ނެށުމުގެ ދާއިރާގައި އެފަދަ ދެ ވަނަ އެއް ނުވާ، އިންޑިއާގެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީގެ ނެށުން ފެނިގެންދާ އާ ލަވައެއް މާދަމާ ނެރެން ނިންމައިފިއެވެ. ޗޯރް ދެންގޭގެ ނަމުގައި ނޯރާ ފެނިގެންދާ ވީޑިއޯ ލަވައިގެ ޓީޒާ މިހާރު ވަނީ އޭނާގެ ފޭނުންނަށް ދައްކާލައިފައެވެ.

"ދިލްބަރް ދިލްބަރް" އިން މަޝްހޫރުވެގެން ދިޔަ މޮޅު ނެށުންތެރިޔާ ނޯރާ އަށް އެތައް ބަޔަކު ހިތްކިޔަމުންދާ އިރު އޭނާގެ އިތުރު ފެނިލުމެއްގެ އިންތިޒާރުގައި އެތައް ބަޔަކު އެބަ ތިއްބެވެ.

ނޯރާ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ފެނިގެން ދާނެ ވީޑިއޯ ލަވައިގެ ޓީޒާ ދައްކާލައިފައި ވާއިރު އޭނާ ފެނިގެން ދަނީ ރަތް ކުލައިގެ ހެދުމެއްގައި ނަށަން ހުއްޓައެވެ. މި ލަވަ ކޮމްޕޯޒް ކޮށްފައި ވަނީ ސަޗޭތް އާއި ޕަރަމްޕާރާއެވެ.

ނޯރާގެ މި ޕޯސްޓުތަކަށް އެތައް ލައްކަ ބަޔަކު ލައިކްކޮށް ކޮމެންޓު ކުރަމުންދާ އިރު އޭނާގެ ފޭނުން ދަނީ ލަވް އިމޯޖީ އާއި އަލިފާން އިމޯޖީގެ ސްޓިކާތައް ފޮނުވަމުންނެވެ.

ހިތްގައިމު އެތައް ލަވައަކުން ފެނިގެން ގޮސްފައިވާ ނޯރާ ނަށާފައިވާ ލަވަތަކުގެ ތެރޭގައި "ދިލްބަރް ދިލްބަރް"، "އޯ ސަކި ސަކި"، "ހާޔޭ ގަރްމީ" ފަދަ ލަވަތައް ހިމެނެއެވެ. އެންމެ ފަހުން ނޯރާ ފެނިގެން ދިޔައީ ބަޗް މެރީ ރާނީ ގެ މިއުޒިކް ވީޑިޔޯ އިންނެވެ.