ދުނިޔޭގެ އެންމެ ނުބައިވަސް ދުވާ މޭވާގެ ގޮތުގައި މަޝްހޫރުވެފައިވާ ޑޫރިއާން ޖައްވަށް ފޮނުވަން ތައިލޭންޑުން ނިންމައިފިއެވެ.

ތައިލެންޑުގެ ސްޕޭސް ރިސާޗް އޭޖެންސީން ބުނީ ރޯސްޓް ކުރުމަށް ފަހު ބަންދުކުތި ޑޫރިއާން ޖައްވަށް ފޮނުވަނީ ކުރިމަގުގައި ދުނިޔެއިން ބޭރަށް ކުރާ ދަތުރުތަކުގައި ގެންދެވޭ ގޮތަށް ތައިލެންޑުގެ ކާނާ އުފެއްދުމުގެ ގޮތުންނެވެ.

މި މޭވާއަކީ ތައިލެންޑުގެ އިތުރުން އިރު ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގައި ވެސް އާންމު، އަދި ގިނަ ބަޔަކަށް މަގުބޫލު މޭވާއެކެވެ. އަދި ސްރީލަންކާގައިވެސް ގިނަ ބަޔަކަށް ކަމުދާ އެއްޗެކެވެ.

ތައިލެންޑުގެ މީޑިއާގައި ރިޕޯޓުކޮށްފައި ވާ ގޮތުން ޑޫރިއާން ލޯންޗުކުރުމަށް ބޭނުންކުރާނީ އެމެރިކާގެ ރޮކެޓެކެވެ. ޑޫރިއާންގައި ދުވާ ވަސް ނުބައިކަމުން އެއީ ގިނަ މީހުން އެއްވެ އުޅޭ ބައެއް ތަންތަނުގައި ގެންގުޅުން މަނާ އެއްޗެކެވެ.

މި ތަޖުރިބާގެ ދަށުން ދުނިޔެއިން ރޮކެޓެއްގައި އެ މޭވާ ޖައްވުގައި ފަސް މިނިޓު ވަންދެން އޮންނާނެ ކަމަށާއި، އޭގެ ފަހުން ދުނިޔެއަށް ގެނެސް، މޭވާއަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބަލާނެ އެވެ.

ތައިލެންޑުގެ ޖިއޯ-އިންފޯމެޓިކްސް އެންޑް ސްޕޭސް ޓެކްނޮލޮޖީ ޑެވެލޮޕްމެންޓް އޭޖެންސީގެ ތަރުޖަމާނު ވިދާޅުވީ އަމާޒަކީ އެސްޓްރޮނޯޓުންނަށް ކެވޭ ފަދަ ތައިލެންޑުގެ ކާނާ ޖައްވަށް ގެންދިޔުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ތަޖުރިބާ ކާމިޔާބުވެއްޖެ ނަމަ ޕަޑް ތައިއާއި މެންގޯ ސްޓިކީ ރައިސް ފަދަ ތައިލޭންޑުގެ އެހެން މަޝްހޫރު ކާނާތައް ޖައްވަށް ފޮނުވާނެއެވެ.