2000 ވަނަ އަހަރުގެ ކާމިޔާބު ފިލުމު ''ކަހޯނާ ޕިޔާރުހޭ'' އިން ބޮލީވުޑަށް ތަޢާރަފްވި ރިތިކް ރޯޝަން އޭނާގެ ދެ ދަރިން ކަމުގައިވާ ރިދާން ރޯޝަންއާއި ރެހާން ރޯޝަންއާއި އެކު ހޮސްޕިޓަލަށް ދިޔުމުން، އެ ހޮސްޕިޓަލުގެ ދޮރުވާނު އެމީހުން އެތެރެއަށް ވަނުމަށް ދެކޮޅު ހެދުމުން ރިތިކް އެކަމާއި ހިތްހަމަ ނުޖެހިފައިވާ ވީޑިއޯއެއް ދަނީ މީސް މީޑިޔާގައި ހަލުވި ކަމާއިއެކު ފެތުރެމުންނެވެ.

ދޮރުވާނު ގާތުން ކަމެއް އޮތް ގޮތް ސާފު ކޮށްދިނުމަށް އެދުމުން އޭނާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ރިތިކް ރުޅިއައީ ކަމަށް ވީޑިއޯއިން ދައްކުވައިދެއެެވެ. އަދި ދޮރުވާނު އެހެން މިސްރާބެއް ދެއްކުމުން ރިތިކްއާއި އޭނާގެ ދެ ދަރިން ވެސް ހޮސްޕިޓަލަށް ނުވަދެ ދިޔައީއެވެ.

ރިތިކްއާއި އޭނާގެ ދެ ދަރިން ހޮސްޕިޓަލު ތެރެއަށް ވަންނަން އުޅުމުން ދޮރުވާނު އެމީހުން ހިފެހެއްޓުމުން ރިތިކް ހިތްހަމަ ނުޖެހިހުރެ ދޮރުވާނާއި ވާހަކަދައްކާ މި ވީޑިއޯ އާއްމުވުމާއި އެކު ރިތިކްއަށް ފާޑުކިޔުންތައް ލިބެމުންދިޔައެވެ.

ރިތިކްގެ ބައެއް ސަޕޯޓަރުން މި ވީޑިއޯއަށް ކޮމެންޓްކޮށް ބުނެފައިވަނީ މަގުދައްކައިދިނުމަށް ރީތިކޮށް އެހީ ކަމަށާއި އަދި ދޮރުވާނާއި މުޚާތަބުކޮށް ''ސަރ'' އޭ ބުނެފައިވާ ކަމަށާއި ކޮންމެ ކަމެއް އެހާ ބޮޑު ނުކުރުމަށެވެ. ބައެއް ސަޕޯޓަރުން ބުނެފައިވަނީ ރިތިކްއަކީ ވެސް އިންސާނެއް ކަމަށާއި އޭނާއަށް ވެސް ކަންކަމާއި ރުޅި އަންނާނެ ކަމަށާއި އަދި އަސްލު ކަންވީ ގޮތް އެނގޭނީ އެމީހުންނަށް ކަމަށެވެ.

''ކްރިޝް''، ''ޒިންދަގީ ނާ މިލޭންގޭ ދުބާރާ''، ''ވަރ'' ފަދަ ކާމިޔާބު އެތައް ފިލުމެއްގައި މަސައްކަތް ކޮށްފައިވާ ރިތިކްގެ ''ކްރިޝް 4'' ގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ. އަދި އަންނަ އަހަރު މި ފިލުމު ރިލީޒް ކުރާނެ ކަމަށް ވެސް ފިލުމުގެ ޓީމުން ބުނެފައިވެއެވެ.