ބޮލީވުޑްގެ ރަސްގެފާނު ސަލްމާން ހާނަށް ހަމަލާދޭ ކޮންމެ މީހަކަށް ދެ ލައްކަ ރުޕީސްގެ އިނާމެއް ދޭނެ ކަމަށް ހިންދޫންގެ ގުރޫޕެއްގެ ލީޑަރު ބުނެފިއެވެ.

ސަލްމާން ނެރުމަށް ހަމަޖެހިފައިވާ ލަވްރާތުރީ ފިލްމާއެކު މި ހުށައެޅުން ހުށަހަޅާފައި މިވަނީ ސަލްމާން ހިންދޫ ދީނަށް އިހާނެތިކޮށް ހަދާ ކަމަށް ބުނެއެވެ. ލަވްރާތުރީގެ ނަމުގެ މައްސަލަ ބޮޑުވެފައިވާ އިރު، އެ ފިލުމު އެޅުވުން މަނާ ކުރުމަށް ގޯވިންދުދަނީ މަސައްކަތް ކުރަމުންނެވެ.

ހައްދުފަހަނަ އަޅައިފައިވާ ހިންދޫންގެ ގުރޫޕަކުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސަލްމާނާ ދެކޮޅަށް އަޑު އުފުލާފައެވެ. މި ހަރަކާތުގައި ސަލްމާނުގެ ޕޯސްޓަރުތައް އެންދުމާއި އޭނާ އާ ދެކޮޅަށް ލިޔެފައިވާ ޝުއޫރުތައް ހިފައިގެން ހިންދޫން ތިބިކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރެއެވެ.

މި ހުށައެޅުން ހުށައެޅި ހިންދޫ ގުރޫޕުގެ ލީޑަރު ގޯވިންދް ޕުރަޝާރު ބުނާ ގޮތުގައި ލަވްރާތުރީގެ ނަމަކީ ހިންދޫން ދީނީ ގޮތުން ފާހަގަ ކުރަމުން ގެންދާ ނަވްރާތުރީން އުފައްދާފައިވާ ނަމެކެވެ.

ލަވްރާތުރީ އަކީ ހިންދޫންގެ ދީނީ މުނާސަބަތެއް ކަމަށްޥާ "ނަވްރާތުރީ" ގެ އަސްލު އޮޅޭގޮތަށް އުފައްދާ ފިލްމެއް ކަމަށް ހިންދޫންގެ ލީޑަރުން ދަނީ ބުނަމުންނެވެ.

އެފަރާތްތަކުން ވަނީ ފިލްމު ހުއްޓުވައި ދިނުމަށް އެދިފައެވެ. ނުހުއްޓުވައިފިނަމަ އެކަމާ ދެކޮޅަށް ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބި ކަމަށް މި މީހުން ބުނެފައިވެއެވެ.

'ލަވްރާތުރީ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހު އެވެ. ގުޖުރާތުގައި ގިނަ މަންޒަރުތައް ނަގާފައިވާ ލަވްރާތުރީއަކީ ސަލްމާން އޭނާގެ ކޮއްކޮގެ ފިރިމީހާ އަޔުޝް ޝަރުމާ ބޮލީވުޑަށް ނެރުމަށް ހާއްސަކޮށްފައިވާ ފިލުމެކެވެ.