ދުނިޔޭގެ އެތައް ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފޭސްބުކް އިން ބޮޑު ކުރިއެރުމެއް ހޯދައި މީސްމީޑިއާގައި "ރަސްކަން" ކުރަން ފަށައިފިއެވެ.
ފޭސްބުކް އިން މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކާ އެކު ހާއްސަ ރިޕޯޓެއް ނެރެފައެވެ.
ރިޕޯޓުން ދައްކާ ގޮތުން ފޭސްބުކް އަށް ދުވާލެއްގެ މައްޗަށް 1.84 ބިލިއަން މީހުން ވަދެއެވެ.
''މިދިޔަ އަހަރަކީ ފޭސްބުކަށް ވަރަށް ކާމިޔާބު އަހަރެއް. ކޮވިޑް 19 ގެ ބަލިމަޑުކަމުގައި ގިނަ ވިޔަފާރިތަކެއް ހިންގުމުގައި ފޭސްބުކްގެ ބޭނުންކޮށްފައިވޭ'' ފޭސްބުކްގެ ސީއީއޯ މާކް ޒެކްބާގް ބުނެފައިވެއެވެ.
މި އަހަރު ފޭސްބުކް މެދުވެރިކޮށް އިގްތިސާދީ ފުރުސަތުތަކާއި މުޖުތަމައަށް ފައިދާ ހުރި ކަންތައްތަކާއި އަދި މީހުންގެ މޫނިފޫހިފިލުވުމަށް އެތައް ކަމެއް ތައާރަފް ކުރެވިގެންދާތީ އެކަމާ އުފަލުން ހުރި ކަމަށް ވެސް ޒެކްބާގް ބުނެފައިވެއެވެ.
ފޭސްބުކުގެ މިދިޔަ މަހުގެ ޑާޓާތައް އެނަލައިސް ކުރުމަށް ފަހު 11 އިންސައްތަ ފޭސްބުކް ހަރަކާތްތެރި ކަމާއެކު ބޭނުން ކުރާ މީހުން އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންދާކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފޭސްބުކް ބޭނުން ކޮށްފައިވާ މީހުންގެ އަދަދަކީ 2.80 ބިލިއަންގައި ހުރި ކަމަށް ރިޕޯޓުގައިވެއެވެ.
ފޭސްބުކްގެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ޚަރަދުތަކަށް 4.82 ބިލިއަން ޚަރަދުވެފައިވާ ކަމަށާއި މުޅި މިދިޔަ އަހަރަށް ޚަރަދުވެފައިވަނީ 15.72 ބިލިއަން ޑޮލަރު ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.
މި އަހަރު ފޭސްބުކުގެ ފައިދާ ދެ ގުނަވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ޒެކްބާގް ބުނެފައިވެއެވެ.