އިންޑޮނޭޝިއާއަށް ކުރި ވިއްސާރާގައި އެގައުމުގެ ބައެއް ސަރަހައްދުތަކުގެ މަގުތައް ރަތް ކުލައަށް ބަދަލުވެއްޖެއެވެ.

އެގައުމުގެ ސީޓީއެއް ކަމަށްވާ ޕެކަލޮންގަން އަށްކުރި މި ވިއްސާރާގައި މަގުތައް ރަތް ކުލައަށް ބަދަލުވެފައިވަނީ އެ ސަރަހައްދުގައި ހުންނަ ކުލަ ތައްޔާރު ކުރާ ކާރުހާނައެއްގެ ތެރެއަށް ވާރޭ ވެހި ކުލަ ލީކުވުމުންނެވެ.

އެގައުމުގެ މަގުތައް ރަތް ކުލައިން ހުންނަ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިވަގުތު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ މަންޒަރު ފެނުމުން ހަނދާން ވަނީ ލޭ މަތިން ކަމަށެވެ.

"ބިރުގަނޭ މިފަދަ ފޮޓޯތައް ނުބައި ބައެއްގެ އަތަށް ގޮސްދާނެތީ" ޓްވިޓާގައި މީހަކު އެ ފޮޓޯތައް ހިއްސާ ކުރަމުން ބުންޏެވެ.

އޭނާ އެގޮތަށް ބުނެފައިވަނީ އެފަދަ ފޮޓޯތައް ނުބައި ބައެއްގެ އަތަށް ގޮސްފިނަމަ، ދުނިޔެ ނެތިގެން ދަނީ އޭ ކިޔައިގެން ފާޑު ފާޑުގެ ވާހަކަ ދައްކައި މީހުންނަށް ބިރު ދައްކާފާނެތީއެވެ.

ޕެކަލޮންގަން އަކީ "ބެޓިކް" ކުލަ އުފެއްދުމަށް މަޝްހޫރު ސިޓީއެކެވެ.

މިއީ އެސިޓީގައި އާ ކަމެއް ނޫނެވެ. މީގެ ކުރިން މިދިޔަ މަހުގެ ތެރޭގައިވެސް ވެހުނު ވާރެއާއި އެކީ އެހެން އަވަށެއްގެ ބައެއް މަގުތަށް ވަނީ ގަދަ ފެހި ކުލައަށް ބަދަލުވެފައެވެ.

"ބައެއް ފަހަރު ފެންގަނޑު ދަބު ކުލައިންވެސް ދައްކާ" ޓުވިޓާގައި މީހަކު ބުންޏެވެ.

މިފޮޓޯތައް މީސްމީޑީއާގައި އާންމުވުމާއި އެކީ އެގައުމުގެ މޫސުމާއި ބެހޭ އިދާރާގެ އިސްވެރިއަކު ބުނެފައިވަނީ ދައުރުވަމުން އަންނަ ފޮޓޯތަކަކީ އެއީ ރަނގަޅު ފޮޓޯތައް ކަމަށާއި އެގޮތަށް މަގުގެ ކުލަ ބަދަލުވެފައިވަނީ ކުލަ ހަދާ ކާރުހާނާއަކަށް ވާރޭ ވެހުމުގެ ސަބަބުން އެތަނުން ކުލަ ލީކުވެގެން ކަމަށެވެ.