ހެނދުނުއްސުރެ ފެން ކަނޑާ ނުލައެވެ.

އުޑު މަތި ކަޝްފުކޮށްލާފައިވަނީ ރުޅިގަދަ، ބޯ ވިލާތަކަކުންނެވެ. ވައިގައިވާ ތެތްކަން ފެން ހެދިފައިވާ ބިމާއި ވާދަކުރަމުން ދިޔައެވެ. އިރުއިރު ކޮޅާ ފެން ފޮދެއް އޮއްސާލާފައި ވިލާތައް ރެކިގަންނާނެއެވެ. ގަސްތަކުގެ ފަތްތަކާ، ހިމަތޮޅި ގޮފިތައް ޖެހެމުންދިޔަ ވައިގެ ވަސްވާހަށް ހެއްލި، އެކަތި އަނެކައްޗާ ކޯޅޭ އަޑުން މުޅި ސަރަހައްދަށްވަނީ ނާމާންކަމެއް ފެތުރިފައެވެ. ދަންވި ދަންވިހެން ވިއްސާރައިގެ އަަސަރު ދިޔައީ ހަތަރު އުދަރެހަށް ފެތުރެމުންނެވެ.

ނައިނާ ހުރީ އޭނާގެ ކޮޓަރީގެ ކުޑަދޮރު ކައިރީ ހުއްޓިއެވެ. އޭނާގެ ލޯ އަމާޒުވެފައިވަނީ ބިއްލޫރީގައި ޖެހި ފައިބަމުންދިޔަ ވާރޭ ތިކިތަކަށެވެ. ކޮންމެވެސް ޚިޔާލަކަށް ގެއްލިފައިހުރި އިރު، ގަޑިން މިހާ ލަސްވިކަމެއް އޭނާގެ ސިކުނޑިއަށް ރޭކާ ނުލާކަހަލައެވެ. ކުޑަދޮރުން ބޯ ދިއްކޮށްލައިފައި އުޑުމައްޗަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ކޮޓަރިއަށް ވަދެގެން އައި ފިނިވައި ރޯޅިން ދޮރުފޮތިތަށް ވިހުރެން ފަށައިފިއެވެ. ނައިނާގެ މުޅި ގައިން ހީބިހި ނަގައިގެންދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ހަނދުގެ އެއްވެސް ހިލަމެއް އުޑުމަތީގައި ނެތުމުން ފުން ނޭވާއެއް ލާފައި ނައިނާ ކުޑަ ދޮރު ލައްޕާލިއެވެ. ދޮރު ފޮތިތަށް ކަހާލުމަށްފަހު އެނދުގައި އޮށޯވެލިއެވެ. އެއްލި ކަޅިއަކުން ފާރުގައި އެލުވާފައި އިން ބޮޑު ގަޑިއަށް އޭނާގެ ނަޒަރު ހުއްޓުނެވެ.

ގަޑިން ބަރާބަރު 3:00 ޖެހީއެވެ. އެއާ އެކު ނައިނާގެ ދެލޯ މެރި، ފުން ނިންޖަކަށް ގެނބިގެން ދިޔައެވެ.

*** *** ***

ކޮންމެ މަހެއްގެ ސާދަ ވިލޭރޭއަކީ ތުރާކުނުގެ ރައްޔިތުންގެ ހިތަށް ބިރުވެރިކަން ގެނެސްދޭ ރެއެކެވެ. ދުވަހުގެ އިރު އޮއްސުމަށްފަހު ގެއިން ބޭރަށް ނިކުމެ އުޅޭނީ ބިރުކުޑަ ރިޔާޒުން އެކަންޏެވެ. ޒަމާނުއްސުރެ މިއީ ތުރާކުނު ރައްޔިތުން ގަބޫލުކުރާ، އެމީހުންގެ ތުންތުން މަތިން އިވި، ދަސްވެފައިވާ ވާހަކައެކެވެ. ފުރަތަަމަ ފަހަރަށް ނައިނާއަށް މި ވާހަކަ ކިޔައިދިނީ އޭނާގެ މާމަ ދުނިޔޭގައި ހުރި އިރު، މާމައެވެ. އޭރު އޭނާގެ އުމުރުން އެންމެ ދިހަ އަހަރެވެ.

ރަމަޟާން މަސް ފިޔަވާ ކޮންމެ މަހެއްގެ ސާދަވިލޭރޭ ޖިންނި ޝައިތާނުންނާއި، ހަންޑިން އެއްވާ މައި ރަށަކީ ތުރާކުނެވެ. އެ ދުވަހުގެ ހެނދުނުގެ އިރު އެރުމާއެކު މުޅި ރަށު މަތީ ނާމާންކަމުގެ ސާލެއް އެޅިގެންދާނެއެވެ. އިރުއޮއްސުމަށްފަހު ގޭގޭގެ ދޮރު ތަޅުލެވޭނެއެވެ. ކުޑަކުދިން އަވަހަށް ނިންދަވާ، މުސްކުޅިން އެނދު ތައްމައްޗަށް އަރާ ކިޔުނުހާ ހެޔޮ އެއްޗެއް ހިތުން ކިޔާނެއެވެ. އެރޭ އެއްވެސް ކަހަލަ އަޑެއް އިވުނަސް، އެ ގެއެއްގެ ދޮރު ނުހުޅުވުމަށް ބޮޑެތި މީހުން ވަނީ ލަފާދީފިއެވެ. ގޭގެ ގިރާކޮޅުން އެންމެ ތަންފުކެއް އެތެރެއަށް ދާން ފުރުސަތު ލިބުނަސް، އެވެރިން ދެން އެގެއަކުން ނުނިކުންނާނެޔޯލައެވެ. ރަށުގެ އަތިރިޔާވީ ފަރާތުގައި ހުންނަ ދޮންސިއްތިބޫ ގޯތި ފަޅުވީ ސާދަ ވިލޭރެއެއްގައި ހެދުނު ޅަ އެއްޗަކުން ކަމުގައި މީސްމީހުން ކިޔާ އުޅެއެވެ. އެ ގެ ކައިރިން ހިނގާލައިފައި ދިޔަޔަސް މަގުމަތި އަޅަޔޭ ބުނެއުޅެއެެވެ.

މި ވާހަކަތަކުގެ ހަގީގަތެއް ނައިނާއަކަށް ނޭނގެއެވެ. ހަގީގަތް ހޯދާކަށް އޭނާ ބޭނުމެއްވެސް ނުވެއެވެ. މާމަ ދެއްކި ވާހަކައެއްކަމުން އެކަމަށް ގަދަރުކުރެއެވެ. ސާދަވިލޭރޭތަކުގައި އޭނާވެސް އެހެން މީހުންނެކޭ އެއްފަދައިން އަވަހަށް ގެއަށް ވަދެއެވެ. އިރުއޮއްސުމަށްފަހު ބޭރަކަށް ނުނިކުމެއެވެ. ގެއިން ބޭރުން އެއްވެސް އާދަޔާ ޚިލާފުކަމެއް އޭނާއަކަށް ފާހަގައެއް ނުކުރެވެއެވެ. ބައެއް ރޭރޭ ނުނިދިގެން ކުޑަދޮރުން ބޭރު ބަލަން އޮވެއެވެ. އެހެން އޮއްވާ ފަތިސްވާ ފަހަރުވެސް އާދެއެވެ.

ނަމަވެސް ކުރިއަށް އޮތް ސާދަވިލޭރެއާމެދު އޭނާއަށް ވިސްނެއެވެ. ވިސްނަން މަޖުބޫރެވެ.

ރާކިންއާއި ނައިނާއާ ދިމާވީ މީގެ ދެތިން ހަފްތާ ކުރިންނެވެ. ފުރަތަމަ ނަަޒަރުން ލޯބި ނުވެވުނަސް ފުރަތަމަ ނަޒަރުން ނައިނާގެ ލޮލުގައި ރާކިން އަޅައިގަތެވެ. ފައި އޮޅި، ހިނގުން ހުއްޓުނެވެ. ހިތުގެ ވިންދުގެ ރާސްތާއަށް ބަދަލެއް ނަޔަސް، ތެޅުމުގެ ދުވެލި ހަލުވިކޮށްލިއެވެ. ރީތި ވީމައެވެ. ވިދާހާ ކޮންމެ އެއްޗަކީ ރަނެއް ނޫނޭ ބުންޏަސް، ވިދާހާ ކޮންމެ އެއްޗަކަށް ލޯ އަމާޒު ނުވޭހެއްޔެވެ؟ ސަމާލުކަން ނުދެވޭ ހެއްޔެވެ؟ ނައިނާއަށް ވެސް ދެވުނެވެ. ވާހަކަ ދައްކާ ހިތްވިއެވެ. ގުޅުން ބަދަހިކުރަން ބޭނުންވިއެވެ.

ނައިނާ އަކީ 'ކާމިޔާބު' ކުއްޖެކެވެ. އެކަން ރަށުގެ ޒުވާން ކުދިން ފިސާރި ރަނގަޅަށް ދަންނާނެއެވެ. ބުރުގާ އެޅިއެއް ކަމަކު ފަހުގެ ފެޝަންތަކަށް ނައިނާގެ ލޯ ވަނީ ހުޅުވިފައެވެ. މޭކަޕް ކުރަން ދަންނަ، ފިރިހެންކުދިންގެ ހިތްތަކާ ކުޅުމުގެ ހުނަރު ކަށީގައި ހަރުލާފައިވާ ޖިންސުންލަތީފެކެވެ. ހީލުމުގައި ޖާދުވީކަމެއް ވެއެވެ. ހިނގުމުގައި ހިތާކުޅޭލާ ބީޓެއް ހުރެއެވެ. މަށަށް މަށަށް ގޮވާލަ ތިއްބާ ނައިނާގެ ސަމާލުކަން ޖަހައިގަތީ ރަށަށް އައިސް އުޅޭ މާލޭ ސޮރެކެވެ. ރާކިންއެވެ.

ރާކިން ހުންނަ ގޯތި ކަންމަތީ މުގޯލިއަޅަމުންގޮސް އެންމެފަހުން އޭނާއާ ވާހަކަދެއްކޭ ވަރުވިއެވެ. ނަމްބަރު ބަދަލުކުރުމަށްފަހު ރޭގަނޑުގެ ފޫހި ގަޑިއިރުތައް އެކަކު އަނެކަކުގެ ހުނުމުގެ އަޑު އެހުމުގައި ހޭދަކުރަމުން ދިޔައެވެ. ބައެއްފަހަރު ހަވީރު ފިންޏަށް ހިނގާލަން ގޮސް ތުނޑި މަތީއުޅެއެވެ. ރާކިންގެ ކެމެރާގައި ނައިނާގެ ގިނަ ތަސްވީރުތަކެއް ރައްކާކުރެވިއްޖެއެވެ. ދެމީހުން އެކަކު އަނެކަކާ ނުލާހިކު ގަޔާވެއެވެ. ނަމަވެސް ރަށު މީހުންގެ ލޯތަކަށް ރެކިގެން އެކަކު އަނެކަކާ ދިމާކުރެވޭ ވަރެއް ނުވެއެވެ. އެހެންކަމުން، ރާކިންއާއި ނައިނާ ނިންމީ ސާދަވިލޭރޭ މީސްމީހުންގެ ގެތަކުގެ ދޮރު ބަންދުވުމަށްފަހު ނިކުންނާށެވެ.

ރޭ ވެސް ގިނަ ވަގުތުތަކެއް މި ޚިޔާލުތަކާ ހަނގުރާމަކުރުމުގައި ނައިނާ ހޭދަކުރިއެވެ. އަދިވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ އެންމެ ސުވާލެކެވެ. މި ކުރެވެނީ ރަނގަޅު ކަމެއް ބާވައެވެ؟

*** *** ***

އިރު ދުނިޔެއާއި އަލްވަދާއު ކިޔުމަށްފަހު ސަމަންދަރުގެ ތެރެއަށް ފީނާލައިފިއެވެ. އުޑުމައްޗަށް ފެތުރިގެންދިޔަ ރަތް ކުަލައިގެ ވިލާތަކުގެ ހިޔަނި ދުނިޔެމައްޗަށް އެޅެމުންދިޔައީ ކުރިއަށް އޮތް ގަޑިތަކަށް އިންޒާރުދޭ ޒާތަކަށެވެ. ނާމާންކަން ގަސްތަކުގެ ފަތްތަކުގެ ތެރެއިން އުދަރެހުގެ ތެރެއަށް ފެތެރެން ފަށައިފިއެވެ. ޖެހިލާ ކޮންމެ ވައިރޯޅިއަކާ އެކު އިވިގެންދަނީ ޤުދުރަތުގެ ސިއްރު އިންޒާރުތަކެވެ.

ގޭގޭގެ ދޮރުތައް ލެއްޕެމުންގޮސް، ކޮޓަރިތަކުގެ އަލިތައް ފަނޑުވެއްޖެއެވެ. މަގުތަކުން މީހެއްގެ ހިލަމެއް ނުވާތާ މެއްސެއްހާ ހިސާބުވެސް ދައްކާނުލައެވެ. އުތުރު އަވަށުގެ އެންމެ ކަނުގައި ހުރި ބިޔަ ނިކަގަހުގެ ފުރަގަހުގައި މަޑުކޮށްގެން ހުރި ރާކިން އިރު އިރުކޮޅާ ފޯނަށް ބަލާލައެވެ. ނައިނާގެ އިންތިޒާރުގައި އޭނާ އެތާ ހުންނަތާ ފަނަރަ ވަރަކަށް މިނެޓްވެދާނެއެވެ. ރާކިންގެ މޫނުމަތިން ފާޅުވަނީ ހާސްކަމެވެ. ނަމަވެސް އަހާލައިފިނަމަ އެއްބަހެއް ނުވާނެއެވެ.

ފަހަތުން މީހެއްގެ ހިލަމެއް ވިހެން ހީވެގެން ރާކިން އެނބުރުނެވެ. ކުރިމަތީގައި ހުރީ ނައިނާއެވެ. އާދައިގެ ގޮތަކަށް ބުރުގާގައި ގޮށެއް ޖަހާލައިފައި ހުއްޓަސް ނައިނާ ފެންނަނީ ހޫރެއް ހެންނެވެ. މޫނުމަތީ މޭކަޕްގެ އެއްވެސް އަސަރެއް ނެތެވެ. މަތިން ފެށިގެން ތިރިއަށް ހުރީ ކަޅުކުލައިން ހެދުން އަޅާފައެވެ. މަޑު ހިނގުމެއްގައިގޮސް ރާކިން ނައިނާގެ އަތުގައި ހިފާލިއެވެ. މާ ބައިވަރު ވާހަކަތަކެއް ނުދައްކާ ދެމީހުން ހިނގައިގަތީ އަތިރިޔާ ދިމާލަށެވެ. ފުރަތަމަ ފަހަރަށް ބައެއްގެ ނަޒަރަށް ފިލަން ނުޖެހި މިނިވަން ކަމާއެކު ދެމީހުންނަށް ރަށުގެ ބޮޑު މަގުން ހިނގާލެވުނެވެ. އަނދިރި ގޯޅިތަކަށް އަރަން ހިތަށްވެސް ނާރުވައެވެ. ބަޔަކު ނޫޅޭކަން ދެމީހުންނަށްވެސް ޔަގީންވާ ކަަހަލައެވެ. ނަމަވެސް އިންސާނުންގެ ލޯތައް އަމާޒުވެފައި ނެތަސް މި ދެމީހުންގެ ކޮންމެ ހަރަކާތަކަށް ފާރަލައިގެން އެހެން މަޚްލޫގުންތަކެއް ތިއްބެވެ. ރަނގަޅު ވަގުތަކަށް އިންތިޒާރުގައެވެ.

ގޮނޑުދޮށަށް ރާޅު ބީއްސާ ހިސާބުގައި ގޮސް ދެކުދިން އިށީނދެލިއެވެ. އުޑުމަތީގައި ކުރީ ރޭގެ ވިއްސާރައިގެ ކަންފުޅެއްވެސް ނެތްކަހަލައެވެ. ވިދަމުން ދިޔަ ތަރި ތަކުގެ އަލިން ހުދު ދޮންވެލިގަނޑަށް ވަނީ މަޑު ދިހުމެއް ގެނެސްދީފައެވެ. ރާކިން އާއި ނައިނާ އޮލަ ވާހަކައެއްގައި ތިއްބާ ފުރަތަމަ ފަހަރަށް ދެމީހުންގެ ކަންފަތުގައި އެ އަޑު ޖެހުނެވެ.

ކަންފަތް ކައިރިން ވައި އަޑުން މީހަކު އެއްޗެކޭ ބުނެލިހެން ހީވީއެވެ. ދެމީހުން އެއްފަހަރާ އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. ޗޮކެއް ކަނޑާލައިފައި އަނެއްކާވެސް ވާހަކަ ދައްކަމުން ދިޔައެވެ. އިރުކޮޅެއް ނުވެ، ރާކިންގެ ކަންފަތް ބުޑުގައި ވައި އަޑުން މީހަކު ވާހަކަ ދައްކާ އަޑު ޖެހިއްޖެއެވެ. މިފަހަރު ބުނި އެއްޗެއް ސާފުކޮށް ރާކިން އަށް އިވުނު ކަހަލައެވެ. ދެ ލޯ ބޮޑުވެ، ރާކިންއަށް ބަލާލެވުނީ ނައިނާގެ މޫނަށެވެ. ސުވާލުން ފުރިފައިވާ ގޮތަކަށް ނައިނާ ރާކިންއަށް ބަލަމުންދިޔައެވެ.

ރާކިން ބޭނުންވީ އެތަނުން ދާށެވެ. ދުވާލު ގަޑީގައި ކޮންމެވެސް ގޮތަކުން ދިމާކުރާށެވެ. ނަމަވެސް ނައިނާ އެއްބަހެއް ނުވިއެވެ. މީހުން ވާހަކަދައްކާނެއެވެ. ތުންތުން މަތިން އަޑު ފެތުރިގެންދާނެއެވެ. ގޯސް ނަޒަރަކުން ދެމީހުންނަށް ބަލަން ފައްޓަފާނެއެވެ. ވަރަށް އާދޭހާއެކު ރާކިން އިން ތަނުގައި މަޑު ކުރުވައިފިއެވެ. ނައިނާ ރާކިން އާއި އާދަޔާ ޚިލާފަށް ގާތަށް ޖެހިލިއެވެ. އެއާ އެކު ކައިރީގައި ހުރި ގަސްތަކުގެ ފަތްތައް ބާރު ބާރަށް ހެލެން ފެށިއެވެ.

ރާކިން ފަހަތަށް ބަލާލުމާއެކު ހަމަހިމޭން ވެއްޖެއެވެ. ކަމެއްވިހެންވެސް ހިޔެއް ނުވެއެވެ. ރާކިންގެ ހާސްކަން ފިލުވުމުގެ ގޮތުން، ނައިނާ ރާކިންއާއި ގާތަށް ޖެހިލިއެވެ. އޭނާގެ ކޮލުގައި ބޮސްދިނުމަށްފަހު ރާކިންގެ ދެ ލޮލަށް ފުންކޮށް ބަލާލިއެވެ. އޭނާގެ ލޮލުގައި ވަނީ ބިރުވެރިކަމުގެ އަސަރެވެ. ހާސްކަން އެ ގަދަ މުށި ކަޅީގައި ނަށަމުން ދިޔައެވެ. ރާކިންގެ ހިތުގެ ވިންދު އަވަސްވެފައި ތެޅުމުގެ އަޑު ބާރެވެ. ރަށު މީހުން ދައްކާ ފުލޯކު ވާހަކަ ތަކަކީ އޭނާ ގަބޫލުކުރާ ވާހަކަތަކެއް ނޫން ކަމަކު، މިރޭ އޭނާ އެ އިނީ ބިރުން ކުރާނެ ކަމެއް ނޭނގިފައެވެ. ނައިނާގެ ޖަޒުބާތީ ހަރަކާތްތަކަށް ސަމާލުކަން ދެވެނީވެސް ކިރިޔާއެވެ.

އެކަކު އަނެކަކުގެ ފަރާތުން އުފާ ހޯދުމުަގައި މަސްޣޫލުވެ ތިިބި ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ރާކިންގެ ފޯނަށް އައި މެސެޖަކުންނެވެ. މެސެޖް ފޮނުވާފައި އިން ނަމްބަރު ފެނުމުން ރާކިން ހައިރާންވިއެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން މެސެޖް ހުޅުވާލިއެވެ. ނޭވާ ހީވީ ކަރުނޮޅީގައި ހަރުލިހެންނެވެ. މެސެޖް ފޮނުވާފައި ވަނީ ނައިނާގެ ފޯނުންނެވެ. އޭގައި ވަނީ މަންމައަށް ވަގަށް ނިކުމެވެން ނެތް ވާހަކައާއި، ހެނދުނުވުމުން ދިމާކުރާނެ ވާހަކައެވެ.

ރާކިން އަތުން ފޯނު ވެއްޓުނީ އަތް ތުރުތުރު އަޅަމުން ދިޔަ ވަރުންނެވެ. ހިތް ދިރުވާލުމަށްފަހު ބޯ ހިއްލާލިއެވެ. ކުރިމަތިން ފެނުނު މަންޒަރަކުން ރާކިންގެ ހޭވެރިކަން ގޮއްސިއެވެ. ކުރިމަތީ އިން މީހާގެ މޫނެއް ނެތެވެ.

- ނިމުނީ -

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮތަރު

    އުޑުމަތި ކަޝްފުކޮށްފައޭ ތިޔަބުނަނީ އުޑު ނުފެންނަ ވަރަށް ވިލާބޯވެފައި އޮތް ވާހަކަ ބުނަން ކަމަށް ވާނަމަ ލިޔުންތެރިޔާ އެކުށް އިޞްލާޙް ކޮށްލުން ރަނގަޅު ކަމަށްފެނޭ.

  2. ބެއްޔާ

    މީ ވާހަކަ. ކޮމް ގައި ހުރި ވާހަކައެއް

  3. ާާަަަައަލްޔާ

    ސިކާޔަޡު މި ވާހަކައިގެ 4 ވަނަ ބައި ކޮބާ!

  4. ޙިމަ

    ދެޓްސް އިޓް؟