ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. މި ދެ މަފިރިން ދަރިއަކު ހޯދަން އުޅޭ ކަމަށް މީސް މީޑިއާގައި ވަނީ ވާހަކަ ދެކެވިފައެވެ.

މިކަމާ ގުޅިގެން ނިކްއާ ކުރެވުނު އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ޕްރިޔަންކާއާ އެކު އޭނާ ވަރަށް ގިނަ ދަރިން ބޭނުންވާ ކަމަށާއި ޕްރިޔަންކާއަކީ އޭނާގެ ހަޔާތުގައި ވަރަށް މުހިންމު ހިއްސާއެއް ކަމަށެވެ.

''ޕްރިޔަންކާއަކީ އަހަރެންގެ ހަޔާތުގެ އެންމެ މުހިންމު ހިއްސާ. ދަރިއަކު ލިބުމަކީ ވެސް އުއްމީދު ކުރާ ކަމެއް. ކޮންމެވެސް ދުވަހަކުން އެކަން ވެސް ވާނެ. ޕްރިޔަންކާއާއި އެކީގައި މިހާރު ވެސް އުޅުމަކީ ލިބުނު ނަސީބެއް. ދަރިން ލިބުމަކީ ވެސް ހަމަ އެހާބޮޑު ނަސީބެއް. ވަރަށް އުފާވާނެ. އަހަރެން ވަރަށް ބައިވަރު ދަރިން ބޭނުން. ނަމަވެސް މިހާރު އެންމެ މުހިންމީ ޕްރިޔަންކާއާއި އެކު އުފަލުގައި އުޅުން'' ނިކްގެ އިންޓަވިއުގައި ބުނެފައިވެއެވެ.

ދަރިން ހޯދުމާއި ގުޅޭގޮތުން މީގެ 10 އަހަރު ކުރިން ޕްރިޔަންކާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ ބޭނުންވަނީ ކްރިކެޓް ޓީމެއްހާ ގިނަ ދަރިން ކަމަށެވެ. ނަމަވެސް ފަހުން ދިން އިންޓަވިއުއެއްގައި އެހާ ގިނަ ދަރިން ބޭނުން ނުވާ ކަމަށް ބުނެފައިވެއެވެ.

ޕްރިޔަންކާ ކުރިން ދިން އިންޓަވިއުގައި ގިނަ ދަރިން ބޭނުންވާ ކަމަށް އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އެއީ މީގެ 10 އަހަރު ކުރި ކަމަށާއި އޭރު ބުނެފައިވާ އެއްޗަކަށް ބަލައި މިހާރު ވާހަކަ ނުދެއްކުމަށް އެދޭ ކަމަށެވެ.