ރިތިކް ރޯޝަންއަކީ ބޮލީވުޑުގެ އިތުރުން ހޮލީވުޑު ފިލުމުތަކުގައި ވެސް އެކްޓް ކުރެވޭ ފަދަ ހުނަރުވެރި އެކްޓަރެއް ކަމަށް އެންމެން ވެސް ގަބޫލު ކުރާނެއެވެ.

2009 ވަނަ އަހަރު ނިކުތް ގުރީޑް ގޮޑްގެ ''ދި ޕިންކް ޕެންތާ 2'' ގައި މަސައްކަތް ކުރުމުގެ ފުރުސަތު ރިތިކްއަށް ވެސް ލިބުނެވެ. މި ފިލުމުގައި އައިޝްވާރިޔާއާއި އެކު މަސައްކަތް ކުރުމަށް ލިބުމުން އެ ފިލުމު ކުޅުމަށް އެއްބަސްވި ނަމަވެސް ފަހުން އޭނާ ވަނީ އެ ފިލްމް ދޫކޮށްލާފައެވެ.

މި ފިލުމުގައި އެންޑީ ގަރޝިއާ އަދާކޮށްފައިވާ ރޯލު ވިސެންޒޯ ބްރޭންސަލިއޯންގެ ރޯލު ކުޅުމަށް ވަރަށް ބޭނުންވެފައި ހުރި ނަމަވެސް ފަހުން ރިތިކް މި ރޯލު ދޫކޮށްލާފައިވަނީ މި ރޯލާއި މެދު ހިތްހަމަ ނުޖެހޭތީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ރިތިކްއާއި ގާތް ގުޅުމެއް އޮންނަ ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި ރިތިކްއަކީ މި ފިލުމުގެ ސްކްރީން ޕްލޭ ލިޔެފައިވާ ސްޓީވް މާޓިންގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށާއި އަދި ޕިންކް ޕެންތާގައި މަސައްކަތް ކުރުމަށް އޭނާ ވަރަށް އުފަލުން ހުރި ކަމަށެވެ. ނަމަވެސް ފަހުން އެ ރޯލުގައި އޭނާ ޝައުގުވެރިވާ މާބޮޑު ކަންތައްތަކެއް ނެތުމުން ރޯލު ދޫކޮށްލީއެވެ. އަދި އެ ފިލުމު ކުޅެވެން ނެތްކަމަށް ޕްރޮޑިއުސަރުން އެންގީ ކަމަށް ވެސް އެ ފަރާތުން ބުނެފައިވެއެވެ.

އައިޝްވާރިޔާ ރާއީ ވެސް މި ފިލުމުގައި ސޮއި ކޮށްފައިވަނީ ރިތިކް ރޯޝަން ވެސް ފިލުމުގައި ބައިވެރިވާ ކަމުގެ މަޢުލޫމާތު ލިބިގެން ކަމަށް ރިޕޯޓްތަކުގައިވެއެވެ. އަދި ރިތިކް މި ފިލުމު ނުކުޅޭކަން އެނގުމުން އައިޝްވާރިޔާ ވަރަށް ''ޑިސަޕޮއިންޓް''ވި ކަމަށް ވެސް އޭނާގެ އެޖެންސީއިން ބުނެފައިވެއެވެ.