ޖަޕާންގެ ބިލިއަނަރަކު، ދުނިޔެ ވަށައިގެން ދަތުރު ކުރާނެ އަންހެން ބައިވެރިއަކު ހޯދުމަށް ކުރި ހިޔާލު ދޫކޮށްލައިފިއެވެ.

ޔޫސަކު މައެޒަވާ ނަމަކަށް ކިޔާ މި މަހުޖަނުގެ ހުށަހެޅުން ކެންސަލް ކުރީ ތިރީހަކަށް ހާސް މީހުން ކުރިމަތިލާފައި ވަނިކޮށެވެ. ދުނިޔެ ވަށައިގެން ދަތުރު ކުރާނެ އަންހެން ބައިވެރިއަކު ހޯދުމަށް ބިލިއަނަރު އިއުލާންކޮށްފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅެވެ.

އެކަމަކު، ފަހުން އޭނާ ހިޔާލު ދޫކޮށްލި ސަބަބެއް އެނގިފައެއް ނުވެއެވެ.

އޭނާގެ ޓްވިޓަ މެދުވެރިކޮށް ބުނެފައިވަނީ 27,722 އަންހެނުން މިކަމަށް ޝައުގުވެރިވެގެން އެމީހުންގެ ވަގުތު އެކަމަށް ހުސްކޮށްގެން މި ކަމަށް ކުރިމަތިލާފައިވާ ކަމަށެވެ. އެކަމަކު، ބައިވެރިއަކު ހޯދުމުގެ ހިޔާލު ނުގެންގުޅޭ ކަމަށް އޭނާ ބުންޏެވެ.
މައެޒަވާ އަކީ އޮންލިއިން ފެޝަން ކޮމްޕެނީ ޒޯޒޯގެ ޗީފްއެވެ.