ލޯބީގެ ވާހަކަތައް ދައްކާ މީހުންނާއި ލޯބީގެ ސަބަބުން ބޯހަލާކުވާ މީހުން މިހާރު މިވަނީ ގިނަ ވެފައެވެ. ލޯބި ނުލިބި މީހުންގެ ދިރިއުޅުން ހަލާކުވެ އާއިލާތައް ރޫޅި ދަރިން ނިކަމެތިވާ ހާލަތަށް ދާ މަންޒަރު މިވަނީ އިތުރު ވެފައެވެ.

ލޯބި ވެގެން ކައިވެނި ކޮށްގެން ދަރިން ލިބޭ ހިސާބަށް ދިއުމުން ހަގީގީ ލޯބިވެރިޔާ ފެނިގެން ދުވާ މީހުން މިވަނީ އިތުރު ވެފައެވެ. ކަންމިހެން ހުރި އިރު ހަގީގީ ލޯބި ވާންވީ މިހާރު އެކުގައި އުޅޭ އަދި މިހާރު ލޯބިވާ މީހާއަށް ހަދަން ވީ ވަގުތު މިވަނީ ކައިރި ވެފައެވެ.

ދުނިޔޭގައިވެސް ނިސްބަތުން އެންމެ ވަރި ގިނަ ގައުމަކީ ރާއްޖެއެވެ. ރާއްޖޭގައި ވަރިކޮށްފައި ހުރި ފިރިހެނަކު ނުވަތަ އަންހެނަކު ނެތް އާއިލާއެއް މަދު ވާނެއެވެ.

އެއް ކައިވެންޏަށްވުރެ ގިނަ ކައިވެނި ކޮށްފައި ތިބި އަންހެނުންވެސް އަދި ވަރިކޮށްފައި އިތުރު އެތައް ކައިވެންޏެއް ކޮށްފައި ތިބި ފިރިހެނުންވެސް ރާއްޖޭގައި އިންތިހާއަށް އިތުރެވެ. ރާއްޖެ ފަދަ ކުޑަ އާބާދީ އަކާ އަޅައި ބަލާއިރު ވަރި އިތުރުވުމަކީ އެންމެންވެސް ވިސްނަންޖެހޭ ކަމެކެވެ.

ހަޔާތުގެ ބައިވެރިޔާއާ އެކު ބާއްޖަވެރި ދިރިއުޅުމެއް ލިބޭނީ އެމީހަކު ދެކެ އިންތިހާއަށް ލޯބިވެ ތިމާގެ އަމަލުން އެކަން ދައްކައިގެންނެވެ. ގިނަގިނައިން ލޯބިވާކަން ހާމަކޮށް ބައިވެރިޔާ އުފަލުގައި ބަހައްޓައިގެންނެވެ. އަދި އުފަލުގައި ބެހެއްޓުމަށް މަސައްކަތް ކުރުމަކީވެސް މުހިންމު ކަމެކެވެ. ކައިވެނީގެ ގުޅުމަކީ ވަރަށް މާތް އަދި ވަރަށް މަތިވެރި ގުޅުމެކެވެ. ބައިވެރިޔާ އަށް ލޯބިވާކަން ހަނދާންކޮށްދީ މުސްތަގުބަލުގެ ވާހަކަތައް ދައްކަން ޖެހެއެވެ.

ރުޅި ކޮންޓްރޯލްކޮށް ދޫ ރައްކާތެރި ކުރުމަކީ ބައިވެރިޔާއާ އެކީގައި އުޅެން ބޭނުން ނަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އަދި މާޒީގައި ތިމާ އަކީ ކޮންމެ ފަދަ ގޮތަކަށް އުޅުނު މީހެއް ކަމުގައި ވިޔަސް މާޒީ ހަނދާން ނައްތާލައި މުސްތަގުބަލަށް ވިސްނައި ކަންކަން އިސްލާހުކޮށް އުޅުމުން ހަގީގީ ލޯބިވާކަމުގެ އިހުސާސް ވެސް ކުރެވޭނެއެވެ. އަދި އެއީ މިހާރުގެ ލޯތްބަށް ލިބިގެންދާނޭ އިތުރު ފުރިހަމަ ކަމަކަށް ނޫނީ ނުވާނެއެވެ.

އެކަކަށް ވުރެ ގިނަ މީހުންނާ ރައްޓެހިވެފައި ތިބި މީހުން ވަރަށް ގިނައެވެ. ވަކި އުމުރެއްގެ ބަޔަކު މިކަމުގެ އިސްތިސްނާ ނުކުރެވޭ އިރު ވިސްނަންވީ މުހިންމު ކަމަކީ މިހާރުގެ ހާލަތާ މެދުގައެވެ.

ލޯބިވާންވީ މިހާރުގެ ބައިވެރިޔާ ދެކެ ކަމަށް ހެދުން އެއީ އެންމެ ބުއްދިވެރި ގޮތެވެ. އަދި މާޒީއަކީ ހަޔާތުގައި ކުރިމަތިވި ތަޖުރިބާއެއް ކަމަށް ދެކެން ޖެހެއެވެ. އަދި ތިމާއަކީ ކުރިއަށްވުރެ ރަނގަޅު މީހަކަށް ވާންވީ ވަގުތު މިވަނީ ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގާދިރު

    މިހާރު އުޅޭ އަންހެނެކޭ ވަކި ފިރި ހެނެކޭ ތަފާތެއް ނެއް ދެބައިމީހުންގެވެސް މަކަރު ހަމަހަމަ އިނދެގެން އުޅޭއިރު އަބަދުވެސް ކުރީގެ ލޯބިވެރިޔާ ހުރޭ އޭނަޔަކީ މާ ގާއި ރަހުމަތް ތެރިއެއް ހަމަ ދަނޑިވަޅެއް ލިބުނީ ނައްޓާލީ

  2. ފާތުން

    ވަރަށްވެސް ރަނގަޅު ލިޔުމެއް. މި ލިޔުނު ފަރާތަކީ އަބަދުވެސް މިގޮތަށް އަމަލުކުރާނޭ މީހަކު ކަމުގައިވާނަމަ ހަޔާތުގެ ބައިވެރިޔާ ފަޚުރުވެރިވާނެ. އިންޝާ ﷲ. މި ޒަމާނުގައި ކޮންމެ އަންހެން ކުއްޖަކުވެސް އެދެނީ މިފަދަ ބައިވެރިއެއް ލިބުން.😊