ މުކަރުޖީއެވެ. އަދި ޕްރީތީގެ ފުރަތަމަ ބޮލީވުޑު ފިލުމަކަށް ވެގެންދިޔައީ ފިލުމު ''ދިލް ސޭ'' އެވެ.

ކިޔުންތެރިންގެ ހިޔާލު