އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކަށާއި ޕާކިސްތާނަށް، މި ދުވަސްވަރަކީ ވަރަށް ހޫނުގަދަ ދުވަސްވަރެކެވެ. އެކަމުގެ ސަބަބުން ބައެއް ސަރަޙައްދުތައް ފެނަށް ޖެހިފައިވާއިރު، އެނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް، ހޫނުގެ ސަބަބުންވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. ހަމައެހެންމެ، ދުވަހީ މަސައްކަތްތައް ކުރުމަށްވެސް، މިކަމުގެ ސަބަބުންވަނީ ހުރަސް އެޅިފައެވެ.

ނޫސް ރިޕޯޓުތައް ބުނާގޮތުގައި މި ހޫނުގަދަކަމުގެ ސަބަބުން ނުވަތަ ހީޓްވޭވްގެ ސަބަބުން ޕާކިސްތާނުގައި ބައިބޯ ކަރާޗީ އިން އެކަނިވެސް 65 މީހުންވަނީ މަރުވެފައެވެ. އެހެން ސަރަޙައްދެއްގެ މިފަދަ މައުލޫމާތެއް ލިބިފައި ނުވެއެވެ.

މި ހޫނުގަދަކަމުގެ ސަބަބުން ބައެއް "މޮޔަ" ކަންކަންވެސް، ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން، ހޫނުގަދަ ވެލިގަނޑުގެ މަތީގައި ރޮށި ފިހާ މަންޒަރު ފެންނަ ވީޑިޔޯއެއްވެސް މީސް މީޑިޔާގައި އާއްމުވެފައިވެއެވެ. އެނގިފައިވާ ގޮތުގައި މިއީ އިންޑިޔާގެ ރާޖަސްތާން ސްޓޭޓުގެ މަރުދަރާ އަވަށުގައި ނަގާފައިވާ ވީޑިޔޯ އެކެވެ.

މީގެއިތުރުން، ގަދަ ހޫނުން ސަލާމަތްވުމަށް، މަގުތަކުގައި ދަނީ މީހުންގެ ގަޔަށް ފެން ޖަހަމުންނެވެ. މިކަމުގެ ސަބަބުން އާއްމުންނަށް އަރާމެއް ލިބުމުގެ ބޭނުމުގައި މިކަން ކުރަމުންދާއިރު، އިންޑިޔާ އާއި ޕާކިސްތާނުގައިވެސް މިކަން ދަނީ ކުރަމުންނެވެ.

މި ދުވަސްވަރު ހޫނުގަދަވިކަމުގައިވިޔަސް، ކުރިއަށް އޮތް ޖުލައި މަހު، މި ސަރަޙައްދުތަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުން ކުރިއަށް ލަފާކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު