ޒަމާނަށް އައި ތަރައްގީއާ އެކު މުނިފޫހި ފިލުވުމުގެ އެކި ކަންކަމަށް މިވަނީ ކުރިއެރުންތައް ލިބި ޒަމާނާ އެއްގޮތަށް ބޮޑު ބަދަލުތަކެއް އައިސްފައެވެ. އިހުގައި ހަވީރު ހިނގާލަށް ދިއުމާއި ރައްޓެހީންނާއެކު ކުޅިވަރު ކުޅުމަށް ދިއުން ފަދަ ކަންކަން މަދުވެ މިހާރު ގިނަ މީހުން ތިބެނީ ފޭސްބުކް ފަދަ މީސްމީޑިއާގެ އެކި ވަސީލަތްތަކަށް ގެއްލިފައެވެ. އަދި ފޭސްބުކްގައި ވަކި ރިއެކްޓެއް ނުލިބުމުން ބައެއް މީހުން ލޭމައްޗަށް ދާ ހިސާބަށްވެސް ކަންކަން މިވަނީ ގޮސްފައެވެ.

ސުމާޓް ފޯނުތައް ބޭނުންކުރާ ފަރާތްތައް އެތައް އިންސައްތަ އެއް އިތުރުވެފައިވާ އިރު މީސްމީޑިއާގެ އެތައް ޕްލެޓްފޯމެއްގައި ދިވެހީންގެ އެތައް ބަޔަކު ތިބޭކަން ފާހަގަކުރެވެއެވެ. ހުރިހާ އުމުރުފުރާއެއްގެ މީހުންވެސް ފޭސްބުކް ފަދަ ވަސީލަތްތައް ބޭނުންކުރާ އިރު އެފަދަ ވަސީލަތްތަކަށް ވެސް އައި ބަދަލުތަކާ އެކީ އެ ވަސީލްތަކަކީ މީހުންގެ ދުވަހުގެ ކަންކަން ހިންގާ ގޮތް ފެންނަ އެއްޗަކަށް ވަނީ ވެފައެވެ. އަދި "ހާޓް" ރިއޭކްޓް ހޯދަން އެތައް ވައްތަރެއްގެ ފޮޓޯލާ މީހުންވެސް މަދެއް ނޫނެވެ.

ހާޓް ރިއެކްޓު ނުލިބިގެން މައްސަލަ ޖައްސައި ކަންބޮޑުވާ ހަމައެކަނި ބަޔަކީ ޒުވާން އަންހެން ކުދީންނޭ ބުނެވޭކަށް މިހާރު ނެތެވެ. ހަރު އުމުރުގެ ފިރިހެނުންނާއި އަންހެނުން ވެސް ހާޓް ރިއެކްޓު ނުކުރާތީ އެކުވެރިކަން ދޫކޮށްލާ ހިސާބަށް ވެސް ގޮސްފައި އެބަ ހުއްޓެވެ.

އެންމެ ގިނަ މީހުން ފޭސްބުކަށް ފޮޓޯ ލަނީ ހާޓް ރިއެކްޓު ހޯދުމަށޭ ބުނުމުން އެއީ ދޮގަކަށް ނުވާނެއެވެ. އެކި ކަހަލަ ފޮޓޯތައް ލައި ފޭސްބުކް ޕްރޮފައިލް ވެސް ހަފްތާއަކު ދެތިންފަހަރު ބަދަލުކުރާ ފަރާތްތައްވެސް މަދެއް ނޫނެވެ.

ހާޓް ރިއޭކްޓު ކުރުމަށް މެސެޖު ކުރާ ފަރާތްތައް މިހާރަކަށް އައިސް އަންނަނީ ވަރަށް ގިނަ ވަމުންނެވެ. ދަންނަ މީހުންނަށް މެސެޖު ކޮށްގެން ކުރީން ހާޓް ރިއެކްޓު ހޯދާފަރާތްތައް މިހާރު އަންނަނީ ނުދަންނަ މީހުންނަށް މެސެޖު ކޮށްގެންވެސް ހާޓް ރިއެކްޓު ކުރުމަށް އެދެމުންނެވެ. މަޖަލަކަށް މިފަދަ ކަންކަން ކުރާ ފަރާތްތަކާއި ހަގީގަތުގައިވެސް ހާޓް ރިއެކްޓު ބޭނުންވެގެން އުޅޭ ފަރާތްތައްވެސް އުޅެއެވެ.