އުފެދުމުގައި ދެ އަތް އުފެދިފައި ނުވާ ކުއްޖަކު، ރެސްޓޯރެންޓަކަށް ވެއްދުމަށް ދެކޮޅު ހަދައިފިއެވެ.

އެންމެ ބޮޑަށް މިނިވަންކަން ކަށަވަރު ކުރެވިފައިވާކަމަށް ވަކާލާތުކުރާ އެމެރިކާގައި މިކަން ހިނގާފައިވާއިރު، އެކުއްޖާ ވެއްދުމަށް ދެކޮޅު ހެދީ، އެކުއްޖާ ކަނީ ފައި ބޭނުންކޮށްގެންކަމަށް ބުނެއެވެ.

މި ކުއްޖާއަށް ރެސްޓޯރެންޓުގައި ނުހުރެވޭނެކަމަށް ބުނެ، ކުއްޖާއާއި ކުއްޖާގެ މަންމައާ ދިމާއަށް ރެސްޓޯރެންޓުގެ މުވައްޒަފުން ބުނުއިރު، މިކަން ކޮށްފައިވަނީ އެވަގުތު ރެސްޓޯރެންޓުގައި ތިބި އެހެން ކަސްޓަމަރުންގެވެސް ކުރިމަތީގައި، ވަރަށް އިހާނެތިކޮށެވެ.

މިކަމާ ގުޅިގެން ކުއްޖާގެ މަންމަވަނީ ރެސްޓޯރެންޓުގެ މުވައްޒަފުންނާ ކުރިމަތިލައި، ދަރިފުޅުގެ ޙައްޤުގައި ވާހަކަ ދައްކާފައެވެ. އަދި، އެންމެންގެ ކުރިމަތީގައި، ކުޑަ ދަރިފުޅު ލަދުގަންނަވާލަން ނުޖެހޭނެކަމަށް ބުނެފައިވެއެވެ.

މިގޮތަށް ކަންތައް ކުރުމުން، އެހެން ކަސްޓަމަރުންވެސް މި ދެމައިންނަށް އެހީތެރިވާން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، ރެސްޓޯރަންޓް މުވައްޒަފުން، އެކަމަށް ދެކޮޅު ހަދާފައިވެއެވެ.

މިކަމާ ގުޅިގެން، ރެސްޓޯރެންޓުގެ މެނޭޖަރު، ފަހުން ދެމައިންގެ ކިބައިން މަޢާފަށް އެދިފައިވާއިރު، މަޢާފަށް އެދި ފޭސްބުކުގައިވެސް ބަޔާނެއް ލިޔެފައިވެއެވެ. އަދި، މުވައްޒަފުންނަށް ތަމްރީނު ދޭނެކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު