ކެންސަރަކީ އާދަޔާ ޚިލާފު ސެލްތަކެއް ކޮންޓްރޯލެއް ނެތި އިތުރުވަމުން ގޮސް ވަށައިގެންވާ ސެލްތަކަށް ނުވަތަ ގުނަވަންތަކުގެ ތެރެއަށް ވެރިވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ކިޔާ ނަމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ އަހަރަކުވެސް އެއް ލައްކައަށް ވުރެ ގިނަ މީހުން ކެންސަރު ބަލީގައި ދުނިޔެ ދޫކޮށް ދެއެވެ.

އިއްޔައަކީ ބައިނަލްއަގްވާމީ ކެންސަރު ބަލީގެ ދުވަހަށް ކަމުގައިވާއިރު މި ދުވަސް ފާހަގަކުރަން ފެށުނީ 2000 ވަނަ އަހަރުން ފެށިގެންނެވެ. މި ދުވަސް ފާހަގަކުރަން ފެށުނީ ކެންސަރު ބައްޔާއި ގުޅޭ ގޮތުން އާންމުން އަހުލުވެރިކުރުވުމަށް ޔޫނިއަން ފޯ އިންޓަނޭޝަނަލް ކެންސާރ ކޮންތްރޯލް (ޔޫއަައިސީސީ) ގެ އިސްނެގުމާއި އެކުއެވެ.

ކެންސަރު ބައްޔާއި ގުޅޭ ގޮތުން ހެދުނު ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާގެ އެންމެ ގިނަ ބަޔަކަށް ކެންސަރު ޖެހިފައިވަނީ ސިނގިރެޓް ބުއިމުގެ ސަބަބުންނެވެ. އެގޮތުން ކެންސަރު ޖެހޭ މީހުންގެ 38 އިންސައްތަ މީހުންނަކީ ސިނގިރެޓު ބުއިމުގެ ސަބަބުން ކެންސަރު ބަލީގެ ޝިކާރައަކަށް ވެގެންދާ މީހުން ކަމުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ސިނގިރެޓު ބޯ މީހުންނަށް އާންމުކޮށް ޖެހި އުޅެނީ ފުއްޕާމެއަށް ޖެހޭ ކެންސަރެވެ.

ކެންސަރަކީ ބަލީގެ ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުފެނިހިނގައިދާނެ ބައްޔެެއް ކަމަށް އެ ދިރާސާގައިވެއެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަނީ ކެންސަރު ޖެހިފައިވާ ސެލްތަކާއި ގުނަވަން އަދި ފެތުރިފައިވާ މިންވަރަށް ބިނާކޮށް ކަންވެސް ފާހަގަކޮށްފައިވެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން ކެންސަރުގެ އަލާމާތްތައް ބެހިފައިވަނީ މައިގަނޑު ދެބަޔަކަށެވެ. ކޮންމެ ކެންސަރެއްގައި ވެސް ފެނިދާނެ އަލާމާތްތަކާއި ވަކި ބާވަތެއްގެ ކެންސަރުތަކަށް ނުވަތަ ވަކި ގުނަވަނެއްގެ ކެންސަރަށް ހާއްސަ އަލާމާތްތަކެވެ.

އެގޮތުން ކެންސަރާ ގުޅުން ހުރި އާންމު އަލާމާތްތަކުގެ ތެރޭގައި އެއްވެސް ސަބަބަކާ ނުލާ އާދަޔާ ޚިލާފަށް ކާހިތް ކެނޑުމާއި ބަރުދަން ލުއިވުމާއި އެއްވެސް ސަބަބަކާ ނުލާ ދިގުމުއްދަތަކަށް މަޑު ހުމެއް އައިސްފައި ހުރުމާއި އަބަދުވެސް ވަރުބަލި ވެފައި ހުރުން ހިމެނެވެ. އަދި އުނދަގޫވާކަހަލަ ކެއްސުމެއް ދިގުމުއްދަތަކަށް ހުރުމާއި އާންމުކޮށް ޕީރިއަޑް ވާއިރު ލޭއައުން ނޫންގޮތަކަށް ކުރިމަތިފަރާތުން ނުވަތަ ހަށިގަނޑުގެ އެނޫންވެސް ތާކުން ލޭއައުންވެސް ހިމެނެއެވެ.

އަންހެނުންނަށް އާންމު ގޮތެއްގައި ޖެހޭ ވައްތަރުތަކުގެ ކެންސަރުގެ ގޮތުގައި އެ ދިރާސާގައި ފާހަގަކޮށްފައިވަނީ ހަ ވައްތަރެއްގެ ކެންސަރެކެވެ. އެއީ އުރަމަތީ ކެންސަރާއި ރަހިމުގެ ކެންސަރާއި ފުއްޕާމެއަށް ޖެހޭ ކެންސަރުގެ އިތުރުން ބޮޑުކަމުދާ ނިޒާމަށް ޖެހޭ ކެންސަރާއި ކުޑަކަމުދާ ނިޒާމަށް ޖެހޭ ހަމުގެ ކެންސަރެވެ.

އުރަމަތީ ކެންސަރު: އުރަމަތީގެ ކެންސަރަކީ، އާންމުކޮށް އަންހެނުންނަށް ޖެހޭ ކެންސަރުގެ ތެރެއިން އެންމެ އާންމު އެއް ކެންސަރަށް ވީއިރުމި ބައްޔަށް ފިރިހެނުންވެސް ހުށަހެޅޭ ފަހަރުތައްވެސް އާދެއެވެ. އަދި އާއިލާގެ މެންބަރެއްގެ ހަށިގަނޑުގައި ބީއާރްސީއޭ އެކެއް ނުވަތަ ބީއާރްސީއޭ ދޭއް ޖީން ހިމެނޭނަމަ، އާއިލާގެ އެހެން މެންބަރަކަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވެގެން ދާ ކަމަށް އެ ދިރާސާގައިވެއެވެ.

އެހެންކަމުން އާއިލާގެ މެންބަރަކަށް، އުރަމަތީގެ ކެންސަރު ޖެހިފައިވާނަމަ، ތިމާވެސް ކެންސަރަށް ސްކްރީން ކުރުމަށް އެ ދިރާސާގައި ބާރުއަޅައެވެ.

އުރަމަތީ ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި، ދުޅަވެފައި ހުރުމާއި، ރަތްވެފައި ހުރުން ފަދަ ކަންކަން ހިމެނޭ.

ފުއްޕާމޭގެ ކެންސަރު: މިއީ އަންހެނުންނަށް ކުރިމަތިވާ ދެވަނައަށް އެންމެ ގިނަ ވައްތަރުގެ ކެންސަރެވެ. މި ވައްތަރުގެ ކެންސަރުގެ އަލާމަތްތަކުގެ ތެރޭގައި، މާބޮޑަށް، ނޫނީ ގަދަޔަށް ކެސުމާއި، ކެއްސާ އިރު ލޭ އައުން ހިމެނޭ، ކުޅު ޖަހާއިރު، ގަދަރަތް ކުލައިގައި ކުޅު ހުރުން ހިމެނޭ. މީގެ އިތުރުން، ނޭވާލާއިރު، މޭގަނޑުގައި ބޮޑަށް ރިއްސުމާއި، ބަރުދަން ލުއިވުމާއިި، ވަރުބަލިވުން ހިމެނޭ. މޫނު ދުޅަވުމާއި، ކަރު ދުޅަވުން ހިމެނޭ.

ރަހިމަށް ޖެހޭ ކެންސަރު: ބަނޑުގައި ރިއްސުމާއި، ކާން އުނދަގޫވުމާއި،، ބަނޑުފުލްވެގައި ހުރުން، މާ އަވަސް އަވަހަށް ކުޑަކަމުދާން ޖެހޭހެން ހީވުން ހިމެނޭ،

ހަމުގެ ކެންސަރު: ޑޮކްޓަރުން ލަފާ ދެނީ ހަމުގައި މައްސަލަތައް ހުރިތޯ ބެލުމަށެވެ. އަދި އެގޮތަށް ބަލައި ފާހަގަކުރެވޭ ކަމެއް ހުރިނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދެެއެވެ. އެއީ ކެންސަރުގެ ފުރަތަމަ ދުވަސްވަރުގައި ދިމާވެދާނެ ކަމެކެވެ.

މި ވައްތަރު ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި، ހަމުގައި ބިއްސެއް ކަހަލަ އެއްޗެއް ހުރެ އޭތީ ބޮޑުވަމުންދާހެން ހީވުން، ނޫނީ އޭގެ ކުލަޔާއި، އޭގަށް ރިއްސުން، ނުވަތަ އެތަން ކެހުމާއި، ހިރުވާގޮތް ވުން، އަދި އެތަނުން ލޭ އައުން.

ބޮޑުކަމުދާ ނިޒާމަށް ޖެހޭ ކެންސަރު: މި ވައްތަރު ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި، ބޮޑުކަމުދާއިރު ލޭ އައުމާއި، ބަރުދަން ލުއިވުމާއި، ބަނޑުގައި ރިއްސުމާއި، ވަރުބަލިބުމާއި، ފާހަނަ ކުރުމަށްފަހުވެސް، ފާހަނައަށް ދާން ޖެހެިފައި ހުންނަހެން ހީވުން

ދިރާސާތަކުން ދައްކާގޮތުގައި ކަސްރަތު ކުރާނަމަ ކެންސަރު ބައްޔަށް ހުށައެޅުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އަދި ކަސްރަތާއި އެކު ކެއުމުގެ ވައްޓަފާޅީގައި ފަލަވުމަށް މަގުފަހިވާ ބާވަތްތައް މަދުކުރުމަށްފަހު ފަލަމަޑީގެ ބާވަތްތައް އިތުރުކުމަށް ސިއްހީ މާހިރުން އަބަދުވެސް އިރުޝާދު ދޭ ކަމުގައި އެދިރާސާގައި ބުނެއެވެ.