ފުރިހަމަ ސިއްހަތަކީ ހާސް ނިއުމަތޭ ބުނެވޭ އިރު އެ ނިއުމަތް ހޯދުމަކީ މުހިންމުކަމެކެވެ. ވުމާއިއެކު ފުރިހަމަ ސިއްހަތެއް ހޯދޭނެ ގޮތްތަކަކީ ކޮބައިތޯ ބަލާލުން މުހިންމެވެ.

ރަނގަޅު ކާނާ

ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކާންޖެހެއެވެ. އެއީ ބަލިތަކުން ދުރުކޮށް ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް އާއި ޕްރޮޓީންސް އާއި މިނެރަލްސް ފަދަ ބައިތައް ލިއްބައިދޭތީއެވެ. މިގޮތުން ފުރިހަމަ ސިއްހަތެއް ހޯދޭނީ ތަރުކާރީ އާއި މޭވާ، ގޮވާމާއި ފަލަމަޑި، އަދި މަހާއި، ބިހުގެ އިތުރުން ފެހިކުލަ ގަދަފަތް ފަދަ ކާނާގެ ބާވަތްތައް ކެއުމުގެ ވައްޓަފާޅީގެ ތެރޭގައި ހިމަނައިގެންނެވެ.

ތައްޔާރީ ކާނާ

ފުރިހަމަ ސިއްހަތެއް ހޯދޭނެ އެއްގޮތަކީ ކާނާ ކަމުގައިވީ އިރު ވިސްނަންޖެހޭ ކަމެއް އެބައޮތެވެ. އެއީ ކޮންމެ ކަހަލަ ކާނާއެއް ހައްދެއްނެތި ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމެވެ. މިސާލަކަށް އެކި ބާވަތްތަކުގެ ފިޒީ ޑްރިންކްސްތަކާއި ތައްޔާރީ ކާނާ މާގިނައިން ކެއުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައިވާ އިރު މިތަކެތި ގިނައިން ބޭނުން ކުރުމުން ހަކުރު މައްޗަށް ގޮސް ލޭމައްޗަށް ގޮސް މީހާ ފަލަވުމަށް މަގުފަހިވެއެވެ. އެކި ބަލިތަކުގެ ޝިކާރަޔަކަށް ތިމާ ވެގެން ދެއެވެ. ކަން މިހެން ހުރި އިރު ފުރިހަމަ ސިއްހަތެއް ހޯދޭނީ ހަށިގަނޑަށް ފައިދާ ހުރި ކާނާ ކައިގެންނެވެ.

ކަސްރަތު

ކުރިން މިދެންނެވި ހަކުރު މައްޗަށް ދިއުމާއި ލޭމައްޗަށް ދިއުން ނުވަތަ މީހާ މާބޮޑަށް ފަލަވުމުން އެކަމަށް ހައްލު ހޯދުމަށް ގިނަ ފަރާތްތަކުން މަސައްކަތް ކުރެއެވެ. އެގޮތުން ކަސްރަތަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ހޯދުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ކަސްރަތުގެ ސަބަބުން މީހާގެ ހަށިގަނޑުގެ މަސްތައް ވަރުގަދަވެ، ހަށިގަނޑުގެ ލޭދައުރުވުން ފުރިހަމަވެގެން ދެއެވެ. ހަމައެއާއެކު ހަށިގަނޑުގައި ޖަހާފައި ހުންނަ ބޭނުން ނެތް ސަރުބީތައް ވިރުވައިދެއެވެ. މިކަމާ ބެހޭ ގޮތުން ސިއްހީ މާހިރުންގެ ހޯދުންތަކުން ދައްކާ ގޮތުގައި ކަސްރަތުގެ ގޮތުގައި ދުވާލަކު މަދުވެގެން އެއް ގަޑިއިރު ހިނގާމީހާގެ ހަޖަމުކުރުމުގެ ނިޒާމުގައި މައްސަލަޖެހުން ވަރަށް ކުޑަ ކަމުގައި ފާހަގަ ކޮށްފައިވެއެވެ.

އުފާވެރި ދިރިއުޅުމަކަށް ފުރިހަމަ ސިއްހަތެއް މުހިންމެވެ. އެހެންކަމުން ތިމާގެ އަމިއްލަ ސިއްހަތާއި މެދު ރައްކާތެރިވުމަކީ މުހިންމު ކަމެކެވެ. މިހާރު ސިއްހަތަށް ނުބަލައިފި ނަމަ ފަހުން ދެރަވާނެއެވެ.