މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު އިންޑިޔާގެ ދަނޑުވެރިންނާއި ގުޅިގެން ނެރުނު ގަވާއިދުތަކެއްގެ ސަބަބުން ދަނޑުވެރިންގެ ޖަމްއިއްޔާއިންނާއި ފެށި މުޒާހަރާ އަދި ވެސް ދަނީ ކުރިއަށެވެ. ދަނޑުވެރިންނަށް ހިތްވަރުދީ ގިނަ ބޮލީވުޑުގެ ފަންނާނުން ވެސް ވަނީ އަޑު އުފުލާފައެެވެ.

މި މުޒާހަރާގެ ސަބަބުން ފިލުމު އިންޑަސްޓްރީއަށް ވެސް ދަނީ ބުރުއަރަމުންނެވެ. މިގޮތުން ބައެއް ފިލުމުތަކުގެ ޝޫޓިންތައް ދަނީ ކެންސަލްވަމުންނެވެ. ޝޫޓިންތައް ކުރިއަށް ދިޔުމަށް ދަނޑުވެރިން ދަނީ ހުރަސް އަޅަމުންނެވެ.

ޖާންވީ ކަޕޫރު މިހާރު ކުޅެމުންދާ ފިލުމު ''ގުޑްލަކް ޖެރީ'' ގެ ޕަޓިއާލާއާއި ޗަންދިގަރުގައި ނެގުމަށް ހަމަޖެހިފައިވާ ޝޫޓިންތައް ވަނީ ދެ ފަހަރަށް ކެންސަލް ކުރަން ޖެހިފައެވެ. އެއީ ޝޫޓިންތައް ކުރިއަށް ގެންދިޔުމަށް ދަނޑުވެރިން ހުރަސް އަޅަމުންދާތީއެވެ.

މީގެއިތުރުން ބޮބީ ޑިއޯލް މިހާރު ކުޅެމުންދާ ފިލުމު ''ލަވް ހޮސްޓަލް'' ގެ ޕަންޖާބުގައި ނެގުމަށް ހަމަޖެހިފައިވާ ޝޫޓިންތައް ވެސް ދަނޑުވެރީން ވަނީ ހުއްޓުވާފައެވެ.

ފިލުމު ''ލަވް ހޮސްޓަލް'' ގެ ޓީމުން ޕަންޖާބުގެ ސަރަހައްދެއްގައި ޝޫޓިން ފެށުމަށް ކެމެރާތަކާއި ލައިޓްތަކާއި އެހެނިހެން އެއްޗެހި ވެސް ތައްޔާރު ކުރަމުން ދަނިކޮށް އެތަނަށް ދަނޑުވެރިން އައިސް ވަނީ ހުއްޓުވާފައެވެ. އަދި ދަނޑުވެރިންގެ މައްސަލަތަކަށް ހައްލެއް ނުލިބެނިސް ޕަންޖާބުގައި އެއްވެސް ފިލުމެއްގެ ޝޫޓިން ނުކުރެވޭނެ ކަމަށް ވެސް ދަނޑުވެރިން ބުނެފައިވެއެވެ.

މި މައްސަލައިގެ ސަބަބުން އެކްޓަރ އަދި ސިޔާސީ ލީޑަރ ސަނީ ޑިއޯލްއާއި މެދު ވެސް ދަނޑުވެރިން ވަނީ ހިތްހަމަ ނުޖެހިފައެވެެ. މި ގަވާއިދުތައް ފާސްކުރުމުގައި ސަނީ ވެސް ހިއްސާވާކަމަށް ދަނޑުވެރިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    އަލްޙަމްދުލިﷲ އިންޑިއާ ބައިބައި ކުރައްވާ ނެތި ކުރައްވާށި ، އާމީން

    10
    2