މަރުވެފައިވާ ކުޑަ ކުއްޖެއްގެ ހަށިގަނޑު އިނގިރޭސިވިލާތުގެ ވަލުތެރެއިން ހޯދައިފިއެވެ.

ފުލުހުން ބުނީ، އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އެގައުމުގެ ވިރަލްގެ ގޯލްފް ކުޅޭ ސަރަހައްދަކާއި ދިމާލު ވަލުތެރެއިން ކަމަށެވެ.

ކުއްޖާ ފެނުނު މަރުވެފައިވާއިރު، މަރުވެފައިވަނީ ކޮން އިރަކު ކަމަށާއި މަރުވި ސަބަބާއި އެތަނުގައި ހަށިގަނޑު އޮންނަތާ ކިހާ އިރެއް ވެފައިވާ ކަން ބުނެދޭން ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.

މިއީ ވަރަށްވެސް ހިތާމަވެރި ހާދިސާއެއް ކަމަށާއި އެހެން ނަމަވެސް ކުއްޖާގެ މަރާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާނެ ކަމުގެ ޔަގީންކަން ފުލުހުންގެ ޗީފް ސުޕްރިޑެންޓް ލީ ޓާނާ ވަނީ އާންމުންނަށް ދީފައެވެ.

"މިކަމުގެ ހަގީގަތް ހޯދެން ދެކަށް އެއްވެސް ބަޔަކު އެކި ގޮތްގޮތަށް ވާހަކަ ނުދެއްކުމަށް އަޅުގަނޑު އިލްތިމާސް ކުރަން. މިވަގުތު ބުނަން އެނގޭހާވެސް އެއްޗަކީ ފެނުނު ހަށިގަނޑަކީ ކުޑަކުއްޖެއް ހަށިގަނޑުކަން" ލީ ބުންޏެވެ.

އޭނާ ބުނީ، މާދަމާގެ ވަގުތެއްގައި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ކުރެވޭތޯ ބަލަމުން އަންނަ ކަމަށާއި ރިޕޯޓުން ހުރިހާ ކަމެއް އެނގޭނެ ކަމަށެވެ. ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ތައްޔާރުވާއިރު، މިހާތަނަށް ކުއްޖާގެ ހަށިގަނޑުގެ ބޭރުން އެއްވެސް ކަހަލަ ޒަހަމްތަކެއް ވެފައި ހުރިކަންވެސް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

މި ހާދިސާއާއި ގުޅިގެން އެއްވެސް މައުލޫމާތެއް ދޭން ބޭނުންވާ ފަރާތްތަކަށް ފުލުހުން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.