އޮސްޓްރޭލިއާގެ އުތުރުގެ ރަށެއް ކަމުގައިވާ އަލައިސް ސްޕްރިންގްގެ އުމުރުން 10 އަހަރުގެ އަންހެން ކުއްޖެއްގެ ގަޔަށް ''ކިންގް ބްރައުން ސްނޭކް'' އެއް ދަތް އެޅުމުގެ ސަބަބުން އެ ކުއްޖާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

މި ހަރުފަ ދަތް އެޅީ އެ ކުއްޖާގެ އެނދުގައި ނިދާފައި އޮއްވައެވެ. އަންހެން ކުއްޖާގެ ދެ ފައިތިލައިގައި ވިހަލާފައިވާ ހަރުފައަކީ ދިގު މިނުގައި އެއް މީޓަރު ހުރި ހަރުފައެކެވެ.

ހަރުފަ ހިފަން އުޅޭ މީހެއް ކަމުގައިވާ ރެކްސް ނެއިންޑޯފް އެ އަންހެން ކުއްޖާގެ ގެއަށް ހަރުފަ ހިފުމަށް އައުމަށް ފަހު ބުނެފައިވަނީ އެ ހަރުފަ ވިހަލުމަށް ފަހުގައި ވެސް މިހާރު އެ ކުއްޖާގެ ހާލަތު ރަނގަޅުވަމުން އަންނަކަމީ އެ ކުއްޖާގެ ނަސީބު ކަމަށެވެ.

''އެ އަންހެން ކުއްޖާ އޮތީ އޭނާގެ އެނދުގައި ނިދާފައި. އެ ހަރުފަ ވެސް އެ އެނދަށް އަރައި އޮތީ. އެ ކުއްޖާ ފައި ދަމާލުމުން ހަމަ އެވަގުތު ހަރުފަ އެ ކުއްޖާގެ ފައިގައި ދައިގަތީ. ދެބަ ނިދީގައި އެ ކުއްޖާ ތެދުވެ ހަރުފަ އެނދުން ބޭރު ކޮށްލަން އުޅުމުގެ ތެރޭގައި އެ ކުއްޖާގެ އަނެއް ފައިގައި ވެސް ދައިގަތީ'' މިޑިއާއަށް މަޢުލޫމާތުދެމުން ރެކްސް ބުނެފައިވެއެވެ.

އެ ކުއްޖާއަކީ ނަސީބުގަދަ ކުއްޖެއް ކަމަށާއި ހޮސްޕިޓަލާއި ކުއްޖާގެ އާއިލާއިން ވެސް ފުރަތަމަ އެހީއާއި ފަރުވާ ދެވުން ވަރަށް ފުރިހަމަ ކަމަށް ވެސް ރެކްސް ބުނެފައިވެއެވެ.

މިފަދަ ކަމެއް ދިމާވުމުން އާއިލާގެ މީހުން ތެޅިފޮޅި ހަޅޭއްލަވާ އުޅުނު ނަމަވެސް އެ ކުއްޖާގެ އާއިލާ މީހުން ތިބީ ވަރަށް ހަމަޖެހިފައި ކަމަށް ވެސް ރެކްސް ބުނެފައިވެއެވެ.