ބޮލީވުޑުގެ އެކްޓަރ ވަރުން ދަވަންއާއި ނަތާޝާ ޑަލާލްގެ ކައިވެންޏަށްފަހު އެންމެ ގަދައަށް ދެކެވެމުންދާ ވާހަކައަކީ ބަތަލާ ޝްރަދާ ކަޕޫރުއާއި އޭނާގެ ލޯބިވެރިޔާ ރޯހަން ޝްރެސްތާގެ ކައިވެނީގެ ވާހަކައެވެ.

މީސް މީޑިޔާގައި މި ވާހަކަ ގަދައަށް ދެކެވެމުން ޝްރަދާގެ ބައްޕަ ޝަކްތީ ކަޕޫރު ވެސް ވަނީ މި ކަމާއި ގުޅޭގޮތުން އޭނާ ދެކޭ ގޮތް ހާމަކޮށްފައެވެ. އަދި ޝްރަދާ ބޭނުން ކޮންމެ މީހަކާއި ވެސް ކައިވެނި ކުރަން ޝަކްތީ ގަބޫލު ކަމަށް ވެސް ބުނެފައިވެއެެވެ.

ޝްރަދާއާއި ގުޅޭގޮތުން ދައްކަމުންދާ މި ވާހަކަތަކާއި ބެހޭގޮތުން އޭނާއާއި ސުވާލު ކުރުމުން ޝްރަދާ ވަނީ އެއަށް ރައްދުދީފައެެވެ. މިދިޔަ ބުދަ ދުވަހު މުމްބާއީގެ ޗަތުރަޕާތީ ސިވާޖީ މަހަރާޖު އިންޓަނެޝަނަލް އެއާޕޯޓްއިން ޝްރަދާ ނިކުތުމުން އޭނާއާއި ރޯހަންގެ ކައިވެނި ވަރަށް އަވަހަށް ކުރެވެން އުޅެނީތޯ ޕަޕަރާޒީއެއް ކުރި ސުވާލަށް ލަދުރަކި ކަމާއި އެކު ޝްރަދާ ބުނެފައިވަނީ އެއީ ކޮން ވާހަކައެއްތޯއެވެ.

ޝްރަދާ އަދި ރޯހަންއާއި ކައިވެނި ކުރުމަށް ނިންމާފައިވާ ކަމެއް ނުވަތަ ނޫންކަމެއް އޭނާ ހާމައެއް ނުކުރެއެވެ. ނަމަވެސް ޕަޕަރާޒީން އެ ސުވާލު ކުރުމުން ޝްރަދާ ލަދުރަކިވުން ގިނަ ބަޔަކު މާނަ ކުރަމުންދަނީ އެކަން އަވަސް މުސްތަގުބަލެއްގައި ވާނެކަމަށެވެ.

ވަރުން ދަވަންއާއި ނަތާޝާގެ ކައިވެންޏަށް މަރުހަބާ ކިޔުމަށް ރޯހަން ކުރި ޕޯސްޓަށް ވަރުން ދިން ޖަވާބުން މީސް މީޑިޔާގައި ޝްރަދާގެ ކައިވެނި ކުރެވެން އުޅޭ ކަމުގެ އަޑުތައް ފެށިއެވެ.

ރޯހަން ޝްރެސްތާއާއި ބެހޭގޮތުން ޝަކްތީ ބުނެފައިވަނީ ރޯހަން އެގެއަށް އަންނަ ކަމަށާއި ނަމަވެސް އެންމެ ކުޑައިރުއްސުރެ ވެސް އެގެއަށް އަންނަ ކަމަށެވެ. އަދި ރޯހަންއާއި ޝްރަދާ ކައިވެނި ކުރަން އުޅޭ ވާހަކަ ބުނެފައިނުވާ ކަމަށެވެ.