"މެއްސެއް އުދުހޭ ބަދިގޭގައި، ޖެއްސުން ކޮށްކޮށް ކާގޭގައި"- މިއީ ކުރިން ވަރަށް ގިނައިން އިވޭ ޅެމެއްގެ ތަންކޮޅެކެވެ. ތެދެކެވެ. މެއްސަކީ ހަމަ އުނދަގުލެކެވެ. ޖެއްސުން ކުރާ އެއްޗެކެވެ. ހަމައެހެންމެ، އެއެއްޗަކުން ސަލާމަތްވާންވެސް ބައެއް ފަހަރު ވަރަށް އުނދަގޫ އެއްޗެކެވެ.
ވަކީން ބޮޑަށް، ރޯދަމަސްފަދަ ގިނައިން ކާބޯތަކެތި ތައްޔާރުކުރާ އަދި މިފަދަ ވިއްސާރަ ދުވަސްވަރެއްގައި، މެހީގެ އުނދަގޫ ބޮޑުކަން ފާހަގަކުރެވޭނެއެވެ.
އެހެންކަމުން، އަމިއްލައަށް ގޭގައި ކޮށްލެވިދާނެ، ރައްކާތެރި ގޮތްތަކަކުން މެހީގެ އުނދަގުލުން ސަލާމަތްވެވިދާނެ ގޮތްތަކަކަށް ބަލާލާނަމެވެ.
ގޭގެ އެތެރޭގައިނަމަ
އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ތިލަ ބަތްކާ ޒާތުގެ ތައްޓެއް ހޯދާށެވެ. އެއަށްފަހު، އެތަށީގެ އިންޗިއެއްހާ ތަނަށް އެޕަލް ސިޑަރ ވިނެގާ އަޅާށެވެ. އަދި، އޭގެތެރެއަށް މޭޒުމަތީ ސަމުސަލެއްގެ ހަކުރުކޮޅެއްވެސް އަޅަން ވާނެއެވެ. ދެން، އޭގެ މައްޗަށް މޭވާ ޒާތުގެ އެއްޗެއްގެ ވަސް ހުންނަ ދިޔާ ސައިބޯނި އަޅާށެވެ. އެއަށްފަހު، އޭގެ މަތިން އެއްޗެއް ނުޖަހައި، ނޫނީ މަތިން ޕްލާސްޓިކް ރެޕް އަޅާފައި ތަނެއްގައި ބަހައްޓާށެވެ. ޕްލާސްޓިކް ރެޕް އަޅާނަމަ ވިދު ތޮރުފަން ވާނެއެވެ. އޭރުން، އުދުހޭ މެހިތައް ގޮސް، މި ތަށީގެ ތެރެއަށް ވެއްޓޭނެއެވެ.
ގެއިން ބޭރުގައިނަމަ
ގެއިން ބޭރުގައި ނަމަ އޮތް އެންމެ ރަނގަޅު ގޮތްތަކަކީ، ބައެއް ޒާތުގެ ގަސް ހެއްދުމެވެ. އެއީ، ދެމެހެއްޓެނިވި ގޮތަކަށްވެސް އޭރުން ވާނެއެވެ. އެގޮތުން، ބޭސިލް، ކުދީނާ، ބޭލީފް އަދި ދުގެތި ގަސް މިއީ ރަނގަޅު ބާވަތްތަކެކެވެ.
މި ނޫނަސް އެތައް ގޮތަކުން، މެހިން ސަލާމަތް ވެވިދާނެއެވެ. އެހެންނަމަވެސް، މިއީ އެއްވެސް ކެމިކަލެއް ނެތް، ރައްކާތެރި ގޮތްތަކެކެވެ. އަދި، އަގުހެޔޮވެސް ގޮތްތަކެވެ.
އުމަރު
ބޯކޮށް ދުނގެތި ހެއްދުމުން ގަސްތަކުތެރޭ މަދިރި ވަރަށް ގިނައިން އުޅޭ