ކޮންމެ މަންމައެއްމެ، އެމީހަކު ބަނޑުއަޅައި ވިހެއި ދަރިއަކާއި މެދު ފޮނި އުންމީދުތަކެއް ކުރާނެއެވެ. އެ އުންމީދުތައް ހާސިލްކޮށް، ދަރިންނަކީ އުފާވެރި ބަޔަކަށް ހެދުމަށް އެތަކެއް ގުރުބާނީއެއްވެސް ވާނެއެވެ. އެހެނަސް މަންމަގެ ހިއްވަރުން ކާމިޔާބީ އާއި ހަމައަށް ފޯރުމުން ބައެއް ދަރިންގެ ހަނދާނުގައި އެ މަންމަގެ ގުރުބާނީ ހަރުލާފައެއް ނުހުރެއެވެ.

މިއީވެސް އެފަދަ ރަހުމުކުޑަ ދަރިންތަކެއްގެ މަންމައަކަށް އެކުދިން ކާމިޔާބު ބަޔަކަށް ހަދައި ދިނުމުން، ދަރިންގެ ފަރާތުން ބަދަލުގައި ލިބުނު ހިއްދަތިކަމެއްގެ ވާހަކައެވެ.

އަވައްޓެރި ސްރީލަންކާގެ ދެހިވަލައިގައި ދިރިއުޅެމުންދިޔަ އެ އާއިލާއަކީ ފުދުންތެރި އާއިލާއެކެވެ. ދަރިން އެއް ސަރަޙައްދެއްގައި ތަނަވަސް ދިރިއުޅުމެއް އުޅެމުން އައިއިރު، އެމީހުންގެ މަންމަ ދިރިއުޅެމުންދިޔައީ އެ ސަރަޙައްދުގައި ހުރި ގުދަނެއްގައި، ބިކަހާލުގައި އެކަނިވެރިކަންމަތީގައެވެ. ބައެއްގެ ހެޔޮލަފާކަމުން ލިބޭ ކާއެތިކޮޅަކުން ފުއްދާލައިގެންނެވެ.

މިކަން މިގޮތަށް ހިނގަމުންދާތާ އެތައް އަހަރެއް ވެފައިވަނިކޮށް، މައުންޓް ލެވެނިއާ ފުލުހުންނަށް މިކަމުގެ ޚަބަރު ލިބިގެން އެ އިދާރާގެ ފުލުހުންގެ އިސް ޓީމަކުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އުމުރުން 86 އަހަރުވެފައިވާ އެ މަންމަ ބާއްވާފައި އޮތް ގުދަނަށްގޮސް އޭނާ އާއި ބައްދަލުކޮށް ހާލު އޮޅުންފިލުވައި އެހީތެރިވެފައި ވެއެވެ.

މި އޮޕަރޭޝަން ކުރިއަށްދިޔައިރު ނަގާފައިވާ ބައެއް މަންޒަރުތައް، ފުލުހުން ޢާންމުކޮށްފައިވާއިރު، ފުލުހުން ޢާންމު ކުރި ވީޑީއޯއަކުން ފެންނަނީ ބޭރުން ތަޅުލާފައި ހުރި ކުޑަކުޑަ ގުދަނެއްގެ ބިންމަތީގައި އުމުރުން ދުވަސްވީ އަންހެނަކު އޮށޯވެ އޮންނަ މަންޒަރެވެ. ބަލިހާލަތުގެ ސަބަބުންނާއި އުމުރުން ދުވަސްވެ މުސްކުޅިވެފައި ވުމުން އަމިއްލަ އިޚްތިޔާރުގައި ތެދުވެވޭނޭ ހިއްވަރެއްވެސް އޭނާގެ ގައިގައި ނެތްކަން އެނާގެ ހަރަކާތްތަކުން އެނގިގެންދެއެވެ.

ފުލުހުންގެ އޮފިޝަލުންތަކެއް އެ ގުދަނުގެ ދޮރު ހުޅުވާލުމާއި އެކު، އެ އަންހެން މީހާ މަޑުމަޑުން އެތަނުގެ ތެރޭގައި ހުރި ބިއްލޫރިތައްޓެއް ނަގައި ދިއްކޮށްލާ މަންޒަރު ވީޑިއޯ އިން ފެނެއެވެ. އަދި ފެންފޮދެއް ދިނުމަށް އޭނާ އެދެމުންދިޔައެވެ. އެއާއި އެކު ފުލުހުން ވަނީ އޭނާއަށް ފެނާއި ކާނެ އެއްޗެއް ދީ އެހީތެރިވެފައެވެ.

ފުލުހުން އެ ގުދަން ހުރި ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ދަނިކޮށް އެ އަންހެންމީހާގެ ދަރިއަކު އެ ސަރަޙައްދަށް އަންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ. އޭނާ އާއި ސުވާލުކުރުމުން ބުނެފައިވަނީ ގޭގައި އަނބިދަރިން އުޅެނީ ވަރަށް ދަތިކޮށް ކަމަށާއި، އަަދި މަންމަ ގޭގައި ބާއްވާނެ ޖާގައެއްވެސް ނެތުމުން އެ ގުދަނުގައި މަންމަ ބާއްވާފައި އޮތީކަމަށެވެ.

ފުލުހުން އިތުރަށް ހޯދި ހޯދުންތަކުން އެނގިފައިވަނީ، ހިއްދަތި ޙާލުގައި އުޅެމުންދިޔަ އެ މުސްކުޅި މަންމަގެ ހުރިހައި ދަރިންވެސް އެ ސަރަޙައްދުގައި ދިރިއުޅެމުންދިޔަ ކަމާއި އެމީހުން އުޅެމުން އައީ ތަނަވަސް ދިރިއުޅުމެއްގައި ކަމެވެ.

"ގޭތެރެއަށް ސައިކަލް ވައްދާފައި ހުންނައިރު، މަންމައަށް އެވަރު ޖާގައެއްވެސް ނެތީތަ؟ މަންމައަށްވުރެ ސައިކަލް މުހިންމުވީމަތަ ގެއަށް ސައިކަލް ވައްދާފައި ހުރިއިރު މަންމަ މަގުމަތީގައި ހުރި ގުދަނެއްގައި ބާއްވާފައި އޮތީ؟ ދަރިން ބޮޑެތިކޮށް ކާމިޔާބު ބަޔަކަށް ހެދުމުން ދަރިންގެ ފަރާތުން އެ މަންމައަށް ލިބޭ އޯގާތެރިކަމަކީ މިއީތަ؟" ފުލުހަކު އެ އަންހެން މީހާގެ ދަރިއަކާއި ސުވާލު ކުރަމުން ބުނެފައި ވެއެވެ.

މި އޮޕަރޭޝަނަށްފަހު އެ އަންހެންމީހާ، ލަންކާގެ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒަކަށް ބަދަލުކޮށްފައިވާއިރު، މިހާރު އޭނާ އުޅެމުން ދަނީ އެތަނުގައެވެ. އަދި އޭނާއަށް ބޭނުންވާ ސިއްޙީ ފަރުވާ ލިބެމުންދާތީ ކުރިއާއި އަޅާބަލާއިރު، އޭނާގެ ހާލުވެސް ރަނގަޅުކަމަށް އޮފިޝަލުން ބުނެއެވެ.

ނޫސްތަކަށް މަޢުލޫމާތުުދެމުން، އެ އަންހެން މީހާގެ ދަރިން ދިރިއުޅެމުންދާ ސަރަޙައްދުގައި އުޅޭ ޢާންމު ބަޔަކު ބުނެފައިވަނީ، ނިކަމެތި ހާލުގައި އެމީހުންގެ މުސްކުޅި މަންމަ ދިރިއުޅެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ. އޭނާގެ ދަރިން، އެމީހުން ދިރިއުޅޭ ގެއަށް އޭނާ ވައްދާންވެސް ބޭނުން ނުވާއިރު، ދުވަހަކުވެސް އެ މަންމައަށް އަޅާލައި އޯގާތެރިވި މަންޒަރެއް ނުފެންނަ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މައުންޓް ލެވެނިއާ ފުލުހުންގެ އިދާރާއިން މިހާރު މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންދާއިރު، އެފަރާތްތަކުން ވަނީ އެ އަންހެން މީހާއަށް އަޅާލުމުގައި އިހުމާލުވި، އޭނާގެ ދަރީންނާއި ދެކޮޅަށް ދަޢުވާކުރަންވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ާާާާާާމަންމަ

  ވަރަށް ހިތްދަތި ވެއްޖެ. ޢެއީ ހާދަހާ ރަޙްމް ކުޑަބައެކޭދޯ.
  އެމަންޒަރު ފެނުނު މީހުންވެސް އަޅެ ތަންކޮޅެއް ކުރިން ޕޮލިހަށް ރިޕޯޓް ކުރިނަމަދޯ.

 2. ޕީޖޭ

  އެމީހަކަށް އުފުލޭވަރު ބުރައެއް ﷲ އެމީހަކަށް ޖައްސަވާނީ، އެމީހަކު މިއަދު އެމީހެއްގެ މައިންބަފައިންނާއި މެދު ކަންތައް ކުރިގޮތެއް އެމީހެއްގެ ދަރިން ވެސް ކުރާނެ އެމީހަކަށް..

 3. ރަށްދު

  ނަސީބެއް ރާއްޖޭގަ 65 މީހުންނަށް ސަރުކާރުން 5000 ދޭކަން އެހެންނޫނަމަ އެފަކީރުން މިހާރު ތިބީހީ އެފަދަ ހާލެއްގަ

 4. އަސްލުމީހާ

  މިގައުމުގަ މަންމައިންގެ ހާލަކީ ކޮބައިތޯ
  100% މުސްލިމު ގައުމެކޭމީ އެކަމަކު
  ކިތައް މަމްމައިންތޯ ހާލުގަޖެހިފައިތިބީ
  ކޮބާތޯ މިކަން ބަލާންކުރި ދިރާސާއަކީ

 5. ދަރި

  ވަރަށްދެރަވެއްޖެ އަހަރެންމީ މަންމައެއްނޫން ނަމަވެސް މަންމައްގެ ފިރިހެންދަރިއެއް އިހްސާސްކުރެވެނީ 9 މަހާ 9 ދުވަހު ބަޑުއަޅާވިހައި ދުނިޔެއަށްއުފަންވުމުންވެސް އަމިއްލަައުފަލާ އެތަށްކަމެއްދޫކޮށްދަރިފުޅުގެ ހައްގުގައި ބޮޑެތިޚަރަދުކޮށްނިދިންމަހުރޫމުވެ ދަރިފުޅު ބޮޑުކޮށް މުޖުތަމައުއަށް ބޭނުންހިފޭދަރިއަކަށް ހެދުމަށްއެތަކެއްއަހަރުހޭދަކުރާނީދަރިފުޅުކަމުދާމީހަކަށްވާދުވަހަކުންމަންމައަށްއެހީތެރިވާނެ
  ހާދަބޮޑު އުއްމީދެއްގައޭ
  އިސްލާމްދީނުގައިމަންމައަށްވަނީވަރަށްއިސްކަންދެއްވާފައި މުސްލިމުންގެ
  ނަމުގަތިބޭފަރާތްތަކުންވެސް މިފަދަކަމެއްކޮށްފާނެ ނަމަވެސް އަބަދުވެސް ވިސްނުން
  ބަހައްޓަންވީ އެއީމަންމަކަން މަންމައަށްދެރައެއްދީ ހިތްހަމަނުޖެހޭ ކަމެއްކުރަންނުވާނެ
  ކަން މަންމަގެފައިތިލަދަށުން ސުވަރުގެދެވޭކަން