ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަރާލާ ކެފޭއެއްގައި ހުރި ލޮކަރެއްގެ ތެރޭގައި ތުއްތު ކުއްޖާގެ ހަށިގަނޑު ފޮރުވި އަންހެނަކު ހައްޔަރު ކޮށްފި އެވެ.

އެ ކުއްޖާގެ މަންމަ އަކީ 25 އަހަރުގެ މާއޯ ޓޯގާވާ ނަމަކަށް ކިޔާ މީހެއް ކަމަށާއި، އޭނާ ހައްޔަރު ކުރީ އަމިއްލައަށް ވިހެއުމަށްފަހު ދަރިފުޅުގެ މަރާލި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ޓޯކިޔޯގެ މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމެންޓުން ބުނެއެވެ.

އެ އަންހެން މީހާ އެ ކުއްޖާ މަރާލި ކަމަށް މިހާރު ވަނީ އެއްބަސްވެފައެވެ. އެގޮތުން ވިހެއުމަށްފަހު ދަރިފުޅު ރޯން ފެށުމުން ވަގުތުން އެ ތުއްތު ކުއްޖާ މަރާލި ކަމަށާއި، މަރާލުމަށްފަހު ހަށިގަނޑު ފޮރުވަން ލީ ދަބަހެއްގެ ތެރެއަށް ކަމަށް މާއޯ ތަހްގީގަށް ކިޔައިދީފައިވެއެވެ.

އަދި އެ ދަބަސް ފޮރުވީ ކެފޭގައި ހުންނަ ބެގެޖް ލޮކަރެއްގެ ތެރޭގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކުނިވަހެއް ދުވާތީ ލިބުނު ރިޕޯތަކާއި ގުޅިގެން ފުލުހުން ގޮސް ބެލިބެލުމުން ތުއްތު ކުއްޖާގެ ހަށިގަނޑުގެ ފެނުނު އިރު އޮތީ ކުނިވެފައި ކަމަށާއި، އެކުއްޖާ މަރާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

އެ އަންހެން މީހާގެ މައްޗަށް މީހަކު މަރާލުމުގެ ދައުވާ ކުރާއިރު ތަހްގީގުގައި މާއޯ ބުނެފައިވަނީ އޭނާ އެ ދަރިފުޅު ވިހާފައިވަނީ ރާބުއިމާއި، ވާހަކަފޮތް ކިއުމަށް މީހުން ގޮސް އުޅޭ ކެފޭއެއްގައި މިއަހަރުގެ ޖެނުއަރީ މަހު ކަމަށެވެ.

ފުލުހުން މާއޯ އާއި ސުވާލު ކުރީ ސީސީޓީވީ ފޫޓެޖުން މާއޯ އެ ކެފޭގެ ލޮކަރުގެ ތެރެއަށް ފައިސާ އަޅާ މަންޒަރު ފެނިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު