ގިނަ މީހުންނަކީ މަސައްކަތުގެ ބޮޑު ބައެއް އޮފީސް ޑެސްކު ކައިރީގައި ހޭދަ ކުރަން ޖެހޭ ބައެކެވެ. ހަމަ އެހެންމެ ސްމާޓް ފޯނުގެ މި ޒަމާނުގައި ގިނަ ވަގުތު ފޯނާއި، އައިޕެޑް ފަދަ އިލެކްޓްރޯނިކްސް ބޭނުން ކުރަން ޖެހުމުން އެކަމުގެ ސަބަބުން ސިއްހަތަށް ނޭދެވޭ އެތައް އަސަރެއް ކުރެއެވެ. އެގޮތުން މުޅި ދުވަހު ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕްގެ ސްކްރީނަށް ބަލަހައްޓައިގެން ހުރުމަކީ ލޮލަށް ގެއްލުން ލިބި، ލޮލުގައި ރިއްސުން ފަދަ މައްސަލަތައް ދިމާވެދާނެ ކަމެކެވެ.
ޑިޖިޓަލް އެއްޗެހިނުގެ ސަބަބުން ލޮލަށް ވަންނަ އަލިން ފެންނަ މަންޒަރުތައް ސާފުކޮށްދިން ނަމަވެސް ދިގު މުއްދަތަކަށް އެލެކްޓްރޯނިކްސް ބޭނުން ކުރުމުން ލޯ ވަރުބަލިވެ، ލޮލަށް ތަދުވުމާއި ލޯ ހިކުން ފަދަ ކަންކަން މެދުވެރިވެއެވެ. އެކަމުގެ ސަބަބުން ލޯ ހިކުމާއި، ބޮލުގައި ރިއްސުމާއި، ކިޔަން އުނދަނގޫ ވުމާއި، ސަމާލުކަން ދޭން އުނދަނގޫ ވުމާއި، ކަރާއި ބުރަކަށީގައި ރިއްސުމުގެ އިތުރުން ލޮލުގެ ފެނުން ފުސްވުން ފަދަ ކަންކަން މެދުވެރިވެއެވެ.

މިފަދަ ކަންކަން ކުޑަ ކުރުމަށް ކޮންމެ ދުވަހަކުވެސް ސްކްރީނުން ބްރޭކް ނަގާށެވެ. މާނައަކީ އެއްވެސް އިލެކްްޓްރޯނިކް ވަސީލަތަކަށް ނުބަލާ ވަގުތުކޮޅެއް ހޭދަ ކޮށްލާށެވެ. ކޮންމެ 20 މިނެޓަކުން ސްކްރީނާއި ދުރުގައި ހުންނަން އާދަ ކުރާށެވެ. އަދި މިގޮތަށް ދުރުވާ ވަގުތު އެއްވެސް އިލެކްޓްރޯނިކްގެ ވަސީލެއް ބޭނުން ނުކުރުން ވަރަށް މުހިންމެވެ. މަދުވެގެން މިނިޓެއް ވަންދެން ކޮންމެ 20 މިނިޓަކުން ކޮމްޕިއުޓަރާއި ލެޕްޓޮޕް ފަދަ ތަކެއްޗާއި ދުރުވާށެވެ. މިގޮތަށް ކަންތައް ކުރުމުން ލޮލަށް ވެސް ކޮންމެވެސް ވަރެއްގެ އަރާމެއް ލިބެއެވެ. ނަތީޖާ އަކީ ލޯ ފުސްވުމާއި، ލޮލުގައި ރިހުން ފަދަ ކަންކަމަށް ކުޑަ ނަމަވެސް ހައްލެއް ލިބުމެވެ.