ދުނިޔޭގެ މަޝްހޫރު ޓެކް ކުންފުނި އެޕަލް އިން ކިއާ މޮޓޯސް އާއި އެކު ކާރު ހެދުމަށް އެއްބަސްވުމެއް ހަދައި ހަތަރު ޓްރިލިއަން ވޮން (3.6 ބިލިއަން ޑޮލަރު) އިންވެސްޓު ކުރަން އުޅޭކަމުގެ އަޑު ފެތުރިއްޖެއެވެ.

ކޮރިއަން ސައިޓެއް ކަމަށްވާ ޑޮންގާ އިލްބޯ އިން ބުނީ އެޕަލް އާއި ކިއާ ގުޅިގެން ޔޫއެސްގެ ޖޯޖިޔާގައި ހުންނަ އެޕަލްގެ ފެސިލިޓީ ގައި ކާރު އުފައްދަން އުޅޭ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އެޕަލް އާއި ކިއާ މޮޓޯސް ފެބްރުއަރީ 17 ގައި އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން 2024 ވަނަ އަހަރު އެޕަލް ކާރު ނެރެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ސައިޓުގައިވެއެވެ. އެޕަލް އާއި ކިއާ މޮޓޯސް ގުޅިގެން އުފައްދާ އެޕަލް ކާރުތައް ނެރޭ އަހަރުން ފަށައިގެން ކޮންމެ އަހަރަކު 100،000 ކާރު ނެރޭނެ ކަމަށްވެސް ވަނީ އަޑު ފެތުރިފައިއެވެ.

އެޕަލް އާއި ހިއުންޑާއި އާއި އެކު އެއްބަސްވުމެއް ވެސް ހެދިފައިވާ ކަމަށް ވަނީ އަޑުފެތުރިފައިއެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން ހިއުންޑާއި އީ-ޖީއެމްޕީ ބެޓަރީ އިލެކްޓްރިކް ޕްލެޓްފޯމެއް ހެދިގެން ދާނެއެވެ.

އެޕަލް ކާރު އުފައްދަން މަސައްކަތް ކުރާ ވާހަކަތަކަކީ އާ ވާހަކަ އަކަށް ނުވާއިރު އެތައް ހާސް ބަޔަކު ދަނީ އެޕަލް ކާރު ނެރޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބެ އެޕަލް އިން ދައްކާ "ފޮނި" ހުވަފެންތަކުގައި ޖެހެމުންނެވެ.

ޓެކްގެ މޮޅު އަދި މަގުބޫލު އެތައް އުފެއްދުމެއް އެޕަލް އިން އުފައްދާފައިވާއިރު އެޕަލް އަށް ލިބޭ މަގުބޫލުކަން އެ ކުންފުނިން ކާރު ނެރުމުން އިތުރުވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު