ޝޫޓިންގައި ކްރޫއަކު ކޮވިޑް-19 އަށް ފައްސިވުމުން ފެންޓަސްޓިކް ބީސްޓް ތިނެއްގެ ޝޫޓިންގ ހުއްޓާލައިފި އެވެ. ފެންޓަސްޓިކް ތިނެއްގެ ސްޕޮކްޕާރސަން ބޭރުގެ ނޫހަކަށް މަޢުލޫމާތު ދެކުން ބުނީ ފިލްމުގެ ޝޫޓިން ގައި އެ ޓީމުގެ މެމްބަރަކު ކޮވިޑަށް ފައްސިވުމުން ޝޫޓިން މެދުކަނޑާލާފައިވާ ކަމަށެވެ.

ފިލްމުގެ ޝޫޓިންގައި ހަރަކާތްތެރިވި އެންމެން ކޮވިޑަށް ސުންކު ނަގާފައިވާއިރު ފައްސިވި މީހާ މިހާރު ހުރީ އެކަހެރި ކޮށްފައެވެ. އަދި ފިލްމުގެ ޝޫޓިންގ ދެން ފަށާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށްގެން ކަމަށް އެ ޓީމުން ބުނެ އެވެ.

ދުނިޔޭގެ މައްޝޫރު ވާހަކަ ލިއުންތެރިޔާ ޖޭ.ކޭ. ރޯލިންގެ ކެރެކްޓާސްތައް ހިމަނައިގެން ހަދާ މި ފިލްމު ޕްރޮޑިއުސް ކުރަނީ ވާނާ ބްރޯސް އެވެ. ޔޫކޭ ގެ ލީވެސްޑެންގެ ސްޓޫޑިއޯ ފެސިލިޓީއެއްގައި ފިލްމުގެ ޝޫޓިން ޖެއްސި އިރު ފިލްމު ޑައިރެކްޓު ކުރަނީ ޑޭވިޑް ޔާޓެސް އެވެ.

ޑޭވިޑް ޔާޓެސް އަކީ ބައެއް ހެރީޕޮޓާ ފިލްމުތައްވެސް ޑައިރެކްޓު ކޮށްފައިވާ ފަރާތެކެވެ. ފެންޓަސްޓިކް ބީސްޓް 3 ނެރޭ ދުވަހެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބި އިރު މީގެ ކުރީގެ ފިލްމުތަކަށްވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.

ފެންޓަސްޓިކް ބީސްޓްގެ ފުރަތަމަ ފިލްމު "ފެންޓަސްޓިކް ބީސްޓްސް އެންޑް ވެއާ ޓު ފައިންޑް ދެމް" ނެރުނީ 2016 ވަނަ އަހަރުގައި އެވެ. އެ ފިލްމަށް 814 މިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފަ އެވެ. ފެންޓަސްޓިކް ބީސްޓް ގެ ދެވަނަ ފިލްމު "ފެންޓަސްޓިކް ބީސްޓް: ދަ ކްރައިމްސް އޮފް ގްރިންޑަލްވަލްޑް ނެރުނީ 2018 ވަނަ އަހަރުގައި އެވެ. އެ ފިލްމަށް 655 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.

ފެންޓަސްޓިކް ބީސްޓް ގެ ތިންވަނަ ފިލްމު "ފެންޓަސްޓިކް ބީސްޓްސް އެންޑް ވެއާ ޓު ފައިންޑް ދެމް 3" ނެރެން ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގެ ޖުލައި 15 ގައި އެވެ.