މީގެ ކުރިން ގަބޫލު ކުރާ ގޮތުން ލޯ ކައިރި ކަޅުވުމަކީ މީހާގެ ތާޒާކަން ގެއްލުވާލައި މޫނުމަތީގެ ރީތިކަން ގެއްލުވާލާ ކަމެކެވެ. އެގޮތުން ކިތަންމެ ވަރަކަށް ނިދިޔަސް، ދޭތެރެ ދޭތެރެއިން ލޯ ކައިރި ދުޅަވުމާއި، ކަޅުވުމަށް މެދުވެރިވާ އިރު މިއީ އެންމެ ބޮޑަށް މީހާގެ މޫނުގެ ތާޒާކަން ގެއްލުވާލާ އެއް ސަބަބެވެ. އާއްމުކޮށް ސްޓްރެސް ބޮޑުވުން ފަދަ ކަންކަމާއެކު ލޯ ކައިރި ކަޅުވެ، މޫނުމަތިން ތާޒާ ނޫން ކަމުގެ ކުލަވަރު ވަރަށް ބޮޑަށް ފެންނަން ހުރެއެވެ.

މިކަމަށް ފަރުވާ ހޯދަން ސްޕާ އަށް ނޫނީ ސެލޫން އަށް ގޮސްގެން ނަމަވެސް އެކަމަށް މީގެ ކުރިން އައީ ހައްލު ހޯދަމުންނެވެ. އަދި އަވަހަށް ނަތީޖާ ފެންނާނެ ގޮތަަށް ވެސް މިކަން ކުރުމަށް ވެސް އައީ މަސައްކަތް ކުރަމުންނެވެ.

ޓިކްޓޮކްގައި ފެށި އާ ޓްރެންޑަކާ އެކު މިހާރު ލޯ ކައިރި ކަޅުވުމަކީ ރީތި ސިފައެއްގެ ގޮތުގައި ގަބޫލުކުރަން ފަށާފައިވާ ކަހަލައެވެ. ޓިކްޓޮކް އަކީ އާދަޔާ ޚިލާފު ޓްރެންޑުތައް ފެށޭ ތަނެކެވެ. އެގޮތުން އެސްފިޔަ ބްލޯ ޑްރައި ކުރުމާއި، އިސްޓާކީނު ބޭނުން ކޮށްގެން އިސްތަށިގަނޑު ބުޅި ކުރުން ފަދަ އެތައް ކަމެއް ފެށުނީ ޓިކްޓޮކްގެ ތެރެއިންނެވެ.

ޓިކްޓޮކުން ފެށި ލޯ ކައިރި ކަޅުވުމުގެ މޭކަޕް ޗެލެންޖާއެކު މީހުން ވަނީ އެ ޗެލެންޖު ކޮޕީ ކުރަން ފަށައިފައެވެ. އެ މޭކަޕް ވައްތަރީ 90 ގެ އަހަރުތަކުގެ މޭކަޕްއަކާއެވެ. ގިނަ ބަޔަކަށް މި މޭކަޕް ކަމުގޮސް މިހާރު އެ މޭކަޕްގެ އެކި ވައްތަރުތަައް މީސްމީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.