ބޮލީވުޑު ފިލުމުތަކުގައި ކައިވެންޏަށް އެދި ހުށަހަޅާއިރު ދައްކުވައިދޭ ކަންތައްތަކަކީ ގިނަ ބައެއްގެ ހުވަފެނެކެވެ. ބޮލީވުޑުގެ ފިލުމުތަކުގައި އެކްޓަރުން ކައިވެނީގެ ހުށަހެޅުންތައް ވަރަށް ފުރިހަމަ ގެނެސްދީފައިވެއެވެ. ނަމަވެސް މި އެކްޓަރުންގެ ހަގީގީ ދިރިއުޅުމުގެ ބައިވެރިޔާއަށް ކައިވެނީގެ ހުށަހެޅުންތައް ހުށަހަޅައިފައިވަނީ ކިހިނެއް ހެއްޔެވެ؟

ޝާހުރުކް ޚާނާއި ގައުރީ ޚާން

ފުރަތަމަ ނަޒަރުން ލޯބިވެވުނު މި ދެ ފަންނާނުންގެ ގުޅުމަށް އައި ހުރަސްތަކެއްގެ ސަބަބުން ދެ މީހުން ދެ ހިސާބެއްގައި އުޅެން ޖެހުނެވެ. ނަމަވެސް ޝާހުރުކް ވަނީ ގައުރީގެ ފަހަތުން އޭނާ ހޯދުމަށް ގޮއްސައެވެ. ޝާހުރުކް ޚާނަށް ގައުރީ ފެނުނީ ދިއްލީގެ ގޮނޑުދޮށެއްގައި ހުއްޓައެވެ. އެތަނުގައި ޝާހުގެ ކުޑަކަކޫ މައްޗަށް ތިރިވެ ގައުރީއާއި ކައިވެނި ކުރުމަށް ހުށަހެޅިއެވެ.

ސައިފް ޢަލީ ޚާނާއި ކަރީނާ ކަޕޫރު ޚާން

ފިލުމު ''ތަޝަން'' އިން ލޯބީގެ ގުޅުން ފެށިފައިވާ މި ގުޅުން ކައިވެންޏަށް ބަދަލު ކުރުމަށް ސައިފް ތިން ފަހަރަށް ކަރީނާ ގާތު އިންނަން އަހައިފައިވެއެވެ. އެންމެ ފުރަތަމަ ބަރއެއްގެ ތެރޭގައި ކައިވެންޏަށް އެދުމުން ކަރީނާ ވަނީ ނޫނެކޭ ބުނެފައެވެ. ދެން ޗާޗެއްގެ ތެރޭގައި އެހުމުން ވެސް ކަރީނާ ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. ތިންވަނަ ފަހަރަށް ސައިފް ކަރީނާ ގާތު އިންނަން އަހާފައިވަނީ ސައިފުގެ މަންމައަށް ކައިވެނީގެ ހުށަހެޅުން އޭނާގެ ބައްޕަގެ ފަރާތުން ލިބިފައިވާ ޕެރިސްގައެވެ. ތިންވަނަ ފަހަރު ސައިފުގެ ހުށަހެޅުން ކަރީނާ ގަބޫލު ކުރިއެވެ.

ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯނަސް

ޕްރިޔަންކާއަށް ކައިވެންޏަށް ހުށަހެޅުމުގެ ކުރިން އަނގޮޓިއެއް ގަތުމަށް ނިކް ވަނީ ލަންޑަންގެ ޖުވެލަރީ ފިހާރެއް ވަކި ވަގުތަކަށް ނަގާފައެވެ. އަދި ޕްރިޔަންކާގެ އުފަންދުވަހުގެ އެއް ދުވަސް ކުރިން ކްރީޓްއަށް ކުރި ދަތުރުގެ ތެރެއިން ނިކް ވަނީ އޭނާގެ ކުޑަކަކޫ މައްޗަށް ތިރިވެ ޕްރިޔަންކާއަށް ކައިވެންޏަށް އަހައިފައެވެ.

އަކްޝޭ ކުމާރާއި ޓްވިންކަލް ކަންނާ

ފިލުމު ''އިންޓަނެޝަނަލް ކިލާޅީ'' އިން ލޯބީގެ ގުޅުން ފެށުމަށް ފަހު އެއް އަހަރު ފަހުން ޓްވިންކަލްއަށް އަކްޝޭގެ ހުށަހެޅުން ލިބުމުން އެކަމަށް އިންކާރު ކުރީ ކެރިއަރއަށްޓަކައެވެ. ޓްވިންކަލްގެ ފިލުމު ''މޭލާ'' ފްލޮޕް ވެއްޖެނަމަ އަކްޝޭއާއި ކައިވެނި ކުރާނެ ކަމަށް ޓްވިންކަލް ބުނެފައިވެއެވެ. ފިލުމު ފްލޮޕްވެ އަކްޝޭއާއި ޓްވިންކަލްގެ ކައިވެނި ކުރެވުނެވެ.